އިސްލާމް ދީނަކީ ރައްކައުތެރިކަމަށް ބާރުއަޅާ ދީނެވެ. އަމިއްލަ ގެއަށް ޒިޔާރަތްކުރާ ހިލޭ ފިރިހެނުންގެ ކުރިމައްޗަށްވެސް އަނބިން ނެރެ ދޫކޮށްލުން ހުއްދަވެގެނެއް ނުވެއެވެ. ހަމަ އެއާއިއެކު އެކުވެރި އަންހެނުންނާއި ފިރިމީހާ އެކަހެރިކޮށް ބައްދަލުކުރަން ފުރުޞަތު ދިނުމެއްވެސް ނެތެވެ. ޝައިޠޯނާ ދެމެދަށް ވަދެގަންނާނީ ކޮންގޮތަކަށްކަން ނުވެސް ވިސްނޭނެއެވެ. ދިރިއުޅުމުގައި ގިނަ ފަހަރު މައްސަލަތައް ކުރިމަތިވަނީ މިކަންކަމަށް ސަމާލުކަން ނުދެވޭތީއެވެ.
ކޮންމެ މީހެއްގެވެސް އެކުވެރިންތިބޭނެއެވެ. ގާތް އެކުވެރިންނާއި ވަރަށް ގާތް އެކުވެރިންވެސް ތިބޭނެއެވެ. އެހެންކަމާއިއެކުގައިވެސް ތިމާއާއި އެކުގައި އުޅޭ އެއްވެސް މީހަކީ ތިމާއަށް އެއްވެސް ގެއްލުމެއް ނުވަތަ ދެރައެއް ނުދޭނެ މީހެއްކަމަށް ނުދެކޭށެވެ. އަދި ކިތަންމެ ބޮޑު ދެރައެއްވެސް ދީފާނެ މީހެއްކަމަށް އަބަދުވެސް ވިސްނަންވާނެއެވެ!
އެއީ އިތުބާރު ނުކުރުމެއްވެސް ނޫނެވެ. އެއަށް ކިޔާނީ އިންތަކުގައި ހިފެހެއްޓުމެވެ. ކޮންމެ ކަމެއްގައިވެސް ހިފަހައްޓަންޖެހޭ އިންތަކެއް ހުންނާނެއެވެ. އެކަން ޢަބަދުވެސް ޤަބޫލުކުރަންވާނެއެވެ. ޤަބޫލުކުރުމަކީ ޢަމަލުވެސްކުރުމެވެ.
މިބުނި ބަހުގެ މާނައަކީ ކޮންމެހެން ހުރިހާ އެކުވެރިންނަށް ޝައްކުގެ ނަޒަރުން ބަލައި އަބަދު ފާރަވެރިވެގެން ހުރުމެއް ނޫނެވެ. ނަމަވެސް ކިތަންމެ ބޮޑު ދެރައެއްވެސް ދީފާނެ ކަމަށް ވިސްނައިގެން ހުރެ އެކުގައި އުޅުމެވެ. އެއްވެސް މީހަކަށް ހުރިހާ ކަންކަމުގައި އެއްވެސް އިމެއް ނެތި އެންމެ ބޮޑަށް އިތުބާރުނުކުރުމެވެ. އަދި ފާރަވެރިވާންޖެހޭ މިންވަރަށް ފާރަވެރިވާންވެސް ޖެހޭނެއެވެ. އެއީ ކުރަންޖެހޭ ކަމެކެވެ.
ޚާއްޞަކޮށް ފައިސާގެ ކަންކަމުގަ އާއި ޙަޔާތުގެ ބައިވެރިޔާގެ ކަންކަމުގައި އެއްވެސް މީހަކަށް މާބޮޑަށް އިތުބާރުނުކުރާށެވެ! އިންސާނުންގެ ދަހިވެތިކަން އެންމެ ބޮޑީ އެކަންކަމުގައެވެ. ރަނގަޅަށް ހުންނަން، ތެދުވެރިކަމުގައި ސާބިތުވާން ނިޔަތްގަނެގެން ތިބޭ އެތައް ބައަކުވެސް ފުރުޞަތު ލިބުމުން އެދެކަންތަކުގައި ގޯޅިއަޅައެވެ. މަގުން ކައްސައިލައެވެ. އަޚްވަންތަކަން ހަނދާންނެތިގެންދެއެވެ.
އެއްވެސް މީހަކަށް ދަރަންޏަށް ފައިސާ ދޭނަމަ ލިޔެކިޔުން ފުރިހަމަކުރަން ދީނުގައި އޮތީ އެހެންވެގެންނެވެ. ހަމައެއާއިއެކު އަނބިމީހާގެވެސް ފިރިމީހާގެވެސް ކަންކަން ކިތަންމެ ގާތް މީހަކާއި ނަމަވެސް ޙަވާލުކުރުމެއް ނެތެވެ. އެކަމުގެ ތެރެއިން ހިނގައިފާނެ ނުބައިކަމަކަށްޓަކައެވެ! ކިތަންމެ ބޮޑު ދެރައެއްވެސް ލިބިދާނެކަމަށްޓަކައެވެ. މުޅި ދިރިއުޅުން ބަނގުރޫޓުވެގެން ހިނގައިދާނެކަމަށްޓަކައެވެ. މުޅި ޢުމުރަށް ކަރުނައަޅަންޖެހިދާނެކަމަށްޓަކައެވެ.
ދެމަފިރިންގެ މެދަށް އެންމެ ގާތް އެކުވެރިޔާ ވަނުމަކީ ހަމަ ވަރަށް ގިނައިން ކުރިމަތިވާ ކަމެކެވެ. ވީމާ މިއީ ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަމެކެވެ. އެންމެ ގިނައިން ކުރިމަތިވާ އެއްކަމަކީ ތިމާއަށްވުރެ އުފާވެރި ދިރިއުޅުމެއް އެހެން ދެމަފިރިއަކު އުޅޭތަން ފެނުމުން ޙަސަދަވެރިވެވުމެވެ. އެކަމުގެ ނޭދެވޭ އަސަރު ކުރާކަމެވެ. ވީމާ އެންމެ ގާތް މީހުންނާއިވެސް ދިރިއުޅުމުގެ ހުރިހާ އުފާތަކެއް ހިއްޞާނުކުރާށެވެ! ކިތަންމެ ގާތް އެކުވެރިއެއް ނަމަވެސް ވަކި އިމެއްގައި ބަހައްޓާށެވެ!
މިކަންކަމުގައި ފޭލްވެއްޖެނަމަ ކުރިން ބުނި ފަދައިން މުޅި ދިރިއުޅުން ބަނގުރޫޓުވެގެން ހިނގައިދާނެއެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން