އެކުވެރިންނަށް ވަޤުތުދޭން ހަދައިގެން ބައިވެރިޔާގެ ކަންކަމަށް އިހްމާލުވާނަމަ ލިބޭ ދެރަ ފޫނުބެއްދޭނެ! އެސަބަބަށްޓަކައި ކައިވެނި ރޫޅުނަސް ބައިވެރިޔާ ކުށްވެރި ނުކުރެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
އެކުވެރިންނަށް ވަޤުތުދޭން ހަދައިގެން ބައިވެރިޔާގެ ކަންކަމަށް އިހްމާލުވާނަމަ ލިބޭ ދެރަ ފޫނުބެއްދޭނެ! އެސަބަބަށްޓަކައި ކައިވެނި ރޫޅުނަސް ބައިވެރިޔާ ކުށްވެރި ނުކުރެވޭނެ!

މިރޭ ބަހެއް ބުނަން މަސައްކަތްމިކުރަނީ ކައިވެނިތައް ރޫޅެން މެދުވެރިވާ ވރަށް ޢާންމު ކަމަކާއިބެހޭ ގޮތުންނެވެ. ގިނަ ބައަކަށް އެކަން އެގޮތަށް ކުރެވެނީ ހަމަ ނުވިސްނޭތީކަމަށް ވަރަށް ހީވެއެވެ.  

ހަމަޤައިމުވެސް ކައިވެންޏަށް ދެމީހުންވެސް އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭނީ ބައިވެރިޔާއަށް ކަމާއިމެދު އެއްވެސް މީހަކު ދެބަސްވާނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. އަދި އެނޫން ގޮތަކަށް ޤަބޫލުކުރި ނަމަވެސް ޙަޤީޤަތަކީ އެއީ ނޫންކަމަކަށް ނުހެދޭނެއެވެ. ދިރިއުޅުމަށް އެންމެ ފައިދާކުރާނެ ގޮތަކީ އެއީ ކަމަށްވާތީއެވެ.  

ނަމަވެސް ގިނަ ބައަކަށް އެކުވެރިންނަށް އިސްކަން ދެވެއެވެ. އެކުވެރިންނާއި ވާހަކަދައްކަން ހަދައިގެން ނުވަތަ ފޮނުވާ މެސެޖްތަކަށް ޖަވާބުދޭން ހަދައިގެން ނުވަތަ އެކުވެރިންނާއިއެކު ވަޤުތު ހޭދަކުރަން ހަދައިގެން ބައިވެރިޔާއަށް ކޮށްދޭންޖެހޭ ކަންކަމުގައި އެބަ އިހްމާލްވެވެއެވެ. އެކަން ޙައްލުނުކުރެވި ދިގުލައި ދަމުންގޮސް މައްސަލަ ބޮޑުވެ ކައިވެނި ރޫޅޭ ޙާލަތަށް ދިއުމަކީ މިހާރު މަދުން ދިމާވާ ކަމެއް ނޫނެވެ.  

އަހުރެން ފަދަ މުސްކުޅިއަކު ބުނުމުން ޤަބޫލުކުރަން އުނދަގޫވެދާނެއެވެ. އެފަދަ ކަމެއް އަމިއްލައަށް ތަޖުރިބާ ކުރެވިފައި ނެތްނަމަ އެކުވެރިންނާއި ސުވާލުކޮށް ނިކަން އޮޅުންފިލުވަބަލާށެވެ! އެމީހެއްގެ ދިރިއުޅުން ދަތިއުނދަގޫ ޙާލަތަށް ވެއްޓިއްޖެނަމަ އެހީތެރިނުވާތަނުގައި ގިނަ ފަހަރު އެންމެ އެކުވެރިއަކުވެސް ފެނޭހެއްޔެވެ؟ އެންމެ ކުޑަމިނުން ގުޅިޔަސް ފޯނުވެސް ނަގާހެއްޔެވެ؟ ޖަވާބަކީ އެކުވެރިން އެހީތެރިވާކަމާއި ބައްދަލުކޮށް އުޅޭކަމާއި ފޯނުނަގާކަމަށްވުން ކަމަށް ވެއްޖެނަމަ އެމީހަކު ވާނީ ވަރަށް ބޮޑު ނަޞީބުވެރިއަކަށެވެ. ތަޖުރިބާއިން އެނގެނީ އެފަދަ ނަޞީބުވެރިން އިންތިހާއަށް މަދުކަމެވެ. ސަތޭކައަކުން 2، 3 މީހުންނަށްވުރެ ގިނަ ނޫން ކަމެވެ.  

ކޮންމެއަކަސް ނަޞޭޙަތަކީ އެކުވެރިންނަށް ވަޤުތުދޭން ހަދައިގެން ބައިވެރިޔާގެ ކަންކަމަށް އިހްމާލުނުވާށެވެ! އެކަމުން ލިބޭ ގެއްލުން އޮންނާނީ ފޫނުބެއްދިފައެވެ. އަދި އެސަބަބަށްޓަކައި ކައިވެނި ރޫޅިއްޖެނަމަ ބައިވެރިޔާ ކުށްވެރި ނުކުރާށެވެ! އަދި ކީއްހެއްޔެވެ؟ އެއީ އަހުރެމްނެގެ ދީންވެސް ހުއްދަކުރާ ގޮތެއް ނޫނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން