ކުޑަކަމުދިއުމަށް ހޮޅި ގުޅާފައިވާ ބަލިމީހަކު ވުޟޫކޮށް ނަމާދުކުރާނީ ކިހިނެތް؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 14ސ
ކުޑަކަމުދިއުމަށް ހޮޅި ގުޅާފައިވާ ބަލިމީހަކު ވުޟޫކޮށް ނަމާދުކުރާނީ ކިހިނެތް؟

ބަލިޙާލުގައި އެމދުމަތިވެ އެކިޙާލުގައި ތިބި މައިންބަފައިން ލައްވައި ނަމާދުކުރުވާނެ ގޮތާއިބެހޭ ގޮތުން ކިޔުންތެރިން ސުވާލުކުރައްވާތީ މިގެނެސްދެނީ ޢަމަލުކުރަން އޮތް ގޮތެވެ.   

ތަފާތު ބަލިތައް ޖެހުމުން ކުރިމަތިވާ މައްސަލަކާއި ގުޅިގެން ކުޑަކަމުދާހޮޅި އަބަދު ގުޅާފައި ބަހައްޓަންޖެހޭ މީހުންވެސް އެބަތިއްބެވެ. އެނދުމަތި ނުވި ނަމަވެސް ހޮޅިއާއިއެކު ދިރިއުޅެންޖެހިފައިވާ މީހުން ވެސް އެބަތިއްބެވެ.   

މިއިން ކޮންމެ ޙާލަތެއްގައިވެސް މީހާ ދުނިޔޭގައި ހުރެ ހަމަހޭހުރިނަމަ ނަމާދު ވާޖިބުވެއެވެ. އެކަނި ވުޟޫކުރެވޭނަމަ ވުޟޫކޮށް ނަމާދުކުރަންޖެހޭނެއެވެ. އެކަނި ނުކުރެވޭ މީހާޢަށް ވުޟޫކޮށްދީ އެހީތެރިވުމަކީ ދަރިންނާއި އެހީތެރިންގެ މައްޗަށް އޮތްވާޖިބެކެވެ.   

ކުޑަކަމުދިއުމަށް ހޮޅި ގުޅާފައިވާ މީހަކު ވުޟޫކޮށް ނަމާދުކުރާނެ މަގު!  

އެފަދަމީހަކު ނަމާދުކުރާނީ އޭނާ އެއޮތް ޙާލަތުގައެވެ. އެއީ ކުޑަކަމުދިއުން ކޮންޓްރޯލު ނުކުރެވޭމީހާއާއި އިސްތިޙާޟާވާ އަންހެނާ ފަދައިންނެވެ. ނަމާދު ވަގުތު ވަންނަހިނދު ބަލިމީހާ އެއޮންނަ ޙާލަތުގައި ނަމާދުކުރާނީއެވެ. ފެން ބޭނުންކުރުމަށް ނުކުޅެދޭމީހެއްނަމަ ތަޔައްމުމު ކުރާނީއެވެ. ފެން ބޭނުންކުރެވޭނަމަ އޭނާގެ މައްޗަށް ވާޖިބުވެގެންވަނީ ފެނުން ވުޟޫކުރުމެވެ. އެއީ ﷲ عز وجل ގެ ވަޙީބަސްފުޅުގައިވާ ފަދައިންނެވެ. 

﴿فَاتَّقُوا اللَّـهَ مَا اسْتَطَعْتُمْ﴾ [سورة التغابن 16] 

މާނައީ: “ފަހެ، ތިޔަބައިމީހުންނަށް ކުޅަދާނަވީވަރަކުން، ތިޔަބައިމީހުން ﷲއަށް ތަޤުވާވެރިވާށެވެ!” 

އެއަށްފަހު ނުކުންނަ އެއްޗަކުން (އޭނާގެ ވުޟޫއަށް) އަސަރެއް ނުކުރާނެއެވެ. ނަމަވެސް އޭނާ ވުޟޫކުރަންވާނީ ނަމާދު ވަގުތު ވަނުމުންނެވެ. ދެން އެއަށްފަހު، (ނަމާދު ނިމުމުގެ ކުރިން) އެއްޗެއް ނުކުތްކަމުގައިވިޔަސް، އޭނާ ނަމާދު (ފުރިހަމަ)ކުރާނީއެވެ. އެއީ ކުޑަކަމުދިއުން ކޮންޓްރޯލު ނުކުރެވޭމީހާ ފަދައިންނެވެ. އެފަދަމީހަކު ނަމާދުކުރަމުން ދަނިކޮށް ކުޑަކަމުދާ ތަކެތި ބޭރުވިޔަސް ނަމާދު (ފުރިހަމަ)ކުރާނީއެވެ.  

އަދި އިސްތިޙާޟާވާ އަންހެނާވެސް ހަމަ އެފަދައެވެ. ދިގު މުއްދަތަކަށް ލޭ އައިކަމުގައިވިޔަސް، ނަމާދު ވަގުތުގައި އޭނާ އެވާ ޙާލަތުގައި ނަމާދުކުރާނީއެވެ. އެފަދައިން އަބަދު ޙަދަޘްވެރިވާމީހާ ވުޟޫކުރާނީ ނަމާދު ވަގުތު ވަނުމުންނެވެ. އެއީ އިސްތިޙާޟާވެފައިވާ އަންހެނާއަށް ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވި ފަދައިންނެވެ.

«ثُمَّ تَوَضَّئِي لِكُلِّ صَلاَةٍ » [رواه البخاري / كتاب: الوضوء / باب: غسل الدم / رقم: 228]

މާނައީ: “ދެން، ކޮންމެ ނަމާދަކަށްވެސް ވުޟޫކުރާށެވެ.” 

ކުޑަކަމުދިއުން ކޮންޓްރޯލު ނުކުރެވޭމީހާއާއި އިސްތިޙާޟާވާ އަންހެނާ އަދި މިސުވާލުގައި އެވާމީހާއަށް، ނަމާދު ވަގުތު ވަނުމުން އެފަދައިން ނަމާދު ކުރެވޭނެއެވެ. ސުންނަތް ނަމާދާއި ފަރުޟު ނަމާދުވެސް މެއެވެ. އަދި މުސްޙަފުން ޤުރުއާންވެސް ކިޔެވޭނެއެވެ. އަދި މައްކާގައިވާ މީހާއަށް ގެފުޅުގައި ޠަވާފުވެސް ކުރެވޭނެއެވެ. ނަމަވެސް އެނަމާދުގެ ވަގުތު ނިމުމުން އެކަންކަމުން ދުރުހެލިވާން ޖެހޭނެއެވެ. އެއީ ދެން ފެށޭ ނަމާދަށް ވުޟޫކޮށްފުމަށް ދާންދެނެވެ.

والله ولي التوفيق. 

މަސްދަރު: ދިސަލަފިއްޔާ

______________________

الفتاوى المتعلقة بالطب وأحكام المرضى للشيخ عبد العزيز بن عبد الله بن باز رحمه الله، ص: 33-34.

 

މިއަދު އޮންލައިން