ލޯބިވެެގެންވިޔަސް، ކައިވެނީގެ ފަހުންވިޔަސް ވެފައިހުންނަ އަހުދު އުވާލުމަކީ ކިހާބޮޑު ފާފައެއްކަން އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 57ސ
ލޯބިވެެގެންވިޔަސް، ކައިވެނީގެ ފަހުންވިޔަސް ވެފައިހުންނަ އަހުދު އުވާލުމަކީ ކިހާބޮޑު ފާފައެއްކަން އެނގޭތަ؟

ކައިވެނިކުރެވެނީ ލޯބިވެގެން ދެމީހުންގެ މެދުގައި ވެވޭ އަހުދުތަކެއްގެ މައްޗަށެވެ. އަދި ކައިވެނިކުރުމަށްފަހު ދިރިއުޅެންފަށަނީވެސް ވަޢުދުތަކާއި އަހުދުތަކުގެ މައްޗަށެވެ. ނަމަވެސް ޑާދި އަވަހަށް ވަޢުދުތަކާއި އަހުދުތައް އުވާލެވެމުންދާކަމީ ހިތާމަހުރި ކަމެކެވެ.  

އެހެންކަމުން މިގެނެސްދެނީ ކޮންމެ މީހަކުވެސް ވިސްނާލުން މުހިންމު ޙަދީޘްފުޅެއް ހިމެނޭ މުހިންމު ލިޔުމެކެވެ.  

އަހުރެމެންގެ ދީނަކީ އަހުދުތަކަށް ކަމޭ ހިތައި އިޙްތިރާމްކުރުމުގެ ދީނެވެ. އަހުދުވުމަށްފަހު އަހުދަށް ފަރުވާތެރިވެ ރައްކައުތެރިވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އަހުދަށް ރައްކައުތެރި ނުވެވުމަކީ ފާފައެކެވެ. އެކަން އެނގެނީ އަންނަނިވި ޙަދިޘްފުޅުންނެވެ.  

އިމާމް އަޙްމަދު ރިވާ ކުރައްވަވާފައިވާ ޙަދީޘްފުޅެއްގެ މާނައިގައި ވަނީ "އެމީހެއްގެ އަމާނާތްތެރިކަމެއް ނެތް މީހާގެ އީމާންތެރިކަމެއް ނުވެއެވެ. އަހުދުތަކަށް ފަރުވާތެރި ނުވާ މީހާގެ ދީނެއް ނުވެއެވެ." (މާނަކޮށްދެއްވީ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް) 

ވަރަށް ގިނަ ފަހަރު ކައިވެނިކުރެވެނީ ވައުދުތަކާއި އަހުދުތައްކުރުމާއިއެކުގައެވެ. އެކަކު އަނެކަކަށް އެތައް ގިނަ ކަންތައްތަކެއް ކޮށްދޭނެ ކަމުގެ ވައުދުތަކާއި އަހުދުތައްވެފައެވެ. ވީމާ މެދުވެރިވާ ކަމެއްގެ ސަބަބުން ދެމަފިރިންގެ ގުޅުން ކެނޑޭފަދަ ޙާލަތެއް މެދުވެރިވި ނަމަވެސް ކުރިންވެފައިވާ ވައުދުތަކާއި އަހުދުތައް ފުއްދަންވާނެއެވެ. ރޫޅައިލާނަމަ ދެމީހުންގެ މެދުގައި މަޝްވަރާކޮށް އެކަކު އަނެކަކަށް މާފުކުރަންވާނެއެވެ. މާފުހޯދަންވާނެއެވެ! 

ކައިވެނިކޮށްފިނަމަ އެކަކު އަނެކަކަށް ކަންތައްތަކެއް ކޮށްދޭނެކަމަށް ބުނެފައިވާނަމަ ކަންކަން ކޮށްދޭންވާނެއެވެ! އެހެނީ ކައިވެނި އެވަނީ ކުރެވިފައެވެ. ކައިވެނި ރޫޅެން ޖެހުމަކީ އިތުރު ކަމެކެވެ. ކޮށްނުދީ ދޫކޮށްލެވޭނީ އެކަމެއް ކޮށްދޭން ޖެހޭނެ ވަކި ޝަރުޠުތަކެއް ކަނޑައަޅާފައިމެ އެ ޝަރުޠުތައް ފުރިހަމަނުވާނަމައެވެ. އެ ޝަރުޠުތައް ފުރިހަމަނުކުރެވޭ ނަމައެވެ.  

ވައުދުވީ މީހާ ބޭނުންވެގެން ކައިވެނި ރޫޅައިލާނަމަ ވެފައިވާ ވައުދުތައް ފުއްދައި ނުދީވާނެ ހަމަ އެއްވެސް ގޮތެއް ނުއޮންނާނެއެވެ. ވެފައިވާ ހުރިހާ ވައުދުތަކެއް ޖެހޭނީ ފުއްދައިދޭށެވެ! ނޫންނަމަ އެކަން ވާނީ ދަރަންޏަކަށެވެ! އަދާކުރަން ނުޖެހއެއް ނުދާނެއެވެ.  

ވީމާ ކުރެވިފައވާ ވައުދުތަކާއި އަހުދުތަކަށް ފުރިހަމައަށް ރައްކައުތެރިވާށެވެ! އެއީ ކޅިވަރެއް ކަމަށް ނުހަދާށެވެ! ލިޔެފައި ނެތި ދުލުން ބުނެވިފައިވީނަމަވެސް ހެއްކެއް ނެތް ނަމަވެސް މެއެވެ. އެބަސްތައް މަލާއިކަތުން ވަނީ ފަތުގައި ލިޔުއްވަވައިފައެވެ. ވައުދާއި އަހުދު ފުއްދުމަކީ ތިމާގެ ދިރިއުޅުމުގައި ރަޙްމަތް ލައްވަވާ ސަބަބެއްވެސްމެއެވެ! ރަޙްމަތް ލައްވަވާ ސަބަބެއްވެސްމެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން