އަޅުކަން ކުރަން އޮތީ ޤަބޫލުފުޅުކުރައްވަވާނެ ފެންވަރުގަ!: ތިމާއަށް ކުރެވޭ އަޅުކަން އަޅުކަމަކަށް ހަދަން ކޮންމެހެންވެސް ސަމާލުކަންދޭންޖެހޭނެ ބައެއް ކަންކަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 55ސ
އަޅުކަން ކުރަން އޮތީ ޤަބޫލުފުޅުކުރައްވަވާނެ ފެންވަރުގަ!: ތިމާއަށް ކުރެވޭ އަޅުކަން އަޅުކަމަކަށް ހަދަން ކޮންމެހެންވެސް ސަމާލުކަންދޭންޖެހޭނެ ބައެއް ކަންކަން!

އާޚިރަތް ދުވަހު އެންމެ ބޮޑަށް ދެރަވެ ހިތާމަކުރަންޖެހޭނެ އެއްބައަކީ އަޅުކަންކޮށް އެކަމުން ފައިދާނުކުރި މީހުންނެވެ. އެއީ އެމީހުން އަޅުކަންކުރިނަމަވެސް ފަރުވާކުޑަކުރެވުނީތީއެވެ. ކަމަކަށް ކަމެއް ކުރާ އުޞޫލުން ކުރެވުނީތީއެވެ. އެ ޢަމަލުތައް ﷲ ތަޢަލާ ޤަބޫލުފުޅު ނުކުރެއްވެވީތީއެވެ.

ވީމާ ތިރީގައިވާ ލިޔުން ވިދާޅުވެލެއްވުން ވަރަށް މުހިންމުކަން ފާހަގަކުރެވެއެވެ. 

ދުނިޔޭގައި ހެޔޮ އަމަލުތައް ކުރި ގިނަކަމުން ޤިޔާމަތް ދުވަހު ބޮޑެތި ބޮޑެތި ފަރުބަދަތައްހައި ގިނަ ފުނިތައް ހިފައިގެން ﷲ ތަޢާލާގެ ޙަޟްރަތަށްދާނެ ބައަކުވެސް ތިބޭނެއެވެ. އެއިގެ ތެރެއިން އެއްބައެއްގެ ކުރިމަތީގައި އެމީހުން ގންދިއަ ބޮޑެތި ފަރުބަދަތައް އެއްވެސް އަގެއް ނެތްތަކެތިކަުގައިވެ ވަޔަށް ޖައްވަށް ބުރަބުރައިގންދާނެއެވެ. 

އެފަދަ މީހަކު ކަމުގައި ހިމެނި އާޚިރަތް ގެއްލިދިއުމުން ސަލާމަތްވުމަށް އެދޭމީހާ މިކަންކަމަށް ވިސްނައިލުން ބުއްދިވެރިއެވެ. 

މީހަކު ފާފައެއް ނުކޮށް ދޫކޮށްލާނީ އަންނަނިވި ޙާލަތްތަކުގެ ތެރެއިން ކޮންމެވެސް އެއް ޙާލަތެއްގައެވެ. 

އެންމެ ފުރަތަމަ ޙާލަތް: 

އެއީ ﷲ ތަޢާލާއަށް ބިރުން ފާފަ ނުކޮށް ދޫކޮށްލުމެވެ. މި ޙާލަތުގައި އެ ފާފަނުކޮށް ދޫކޮށްލުމުގެ ސަބަބުން އޭނާއަށް އަޖުރު ލިބޭނެއެވެ. ޤުދުސިއްޔަ ޙަދީޘެއްގައި ވެއެވެ. ((  ތިމަން އިލާހަށްޓަކައި އޭނާ އެކަން ( އެބަހީ : އެ ފާފަ ) ނުކޮށް ދޫކޮށްލައިފިނަމަ، އެކަން އެއީ އޭނައަށްޓަކައި ހެޔޮކަމެއް ކަމުގައި ލިޔުއްވާށެވެ…  )) رواه البخاري  

ދެވަނަ ޙާލަތް: 

މީސްތަކުންނަށް ދެއްކުންތެރިކަމުގެ ގޮތުން ނުވަތަ މީސްތަކުންގެ މަދަހަ ޘަނާ ލިބުމަށް އެދި އެ ފާފައެއް ނުކޮށް ދޫކޮށްލުމެވެ. މި ޙާލަތުގައި އެ ފާފަ ދޫކޮށްލުމުގެ ސަބަބުން، އެއްވެސް އަޖުރެއް ނުލިބޭނެއެވެ. ނަމަވެސް އޭގެ ސަބަބުން އޭނާ ފާފަ ވެރިވުންވެސް އެކަށީގެންވެއެވެ. އެހެނީ ފާފައެއް ކުރެވެން އޮށްވާ ނުކޮށްދޫކޮށްލުމަކީ އަޅުކަމެކެވެ. އަޅުކަމެއް ﷲ ތަޢާލާ ފިޔަވައި އެހެންފަރާތަކަށް އަނބުރާލުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. 

އިބްނު ރަޖަބު ރަޙިމަހުﷲ ވިދާޅުވެފައި ވެއެވެ: 

ފާފައެއް ކުރުމަށް ހިތަށް އެރުވުމަށްފަހު، މަޚްލޫޤުންތަކަކަށް ބިރުން ނުވަތަ ދެއްކުންތެރިކަމުގެ ގޮތުން އެ ޢަމަލެއް ނުކޮށް ދޫކޮށްލައިފިނަމަ، ބުނެވެއެވެ : މިފަދަ ނިޔަތެއްގައި އޭނާ އެ ފާފަ ނުކޮށް ދޫކޮށްލައިފިނަ(ނިޔަތުގެ ސަބަބުން) އޭނައަށް ޢަޒާބު ލިބޭނެއެވެ. އެހެނީ ﷲ ތަޢާލާއަށް ގަންނަން ޖެހޭ ބިރަށްވުރެ، މަޚްލޫޤާތްތަކުންނަށް ގަންނަ ބިރު އިސްކުރުން ހުއްދަވެގެން ނުވެއެވެ. ހަމަ އެފަދައިން މަޚްލޫޤާތްތަކުންނަށް ދެއްކުތެރިވުމުގެ ޤަޞްދުގައި އެކަން ކުރުމަކީވެސް ޙަރާމްކަމެކެވެ. ފާފައެއް ދޫކޮށްލުން މިފަދަ ކަމަކާއި(މީސްތަކުންނަށް ބިރުންނާއި ދެއްކުންތެރިކަމާއި) ގުޅުވާލައިފިނަމަ އެ ދޫކޮށްލުމުން އޭނާއަށް ޢުޤޫބާތްލިބޭނެއެވެ. “ جامع العلوم والحكم 

އިބްނުލް ޤައްޔިމުލް ޖަވްޒިއްޔާ ރަޙިމަހުﷲ ވިދާޅުވިއެވެ.  

ދެވަނަ ޙާލަތަކީ : އެފާފަ ނުކޮށް ދޫކޮށްލާމީހާ، ﷲ ތަޢާލާ ފިޔަވާ އެހެން ފަރާތަކަށްޓަކައި ދޫކޮށްލާ ދޫކޮށްލުމެވެ. މިއީ، މިކަން ނުކޮށް ދޫކޮށްލާ މީހާއަށް ޢުޤޫބާތް ލިބޭނެއެވެ. އެއީ ﷲ ތަޢާލާ ފިޔަވައި އެހެން ފަރާތަކަށް ޢަމަލެއް(އަޅުކަމެއް) ކުރާމީހަކަށް ޢުޤޫބާތްލިބޭ ފަދައިންނެއެވެ. ފަހެ ހަމަކަށަވަރުން އެ ދޫކޮށްލި ދޫކޮށްލުމަކީ، ނުވަތަ އެ މަނާވެގަތް މަނާވެގަތުމަކީ ހިތުގެ ޢަމަލުތަކުގެ ތެރެއިން ޢަމަލެކެވެ. އަޅުކަމެއް ﷲ ތަޢާލާ ފިޔަވައި އެހެންފަރާތަކަށް އަނބުރާލުމަކީ ޢުޤޫބާތް ޙައްޤުވެގެންވާ ކަމެކެވެ.   شفاء العليل  

ތިންވަނަ ޙާލަތް: 

އެއީ މީސްތަކުންނަށް ލަދުން ފާފައެއް ނުކޮށް ދޫކޮށްލުމެވެ. މި ގޮތައް ދޫކޮށްލުމަކީ އޭނާގެ މައްޗަށް އެއްވެސް ފާފައެއް އޮތްކަމެއްނޫނެވެ. ނަމަވެސް އެ ދޫކޮށްލުމުގައި ޝަރުޢީ މަޤުޞަދެއް އެކުލެވިގެންވާނަމަ ފަހަރުގައި އެކަމަށް ޘަވާބުވެސް ލިބިދާނެއެވެ. މިޘާލަކަށް ދީނުގެ ދަޢުވަތުގައި  އުޅުއްވާ ދާޢީންނަށް ނުވަތަ ދީނުގެ އަހުލުވެރިންނަށް ނުވަތަ ދީނަށް ހުތުރު ލިބިދާނެކަމަށްޓަކައި ( މީސްތަކުންނަށް ލަދުން ) އެކަމެއް ނުކޮށް ދޫކޮށްލުމެވެ. 

މިޙާލަތާއި ، ކުރިން ބަޔާންވެ ދިޔަ ދެވަނަ ޙާލަތުގެ ތަފާތު ” شفاء العليلص 170 . ގައި އަލް އިމާމް އިބްނުލް ޤައްޔިމް ރަޙިމަހުﷲ ބަޔާންކުރައްވާފައިވެއެވެ.

ހަތަރުވަނަ ޙާލަތް: 

އެ ފާފަ ކުރުމަށް ޝައުޤުވެރިކަމެއް ނެތުމުގެ ސަބަބުން، އެކަން ނުކޮށް ދޫކޮށްލުމެވެ. މި ޙާލަތުގައި އޭނަ އެ ފާފަ ނުކޮށް ދޫކޮށްލަނީ ﷲ ތަޢާލާއަށް ބިރުވެތިވެގެންނެއްވެސް ނޫނެވެ. އަދި އެއްވެސް މަޚްލޫޤަކަށްޓައެއްވެސް ނޫނެވެ. މިގޮތުން ފާފަ ދޫކޮށްލިޔަސް އެއްވެސް އަޖުރެއްް ލިބުމެއްނެތެވެ. އަދި ފާފަވެރިއެއްވެސް ނުވާނެއެވެ. 

ޝެއިޚުލް އިސްލާމް ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ: 

މިއީ ނުބައިކަމެއް ކުރުމަށް ހިތަށް އެރުވުމެވެ : އެއްގޮތަކީ އޭނާ ﷲ ތަޢާލާއަށް ބިރުވެތިވެ އެކަން ނުކޮށް ދޫކޮށްލުމެވެ. އަނެއްގޮތަކީ އެނޫން އެހެން ސަބަބެއް މެދުވެރިވެގެން އެކަން ނުކޮށް ދޫކޮށްލުމެވެ. ޙަދީޘްގައި އައިސްފައިވާ ފަދައިން ﷲ ތަޢާލާއަށްޓަކައި އެ ފާފަ ނުކޮށްދޫކޮށްލައިފިނަމަ ، ފުރިހަމަ ހެޔޮކަމެއްގެ އަޖުރު އޭނާއަށްޓަކައި ލިޔުއްވައެވެ. އަދި އެހެން ޙަދީޘެއްގައި އައިސްފައިވާ ފަދައިން އެނޫން ސަބަބަކަށްޓަކައި (އެ ފާފައާއި ހަމައަށް ވާސިލުވެވޭނެ މަގު ކޮންމެވެސް ގޮތަކުން ބަންދުވެގެން) އެ ފާފަ ނުކުރެވިއްޖެނަމަ އޭނާއަށްޓަކައި ފާފައެއް ނުލިޔުއްވައެވެ. “ مجموع الفتاوى 

ދަންނާށެވެ! ދެ ޝަރުޠެއް ފުރިހަމަނުވާހާ ހިނދަކު މުސްލިމެއްގެ ކިބައިން އަޅުކަމެއް ޤަބޫލެއްނުކުރެއްވެއެވެ:އެންމެ 

ފުރަތަމަ ޝަރުޠު : 

އެއީ ﷲ ތަޢާލާއަށްޓަކައި ނިޔަތް ޚާލިޞް ކުރުމެވެ. އެއީ އަޅާ ކުރާ އަޅުކަމުގެ މަޤުޞަދަކީ ހަމައެކަނި ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދުންކަމުގައި ހަދައިގެން އަޅުކަން އަދާކުރުމެވެ. ﷲ ތަޢާލާގެ ވަޖްހުފުޅު އަދައިގެން އަޅުކަން ކުރުމެވެ. އެހެން އެއްވެސް ފަރާތެއް އެކަމުގައި ޝަރީކު(ބައިވެރި) ނުކުރުމެވެ. 

ދެވަނަ ޝަރުޠު : 

އެއީ ﷲ ތަޢާލާ ބާވައިލެއްވި ޝަރީޢަތުގައި އައިސްފައިވާ ގޮތައް އެކަމެއްކުރުމެވެ. އެގޮތުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދައްކަވާދެއްވާފައިވާ ގޮތަށް އެކަމެއްކުރުމެވެ. ކޮންމެ އަޅުކަމެއްގައިވެސް އެކަލޭގެފާނަށް ތަބާވުމެވެ. އަދި އަޅުކަން އަދާކުރުމުގައި އެކަލޭގެފާނާއި ޚިލާފުވުން ދޫކޮށްލުމެވެ. އަދި އެކަލޭގެފާނުގެ ކިބައި ޘާބިތުނުވާ އާ އަޅުކަންތަކާއި ، އަޅުކަންތަކުގައި ފަހުން އައި ބަޔަކު ހަދާފައިވާ އާ (އަމިއްލަ ވިސްނުމުން ގެންނަ، ޘާބިތުނުވާ) ޙަރަކާތްތަކުން ދުރުހެލިވެގެން އަޅުކަން އަދާކުރުމެވެ. 

މިގޮތުން ބަލާއިރު، ދަރިފުޅަކު، އޭނަގެ ބައްޕަދެކެ ބިރުން ނުވަތަ ބައްޕަގެ ރުހުން ހޯދަން ، އެއާއި އެކު ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދުމުގެ ނިޔަތް ނުގަނެ ކުރާ ނަމާދު ، އެއީ ޤަބޫލުވެވިގެންވާ ނަމާދެއްކަމުގައެއް ނުވާނެއެވެ. އެހެނީ ނަމާދަކީ އަޅުކަމެކެވެ. އަޅުކަމެއް ﷲ ތަޢާލާ ފިޔަވައި އެހެންފަރާތަކަށް އަދާކުރުމެއްނުވެއެވެ. 

އެހެން ނަމަވެސް އޭނަގެ ނަމާދުގައި އޭނާ ނިޔަތަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދުންކަމަށް ހަދައިފިނަމަ، އަދި އެއަށްފަހު އެއާއި ގުޅިގެން މައިންބަފައިންގެ ރުހުންވެސް ލިބުންވެސް އޭނާގެ ހިތުގައި އޮތްކަމުގައިވިޔަސް، އިންޝާﷲ އެ ނަމާދަކީ ޤަބޫލުވެގެންވާ ނަމާދެއްކަމުގައިވާނެއެވެ.

والله أعلم

 

މަސްދަރު: ދިސަލަފިއްޔާ

 

ލިޔުމުގެ އަޞްލު:

https://islamqa.info/ar/answers/180814

މިއަދު އޮންލައިން