ތިމާޢަށް ދެރަގޮތެއް މެދުވެރިވެއްޖެނަމަ ކޮންމެ މީހަކުވެސް ކަންބޮޑުވާނެއެވެ. އެކަމަކު އެހެން މީހަކަށް ކިތަންމެ ބޮޑު ދެރައެއް ދޭކަށްވެސް ޖެހިލުމެއް ނުވެއެވެ. އަދި ކީއްހެއްޔެވެ؟ ﷲ ތަޢާލާއަށް އުރެދި ބޮޑެތި ފާފަތައް ކުރަންވެސް ބިރެއް ނުގަނެއެވެ. ބައިވެރިޔާއަށް މަކަރުހަދައި ބޭވަފާތެރިވުން މިވަނީ ކުޅޭކުޅިވަރަކަށް ހަދައިފައެވެ.
ޒުވާނުން އެކަންޏެއް ނޫނެވެ. ހުރިހާ އުމުރެއްގެ މީހުންގެ ތެރޭގައިވެސް ސުވާލުކުރެވިއްޖެނަމަ އެންމެ ގިނަ ބައަކަށް އެންމެ ބޮޑަށް ހިތާމަ ކުރަންޖެހުނު ސަބަބެއް ކަމަށް ބުނާނީ އޭނާގެ ލޯބިވެރިޔާ ޚިޔާނާތްތެރިވުމެވެ. އެހެން މީހަކު ލޯބިވެރިޔާ ޖަހައިގަތުމެވެ.
މިފަދަ ޙާލަތުގައި ވިސްނައިލާށެވެ! ތިބާ އޭނާދެކެ ލޯބިވުމަށްފަހު ﷲ ތަޢާލާއަށް ތެދުވެރިވިން ހެއްޔެވެ؟ ތިމާ އުޅެމުން އައީ ﷲ ތަޢާލާގެ އެންގެވުންތަކުގައި ހިފަހައްޓައިގެން ހެއްޔެވެ؟ އެއަށްވުރެ ތިލަކޮށް ސުވާލުކުރާނަމަ ކައިވެނީގެ ކުރިން ކުރުން މަނާކުރައްވަވާފައިވާ ކަންކަމުން ތިބާހުރީ ދުރުހެލިވެގެން ހެއްޔެވެ؟
މިސުވާލަށް އާނއެކެވެ! ތިބާހުރީ ﷲ ގެ މަގުގައި ޘާބިތުވެގެންކަމަށް ބުނެވޭނީ ކިތައް މީހުންނަށް ހެއްޔެވެ؟ އަދި ޘާބިތުވެ ހުރިމީހަކަށްވެސް ހިތާމަކުރަން ޖެހޭނެ ޙާލަތެއް މެދުވެރިނުވާނެ ކަމަށް ބުނަނީއެއް ނޫނެވެ. ހިތާމަކުރަންޖެހޭ ޙާލަތެއް މެދުވެރިވެދާނެއެވެ. އެއީ އޭނާގެ ތަޤްވާވެރިކަން ބޮޑުވުމުން އޭނާއަށް ޙައްޤުވެގެންވަނީ މާ ރަނގަޅު ބައިވެރިއަކު ކަމުގައިވާނަމަ އެކަން ފަހިކޮށްދެއްވެވުމަށެވެ. އެކަން ނުއެނގޭތީ ދުވަސްކޮޅަކަށް ހިތާމަކުރަން ޖެހުނަސް ފަހުން ދެއްވަވާ އުފާވެރިކަން މާބޮޑުވާނެއެވެ.
މިއަދުގެ ޙާލަތުގައި ބުނަން ޖެހެނީ ލޯބިވެގެން ކަމަށްބުނަމުން އުޅޭ ދުވަސްތަކުގައި ﷲ ތަޢާލާގެ އަމުރުފުޅުތައް ހަނދާން ހުންނަ މީހުން ވަރަށްމަދުކަމަށެވެ. ބިރެއް ނެތި ފާފަތައް ކުރަމުން ގެންދާ ކަމަށެވެ. ކައިވެނިކުރުމުން ހުއްދަވާނެ ކަންކަން ކައިވެނިނުކޮށް ހުއްދަކުރާ ކަމަށެވެ.
އެހެންކަމަށްވާނަމަ އެމީހަކަށް ﷲ ތަޢާލާގެ ކޯފާ ލިބުން ގާތްވާނެއެވެ. އެމީހަކީ ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާ އަޅަކަށް ވެގެންދާނެއެވެ. އެހެނީ ބިރެއް ނެތި ﷲ ތަޢާލާއަށް އުރެދި ފާފަކުރާ އަޅުންދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގެނެއް ނުވެއެވެ.
ދެންމިވާ ގޮތަކީ ލޯބިވެރިޔާ ބޭވަފާތެރިވެސް ވަނީއެވެ. ބެސްޓް ފްރެންޑްވެސް ލޯބިވެރިޔާ ޖަހައިގަންނަނީއެވެ. ލޯބިވެރިޔާ ފޫހިވެ ދުރަށްދަނީއެވެ. މިފަދަ ކޮންމެވެސް ގޮތެއް މެދުވެރިވެ ލޯބިވެރިޔާ ގެއްލިގެންދަނީއެވެ.
އެއްވެސް ކަމެއް މެދުވެރިވި ސަބަބު ނުއެނގިދާނެއެވެ. ނަމަވެސް މިބުނި މަގުން ފާފަތައް ކުރެވޭ މީހުން ވިސްނައިލަންވީ މިފަދަ ގޮތްތައް މެދުވެރިމިވަނީ ތިމާމެންނަށް ކުރެވުނު ފާފަތަކުގެ ސަބަބުން ކަމެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ނުލިބުމުންކަމެވެ.
ވީމާ ކޮންމެ ކަމެއްގައިވެސް ފަދައިން ޒަވާޖީ ޙަޔާތަށް ބައިވެރިއަކު ހޯދަން މަސައްކަތްކުރުމުގައިވެސް ﷲ ތަޢާލާއަށް އިޚްލާޞްތެރިކަން އިތުރުކުރާށެވެ. އެކަލާނގެ ނަހީކުރެއްވެވި ކަންކަން ނުކުރާށެވެ! ކެތްތެރިވެލައި އަވަހަށް ކައިވެނިކުރާށެވެ! ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނީ އެއިރުންނެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން