މިސްކިތުގައި އަދި ގޭގައިވެސް މީހުން ނަމާދުކުރާއިރު ފެންނަ ނުރަނގަޅު ކަންކަން އެމީހަކަށް ބުނެދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އެހެނީ ކޮންމެ މީހަކަށް ހުރިހާ ކަމެއް ނުއެނގިދާނެއެވެ. ނަމަވެސް ނަމާދަކީ ވީހައި ފުރިހަމައަށް ކުރަންޖެހޭ އަޅުކަމެކެވެ
ވީމާ އެމީހަކަށް އެނގޭ މިންވަރަކުން ރަނގަޅު ގޮތަކީ ކޮބައިކަން ބުނެދޭންވާނެއެވެ! އަދި އެކަމަކީ ތިމާއަށް ބުނެދޭން ނުއެނގޭ ކަމެއްނަމަ އިލްމުވެރިންގެ އަރިހަށް ގޮސް ރަނގަޅަށް ކުރަން ދަސްކުރަންވެސް ހިތްވަރު ދޭށެވެ. ކޮންމެ ހެޔޮ ނަޞޭޙަތަކީވެސް ޞަދަޤާތެކެވެ. އެމީހަކު މެދުވެރިވެގެން މީހަކަށް ހެޔޮކަމެއް، ނުވަތަ ނުރަނގަޅުކޮށް ކުރެވޭ ކަމެއް އިޞްލާޙްކުރަން ދަސްކޮށްދެވިއްޖެ ނަމަ އެކަމުގެ ޘަވާބުވެސް ﷲ ތަޢާލާ ދެއްވަވާނެތެވެ.
އެއީ ހާދަގިނަ ޘަވާބު ދެއްވަވާނެ ޢަމަލެކެވެ. އިން ޝާ ﷲ އެހެނީ އެއިރުން ތިބާ ވެގެންއެދަނީ ﷲ ތަޢާލާގެ ދީން ޙައްޤު ގޮތުގައި ފަތުރަން މަސައްކަތްކުރާ މީހަކަށެވެ! އެއީ އެންމެ މަތިވެރި ޢަމަލެވެ! އެންމެ ފައިދާހުރި ޢަމަލެވެ!
މީހަކަށް ކަމެއް ބުނެދޭއިރު ވިސްނަން ޖެހޭނެ ކަންތައްތަކެއް އެބަހުއްޓެވެ! އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހޭނީ އެމީހާގެ ރުހުން ހޯދައިގެން ބުނެދިނުމަށެވެ. އަދި އޯގާތެރިކަމާއި މަޑުމަތިރިކަމާއިއެކު މުޢާމަލާތު ކުރުމަށެވެ. އަދި އެމީހާ ލަދު ނުގަންނާނެ ގޮތަށް އަމަލުކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. އެކަންކަމަށް ނުވިސްނައިފިނަމަ ލިބޭނެ ގެއްލުން މާބޮޑުވެދާނެއެވެ!
ބައެއް މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ ތިމާއަށް ނުއެނގޭ ކަންކަން އަހައި އޮޅުންފިލުވުމަކީ ލަދުވެތި ކަމެއް ކަމަށެވެ. މީހަކު ބުނެދީފިނަމަ ޤަބޫލުކޮށް ކުރިން ކުރަމުން އައި ގޮތް ދޫކޮށްލުމަކީވެސް ލަދުވެތި ކަމެއް ކަމަށެވެ. ނަމަވެސް އެއީ ވަރަށް ނުރަނގަޅު ވިސްނުމެކެވެ. އަހަރެންނަށް މީހަކު ރަނގަޅު ގޮތް ބުނެދިން ނަމަވެސް މިހާރުވެސް މިހުރީ ޝުކުރުވެރިކަމާއިއެކު އެކަން ބަލައިގަންނަން ތައްޔާރަށެވެ.
އަލަށް މީހަކު އިސްލާމްވެއްޖެނަމަ އަހަރެމެން އުފާކުރަމުއެވެ. އެމީހަކަށް މަރުޙަބާވެސް ކިޔަމުއެވެ. ނަމަވެސް އެހިސާބުން އެކަން އޮންނަނީ ނިންމައިލެވިފައެވެ.
އެހެން ނުހަދާށެވެ. އެހިސާބުން އެމީހެއްގެ އަތުގައި ބާރަށް ހިފާށެވެ. ކީރިތި ޤްރްއާން ކިޔަވާށާއި ނަމާދުކުރަން ދަސްކޮށްދޭށެވެ. ދީނުގެ ކަންކަން ދަސްކޮށްދޭށެވެ. އެއީ އެންމެންގެ މައްޗަށް އޮތް ވާޖިބެކެވެ. ކޮންމެހެން އަދާކުރަން ޖެހޭ މަސްއޫލިއްޔަތެކެވެ. އަދި އެކަންކަން ކުރުމުން އަހަރެމެންނަށް ވަރަށް ގިނަ ސަވާބާއި މަންފާ ލިބޭނެ ކަންކަމެވެ.
ނިކަން ވިސްނައިބަލާށެވެ! މީހަކަށް ހެޔޮ ކަންކަން ކުރަން ދަސްކޮށް ދިނުމުން ދަސްކޮށްދިން ކަމުގެ އިތުރުން އެމީހާ ކުރާ ހެޔޮ އަމަލުތަކުން ދަސްކޮށް ދިން މީހާއަށް ބައެއް ލިބިގެންދެއެވެ. އެމީހާއަށް ލިބެން ޖެހޭ ސަވާބުން އުނިވުމެއް ނެތިއެވެ. ވީމާ ހެޔޮ އަމަލުތައް ކުރަން މީހަކަށް ދަސްކޮށް ދީފިނަމަ އެކަން ވާނީ ދިރިހުރި ކަމަކަށެވެ. ދަސްކުރި މީހާ އެހެން މީހަކަށް ދަސްކޮށްދިނުމުން އެމީހާ ކުރާ އަމަލުންވެސް ތިބާއަށް ދާނީ ސަވާބުލިބެމުންނެވެ. ވީމާ މިއަސްވުރެ ކުރަން ވަކިން ފައިދާހުރި މަސައްކަތަކީ ކޮބައިހެއްޔެވެ؟
- މުފްތީ މެންކުގެ ދަރުސަކުން