މިއަހަރު ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދޭ ކަންތައްތަކުގެ ލިސްޓުގައި ތިންވަނައަށް ކުޅިވަރާއި ދުޅަހެޔޮކަން

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 8ސ
މިއަހަރު ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދޭ ކަންތައްތަކުގެ ލިސްޓުގައި ތިންވަނައަށް ކުޅިވަރާއި ދުޅަހެޔޮކަން

މިއަހަރު ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދޭ ކަންތައްތަކުގެ ތެރޭގައި ކުޅިވަރާއި ދުޅަހެޔޮކަމުގެ ކަންކަން ހިމެނިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މިކަން ހިމެނިފައިވަނީ ސަރުކާރުގެ އެންމެ އިސް އަމާޒުތަކުގެ ތެރެއިން ތިންވަނަ އަމާޒުގެ ގޮތުގައެވެ.

ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރަށްތަކުގައި ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމަށް ސަރުކާރުން ބޮޑު ހޭދައެއް ކުރައްވާނެ ކަމަށެވެ. މީގެ އިތުރުން ކުޅިވަރާ ގުޅުންހުރި އެކިއެކި ހަރަކާތްތައް ހިންގުމަށްވެސް ސަރުކާރުން އިސްކަމެއް ދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

ސަރުކާރުން މިހާރު ކުރިއަށް ގެންދަވާ "ހަށިހެޔޮ ރާއްޖެ" ޕްރޮގްރާމްގެ ދަށުން، މުޅި ރާއްޖެއަށް އަމާޒުކޮށް 260 އަށްވުރެ ގިނަ ލީޑަރުން ވަނީ ތަމްރީނު ކުރެވިފައެވެ. މި ޕްރޮގްރާމަކީ ސަރުކާރުގެ 52 ހަފްތާގެ އެކްޝަން ޕްލޭންގެ ތެރެއިން ހިންގޭ މުހިންމު ޕްރޮގްރާމެކެވެ.

މި މަސައްކަތްތަކުގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ ރައްޔިތުންގެ ދުޅަހެޔޮކަން އިތުރުކޮށް، ހަރުދަނާ ކުޅިވަރު މާހައުލެއް ގާއިމުކުރުމެވެ. އަދި މިކަމަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްގީކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުޅިވަރާއި ދުޅަހެޔޮކަމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމެވެ.

 

މިއަދު އޮންލައިން