ރާއްޖޭގައި މިހާރު ބޭނުންކުރަމުންދާ ކަނދުފަތިތަކުގެ ޑިޒައިންއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގައި މިވަގުތު ބޭނުންކުރަމުންދަނީ 40 އަހަރު ކުރީގެ ޑިޒައިނަކަށް ހަދާފައިވާ ކަނދުފަތިތަކެއް ކަމަށާއި، މި ޓެކްނޮލޮޖީ ބަދަލުކުރުމަކީ މިހާރު ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ.
"ދުނިޔޭގެ ބައެއް އެހެން ޤައުމުތަކުގައި އަޅުގަނޑުމެންނަށް މި ފެންނަނީ ކަނދުފަތިތަކުގައި މަސް އަޅާ މިންވަރު މާދުރުގައި ތިބެގެން އެބަ ބަލާލެވޭ،" ވަޒީރު ވިދާޅުވިއެވެ. އަދި މިހާރު ރާއްޖޭގައި ހަރުކުރެވިފައިވާ ކަނދުފަތިތަކުގައި އެފަދަ ޓެކްނޮލޮޖީއެއް ނެތްކަމަށާއި، ކަނދުފަތީގައި މަސް ހުރިކަން ނުވަތަ ނެތްކަން އެނގެނީ ހަމައެކަނި ކަނދުފަތި ދަށަށް ދިޔުމުން ކަމަށް ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ބައެއް ގައުމުތަކުގައި ބޭނުންކުރާ ކަނދުފަތިތަކުން މަސް ހުރިކަމާއި، މަހުގެ ސައިޒް ވެސް ދެނެގަނެވޭ ކަމަށެވެ. އަދި މި ފެންވަރަށް ރާއްޖޭގެ ކަނދުފަތިތައް ތަރައްގީކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
މި މަޝްރޫޢުގެ މަސައްކަތް މިހާރު ވަނީ މަސްވެރިކަމާބެހޭ ވުޒާރާއިން ފުޑް އެންޑް އެގްރިކަލްޗަރ އޮގަނައިޒޭޝަން (އެފްއޭއޯ) އާ ގުޅިގެން ފަށާފައެވެ. މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.