އުޅަނދުތަކަށް ތެޔޮ އެޅުމާއި މުދާ ގެނެސް އީއެކްސްޕޯޓްކުރުމުގެ ޚިދުމަތް މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގެ ފުރަތަމަ ފިޔަވަހިން ހަމަޖެހޭނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ. މިކަން ވަޒީރު ހާމަކުރެއްވީ ހއ. އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައެވެ.
އިހަވަންދިއްޕޮޅުގައި ތަރައްޤީކުރާ މި މަޝްރޫޢުއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މިވަގުތު ކުރިއަށްދަނީ މަޝްރޫޢުގެ ފީޒިބިލިޓީ ދިރާސާގެ މަސައްކަތް ކަމަށެވެ. މި މަސައްކަތުގައި ބައިނަލްއަޤްވާމީ ކޮންސަލްޓަންޓުންގެ އެހީގައި ރާއްޖޭގެ އެކި ދިރާސާތައް ކުރަމުންދާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
"ޕްރޮޖެކްޓް މެނޭޖްމަންޓެއް ނަގާފައި އެއޮތީ. ދެން އޮންނާނެ ހަރަކާތަކީ ރައީސް އެ ވިދާޅުވިގޮތައް ރައީސްގެ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގެ ވިޝަންއާއި އެއްގޮތައް މިއަހަރުގެ ތެރޭގައި އެ މަސައްކަތް ފެށުން،" ވަޒީރު ސައީދު ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަހަރުގެ މެދުތެރޭގައި ފެށޭނެ ގޮތަށް ވަނީ ރޭވިފައެވެ. އަދި މިއީ އެ ސަރަހައްދުގެ ތަރައްޤީއާ އެންމެ ބޮޑަށް ގުޅިފައިވާ މަޝްރޫޢު ކަމުގައިވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢުގެ މަސައްކަތް މިއަހަރުގެ މެދުތެރޭގައި ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެސް ވަނީ ކުރިން ވިދާޅުވެފައެވެ. މި މަޝްރޫޢަކީ ރާއްޖޭގެ އުތުރުގެ ތަރައްޤީއަށް އައު މަގެއް ފަހިކޮށްދޭނެ މުހިންމު މަޝްރޫޢެއް ކަމުގައި ބެލެވެއެވެ.