ކ. ހުރާގައި އިއްޔެ ހިންގި ޚާއްސަ ރެއިޑް އޮޕަރޭޝަނެއްގައި ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 46 ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މަޢުލޫމާތު ދެއްވިގޮތުގައި މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ އިއްޔެ ހެނދުނު 6:00 އިން ފެށިގެން ހަވީރު 5:00 އާ ހަމައަށެވެ. މި އޮޕަރޭޝަނަކީ ރަށްރަށުގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ޓާސްކްފޯހުން ކުރިއަށް ގެންދާ ޚާއްސަ އޮޕަރޭޝަންތަކުގެ ތެރެއިން އޮޕަރޭޝަނެކެވެ.
އިމިގްރޭޝަނުން ވަނީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް އެ އިދާރާއިން ދަނީ ޚާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން މިދިޔަ އަހަރު އެކަނި ވެސް 5،600 އަށްވުރެ ގިނަ ބިދޭސީން ވަނީ އެމީހުންގެ ޤައުމުތަކަށް އަނބުރާ ފޮނުވާލާފައެވެ.
ގަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ސަބަބުން ދިމާވާ އިޖްތިމާޢީ އަދި އިޤްތިޞާދީ މައްސަލަތައް ޙައްލުކުރުމަށް، އިމިގްރޭޝަނުން މިފަދަ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް ރާވާފައިވާކަން ވެސް ފާހަގަކޮށްފައިވެއެވެ.