ސަރުކާރު ކުންފުނިތަކުގެ އިސްވެރިންނާއި މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި ގިނަވެގެން ދެވޭނެ އަދަދެއް ކަނޑައަޅައި، އެ އަދަދު 90،000 ރުފިޔާގައި ހިފަހައްޓަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑުން (ޕީސީބީ) ނިންމައިފިއެވެ.
ޕީސީބީން ނެރުނު ސަރކިއުލަރގައި ބަޔާންކޮށްފައިވާ ގޮތުގައި، މިއީ އިޤްތިޞާދީ އިސްލާހީ އެޖެންޑާގެ ދަށުން ދައުލަތުގެ ޚަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅެކެވެ. މި ނިންމުން ހިނގާނީ ބޭންކްތައް ފިޔަވައި ސަރުކާރު ހިއްސާވާ އެންމެހައި ކުންފުނިތަކުގެ މައްޗަށެވެ. ނަމަވެސް، ކުންފުނިތަކުގައި މަސައްކަތްކުރާ ޓެކްނިކަލް މުވައްޒަފުންނަށް މި ނިންމުން ނުހިނގާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ނިންމެވުމަކާ ގުޅިގެން މި ބަދަލު ގެނެވިފައިވާއިރު، މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ މުއްދަތަށް މި އުސޫލަށް ޢަމަލުކުރެވޭނެއެވެ. އަދި ކުންފުނިތަކުގައި ހިމެނޭ ރާއްޖެއިން ބޭރުގެ ޑިރެކްޓަރުން މި އުސޫލުން އިސްތިސްނާވާނެއެވެ.
ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ޓެކްނިކަލް މުވައްޒަފުން ފިޔަވައި އެހެން މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް 90،000 ރުފިޔާއަށްވުރެ އިތުރުވާނަމަ، އިތުރުވާ މިންވަރު އުނިކުރަންޖެހޭނެ ކަމަށް ޕީސީބީން ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން، މުވައްޒަފުންނާއެކު ވެފައިވާ އެއްބަސްވުންތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްވެސް ކުންފުނިތަކަށް އަންގާފައިވެއެވެ.