ދިރާގުން ކުރިއަށް ގެންދިޔަ "ވިން އަ ސްޕީޑް ބޯޓް" ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތް ހޮވައިފިއެވެ. ހުޅުމާލެ ސެންޓްރަލް ޕާކުގައި އިއްޔެ ބޭއްވުނު ޚާއްސަ އިވެންޓެއްގައި މި ޕްރޮމޯޝަންގެ ނަސީބުވެރިއަކަށް ހޮވުނީ ހުސައިން ފަޔާޒެވެ.
މި ޕްރޮމޯޝަނަކީ ދިރާގުގެ އަހަރީ ދުވަހާ ގުޅުވައިގެން، ކަސްޓަމަރުންނަށް ޓެކްނޮލޮޖީގެ އެހީގައި ތަފާތު، އައު ތަޖުރިބާއެއް ފޯރުކޮށްދިނުމުގެ މަޤްސަދުގައި އެ ކުންފުނިން ފަށާފައިވާ ހަރަކާތެކެވެ. މިއީ މިދިޔަ އަހަރު ކުރިއަށް ގެންދިޔަ "ވިން އަ ޓެސްލާ" ޕްރޮމޯޝަންގެ ކާމިޔާބީއާ ގުޅިގެން ފަށާފައިވާ އައު ޕްރޮމޯޝަނެކެވެ.
މި ޕްރޮމޯޝަންގެ ދަށުން ނަސީބުވެރި ފަރާތަށް ލިބިގެންދަނީ އަލް ޝާލީ މެރިން މަޖެލަން 32ގެ ބޯޓަކާއި، 175 ހޯސްޕަވަރުގެ ދެ ޔަމަހާ އައުޓްބޯޑް އިންޖީނެވެ. މި ޕްރޮމޯޝަން ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.
ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ދިރާގުގެ ޕްރިޕެއިޑް، ޕޯސްޓްޕެއިޑް އަދި ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންނަށެވެ. އެގޮތުން ޕްރިޕެއިޑް ޕްލޭންތަކަށް 400 ރުފިޔާ ނުވަތަ އެއަށްވުރެ މަތިން ރީޗާޖު ކުރާ ކަސްޓަމަރުންނާއި، ޕޯސްޓްޕެއިޑް 400 އަދި ލިމިޓެއް ނެތް ފައިބާ 40 އެމްބީޕީއެސްއަށް ވުރެ މަތީގެ ޕްލޭންތަކަށް ސަބްސްކްރައިބް ކުރާ ފަރާތްތަކަށް ބައިވެރިވެވޭ ގޮތަށް ހަމަޖައްސާފައިވެއެވެ.
ދިރާގުން ބުނީ މި ޕްރޮމޯޝަންގެ ކަންތައްތައް އިންސާފުވެރިކޮށް އަދި ދެފުށް ފެންނަ ގޮތަކަށް ކުރިއަށް ގެންދިޔުމަށްޓަކައި މިނިވަން އޮޑިޓަރެއް ކަމުގައިވާ ނެކްސިޔާއާ ގުޅިގެން މަސައްކަތްކޮށްފައިވާ ކަމަށެވެ. ނަސީބުވެރި ފަރާތް ހޮވުމަށް ބޭއްވި އިވެންޓުގައި އެކުއެޓިކް ވައިބްސްގެ ޚާއްސަ ހުށަހެޅުންތަކެއް ވެސް ވަނީ ބާއްވާފައެވެ.