ސްޓެލްކޯއަކީ ލިބޭ އާމްދަނީއަށް ބަރޯސާވެގެން ހިންގަމުން އަންނަ ކުންފުންޏެއްގެ ގޮތުގައި ބެލެވޭކަށް މިހާރަކު ނެތެވެ. ސޯލާރއިން ކަރަންޓް އުފައްދަން ސްޓެލްކޯއިން މިހާރު ހިންގާ މަޝްރޫޢުތަކުގެ ސަބަބުން ކުންފުންޏަށް ލިބޭ އާމްދަނީ މަދުވާނެއެވެ. އަދި އިތުރު އިންވެސްޓްމަންޓްތަކަށް ޚަރަދުކުރަންވެސް ޖެހޭނެއެވެ.
ރަކީދޫގައި ހިންގަންފެށި މަޝްރޫޢުގެ ސަބަބުންވެސް ބައެއް ގޭގެއަށް ބިލްދައްކަން ޖެހުމުގެ ބަދަލުގައި އެގޭގެއަށް ސްޓެލްކޯއިން ފައިސާ ދޭނެއެވެ. އަނެއްބައި ގެތަކުގެ ކަރަންޓްބިލުން ބޮޑުބައެއް ކުޑަވެގެންދާނެއެވެ. އެކަން އޮތީ އެގެއެއްގެ ފުރާޅުގައި ސޯލާ ޕެނެލް ހަރުކުރެވޭ މިންވަރެއްގެ މައްޗަށެވެ.
ސްޓެލްކޯއިން ޖަހަނީ ހަމައެކަނި ސޯލާ ޕެނެލްތައް އެކަންޏެއް ނޫނެވެ. ކަނޑުގެ އޮއިވަރުން ކަރަންޓް އުފެއްދޭނެގޮތެއް ދިރާސާކުރުމުގެ މަޝްރޫޢެއްވެސް މިހާރުވަނީ ތަޖުރިބާ ކުރަން ފަށައިފައެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުޅުވީ ތެލަށް ބަރޯސާވެ ޖެނެރޭޓަރު ހިންގައިގެން ކަރަންޓް އުފެއްދުން މަދުކޮށް އިޢާދަކުރަނިވި ހަމަތަކައިން ކަރަންޓް އުފައްދާ މިންވަރު އިތުރުކުރަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވަވާ ސަމާލުކަން ތަންފީޒުކުރަން ސްޓެލްކޯއއަށް ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ކުރަމުން ގެންދާނެކަމަށެވެ. އިޢާދަ ކުރަނިވި ހަކަތަ އުފައްދާ މިންވަރު އިތުރުކުރަން ސްޓެލްކޯއިން ޚާއްޞަ ސަމާލުކަމެއް ދޭނެ ކަމަށެވެ.
ދުނިޔެ އެނބުރެމުން މިދަނީ އިޢާދަކުރަނިވި ހަމަތައާއި ދިމާއަށެވެ. ތެލަށް ކުރަންޖެހޭ ބޮޑު ޚަރަދު ކުޑަކުރުމަށް މަސައްކަތްކުރުމާއި ދިމާއަށެވެ. ރާއްޖެއަށް ބަލައިފިނަމަ ތެލަށް ކުރަން ޖެހޭ ޚަރަދުތައް ކުޑަކުރެވުމަކީ ރާއްޖެއަށް ކުރިމަތިވެފައިވާ ބޭރު ފައިސާގެ މައްސަލައަށްވެސް ބޮޑު ލުޔެއް ލިބިގެންދާނެ ކަމެކެވެ. އެހެންކަމުން ސްޓެލްކޯގެ އަމާޒު މިހުރީ ރައްޔިތުންގެ ޖީބުތަކަށް ލުއިކޮށް ދިނުމުގެ އިތުރުން ޤައުމުގެ އިޤްޠިޞޯދު ރަނގަޅު ކުރެވޭނެ މަގަށްކަންވެސް ފާހަގަކުރެވެއެވެ.