އަހުރެން މިވާހަކަ މިކިޔައިދެނީ މީހަކު ބުނި ވާހައެއްގެ މައްޗަކަށް ނޫނެވެ. އަމިއްލަ ތަޖުރިބާގެ މައްޗަށެވެ. ވީމާ ސަމާލުކަން ދީގެން އަޑުއަހާށެވެ!
އަހުރެންނަކީ އެކުވެރިން ގިނަ މީހަކީމެވެ. އެއިގެ ތެރެއިން ގިނަ ބައަކަށް ކައިވެނިނުކުރެވި ލަސްވިއެވެ. އެމީހުން ވަރަށް ދެރަވިއެވެ. ކައިވެނީގެ ޙަފްލާތަކަށް ދަޢުވަތު ލިބުމުން ގޮސް ހުންނައިރު ކޮންމެ މީހަކަށް ނަމަވެސް ކުރެވޭނެ އިޙްޞާޞްތައް ހިތަށް ގެންނާށެވެ.
ކޮންމެއަކަސް ހުރިހާ އެކުވެރިންނަށްވެސް މިހާރު ކައިވެނިކުރެވިއްޖެއެވެ. ބައެއް އެކުވެރިންނަށް ލިބުނީ އެހައި ރަނގަޅު ބައިވެރިއެއް ނޫނެވެ. އަނެއްބައި އެކުވެރިންނަށް ލިބުނީ ވަރަށް ރަނގަޅު ބައިވެރިންނެވެ.
އެހެންވެ ރަނގަޅު ބައިވެރިން ލިބުނު މީހުންނާއި ސުވާލުކޮށްލުމުން އެނގުނީ ކައިވެނި ނުކުރެވި ލަސްވާތީ އެކަމުގެ ހިތާމައިގާ ތިބިއިރު އެމީހުން ކައިވެނީގެ ޙަފްލާތަކަށް ދިއަނަމަވެސް އެއްވެސް މިންވަރަކަށް ޙަސަދަ ނުލާ ކަމެވެ. އަދި އެމީހުންނަށްޓަކައި ހެޔޮދުޢާކުރިކަމެވެ. އަދި އެމީހުންނަށް ރަނގަޅު ބައިވެރިއަކު ދެއްވެވުން އެދި ދުޢާކުރާ ކޮންމެ ފަހަރަކު އެމީހުން ފަދައިން ކައިވެނި ނުކުރެވި ތިބި އެންމެންނަށްވެސް ރަނގަޅު ބައިވެރިއަކު ދެއްވެވުން އެދިގެން ދުޢާކުރިކަމެވެ.
އެމީހުންގެ ވާހަކަ އަހުރެން ޤަބޫލުކުރަމެވެ. ސަބަބަކީ އެއްވެސް މީހަކަށް ނުއަންގައި ސިއްރުން މީހަކަށް ހެޔޮދުޢާކޮށްފިނަމަ އެމީހެއްގެ ދުޢާއަށް މަލާއިކަތުން އާމީން ވިދާޅުވުމުގެ އިތުރުން ދުޢާކުރި މީހާއަށްވެސް ހަމަ އެރަހްމަތް ލެއްވެވުން އެދިގެން ދުޢާކުރާނެތީއެވެ.
ކައިވެނި ކުރަން ބޭނުންވި ނަމަވެސް ކައިވެނި ނުކުރެވި ހުންނަން ޖެހިއްޖެނަމަ ނިކަން މިމަގުން ޢަމަލުކޮށްބަލާށެވެ. ކައިވެނި ކުރެވޭ މީހުންނަށް ޙަސަދަ ނުލައި އެމީހުންނަށްޓަކައި ހެޔޮދުޢާކޮށްބަލާށެވެ! އަދި ތިމާއަށް ބައިވެރިއަކު ދެއްވެވުން އެދިގެން ދުޢާކުރާއިރު ތިމާފަދައިން ކައިވެނި ނުކުރެވި ތިބި އެންމެންނަށްޓަކައިވެސް ހެޔޮދުއާކޮށްބަލާށެވެ! އެމީހަކަށް ރަނގަޅު ބައިވެރިއަކު ދެއްވަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން