ދެމަފިރިން އެކުގައި ސުވަރުގޭގައި ލެއްވެވުމަށްވުރެ ބޮޑު އުފަލެއް ނެތެވެ. އެއަށްވުރެ ބޮޑު އުފަލެއް އެއްވެސް ދެމަފިރިއަކަށް ނުލިބޭނެއެވެ. އެހެންވެ ހެޔޮލަފާ ފިރިއަކުނަމަ އޭނާ މަސައްކަތްކުރާނީ އޭނާއާއިއެކު ތިބާ ސުވަރުގެ ގެންދާށެވެ! ސުވަރުގޭގެ ދާއިމީ ޙަޔާތުގައި ދެމީހުން އެކުގައިވުމަށެވެ.
ވީމާ ހެޔޮ ލަފާ ފިރިމީހާގެ ޙައްޤުތަކަށް އިސްކަންދީ ސުވަރުގެ ޙާޞިލުކުރާށެވެ! އޭނާގެ ބަސް ޤަބޫލުކޮށް ކިޔަމަންތެރިވާށެވެ! އެއީ ފިރިމީހާގެ ދަށުވުމެއް ނޫނެވެ! ﷲ ތަޢާލާއަށް ކިޔަމަންތެރިވުމެވެ!
ހިތާމައަކީ މިކަންކަން އޮޅުވާލައިގެން ފަތުރަމުން ގެންދާ ޝައޮޠޯނީ ވަސްވާސްތަކުގައި ޖެހެވޭ ކަމެވެ. ޙައްޤުތަކާއި މިނިވަންކަމުގެ ނަމުގައި ކުރެވޭ ކަންކަމުގެ ސަބަބުން ސުވަރުގެއާއި ދުރަށް ދެވޭ ކަމެވެ.
އެހެނަސް ކައިވެނިކުރަން ފަސްޖެހޭ ލޯބިވެރިޔާ އާއިމެދު ވިސްނާށެވެ! ކައިވެނިނުކޮށް ހުރެ އޭނާ ތިބާ ލައްވާ ކުރުވަން ބޭނުންވާ ކަންކަން ކުރާނަމަ ތިބާ ވާނީ ދީނުން ބޭރެވެ! ދެވޭނީ ސުވަރުގެއާއި ދުރަށެވެ! ނަރަކަ އާއި ކައިރިއަށެވެ.
ވިސްނާށެވެ! ކައިވެނިކޮށްގެން ހުރެ ލޯބިވެރިން ހޯދައިގެން ގެންގުޅޭ އެންމެންވެސް ސަމާލުކަންދޭށެވެ! ލޯބިވެރިޔާއާއިއެކު ކުރެވޭނީ ފާފައެވެ. އެދެވެނީ ނަރަކައާއި ގާތަށެވެ. އެކުރެވެނީ މުސްތަޤްބަލަށްޓަކައި ﷲ ތަޢާލާ ލައްނަތް ލައްވަވައިފާނެ ކަންކަމެވެ.
އަދި ކީއްހެއްޔެވެ! ކައިވެނިނުކުރާތީ އެކަނި ހުރެގެން ނަމަވެސް ކައިވެނީގެ ބޭރުން ގުޅުން ހިންގުމަކީ އެމީހެއްގެ ކުރިމަގު ﷲ ތަޢާލާ ބަންދުކުރައްވަވައިފާނެ ކަމެކެވެ. ނިކަމެތިކުރައްވަވައިފާނެ ކަމެކެވެ. ބިރުވެތިވާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން