ދިރިއުލުމުގައި ކުރިމަތިވާ ބައެއް ކަންކަމަކީ އެންމެންނަށް އަންގަން ޖެހޭނެ ކަންކަމެއް ނޫނެވެ. އެންމެ ބޮޑަ އިތުބާރު ކުރެވޭ މީހުންނަށްވެސް އަންގައިގެން ނުވާނެ ކިތަންމެ ކަމެއް ހުންނާނެއެވެ. އެއިގެ ތެރެއިންވެސް އެންމެ މުހިންމު ކަމަކީ ދެމަފިރިންގެ މެދުގައި ހުންނަ ބައެއް ކަންކަމެވެ. ދެމަފިރިންގެ ގުޅުންތަކެވެ.
މިޘާލަކަށް ބުނާނަމަ ބައިވެރިޔާ ތިމާދެކެ ލޯބިވާ މިންވަރާއި ހެޔޮކޮށް ހިތާ މިންވަރު ހަމައެކަކަށްވެސް އަންގައިގެން ނުވާނެއެވެ. ދެމަފިރިންގެ ގުޅުމާއި ބެހޭގޮތުން ކިތަންމެ ޣާތް އެކުވެރިއަކު ސުވާލުކުރިނަމަވެސް "އަލްޙަމްދުލިﷲ. އާދައިގެ ގޮތެއް!" ކަމަށް ބުނެ އެޙިސާބުން ކުރުކޮށްލާށެވެ!
އެއީ ކޮންމެހެން ބައިވެރިޔާ ޖަހައިގެންފާނެތީއެއް ނޫނެވެ. އެއީ ވަރަށް ގޮތެއް ނެތް މީހުން ކުރާ ކަމެކެވެ. މިހެން ބުނާއިއރު އެފަދަ ގޮތެއް ނެތް މީހުން މަދުނޫންކަންވެސް އެނގެއެވެ. ގިނަ ބައަކަށް ނުއެނގި ތިބެވެސް ޙަސަދަލެވެއެވެ. ޙަސަދަވެރިވެއެވެ. ޙަސަދައިގެ ސަބަބުން އެސްފީނާޖެހި ދިރިއުޅުމަށް ނުރަނގަޅު އަސަރުތައް ކުރެއެވެ.
ގިނަފަހަރު މިކަންމ މެދުވެރިވާ ސަބަބަކީ މާގިނަ ވާހަކަތައް ދެއްކެނީއެވެ. ވާހަކަ ދައްކަމުން ގޮސް ދައްކާނެ ވާހަކަ ހުސްވުމުން ދައްކައިގެން ނުވާނެ ވާހަކަތައްވެސް ދެއްކެނީއެވެ. ވީމާ އެކުވެރިންނާއި ވާހަކަދައްކަންވާނީވެސް އިންތަކެއްގެ ތެރެއިންނެވެ. ބަކިވަރަކަށެވެ. ވަޤުތު ކަނޑައަޅައިގެންނެވެ. ވަޤުތު ހަމަވުމުން އެވަޤުތައް ވާހަކަ ދެއްކުން މެދުކނަޑާލަންވާނެއެވެ.
ދެން އޮތީ ކުރާނެ ކަމެއް ނެތި ފޫހިވުމެވެ. މުސްލިމުންނަކީ ވަޤުތު ގިނަވެގެން ފޫހިވެގެން އުޅެންޖެހޭ ބައެއް ނޫނެވެ. ވަޤުތުގެ ބޭނުން ހެޔޮގޮތުގައި ހިފަން މަސައްކަތްކުރާނަމަ އަބަދުވެސް އޮންނާނީ ވަޤުތު މަދުވެފައެވެ.
ހުސްވަޤުތު ލިބޭ ވަރަކުން ޛިކުރުކުރާށެވެ! އަދި ތާޒާވެލަން ބޭނުންވީމާ ދީނީ ލިޔުންތައް ކިޔާށެވެ. ދަރުސްތައް އަޑުއަހާށެވެ. އެއިރުން އެހުރެވެނީ ޘަވާބު ލިބިލިބިއެވެ. ކޮންމެ މިނިޓަކީ މީޡާން ތިމާގެ ކޮޅަށް ބޮޑުތަނުން ބުރަވެގެންދާނެ ހިނދުކޮޅެކެވެ. ވީމާ ލިބިގަންނަންވީ އެފައިދާ ނޫން ހެއްޔެވެ؟
- އިސްލާމީ ތިލަފަތުގެ ދަރުސަކުން