ޢަލީ އިޙްޞާން ފިރާޤް
ބޮލުގައި ރިއްސުން މެދުވެރިކުރުވާ ދެވަނައަށް އެންމެ އާއްމު ސަބަބުކަމުގައިވާ މައިގްރެއިން އަކީ އަހަރެއްގެ ތެރޭގައި ގާތްގަނޑަކަށް %15 އަންހެނުންނާއި %6 ފިރިހެނުންނަށް ޖެހޭ ބައްޔެކެވެ. މި ސިއްހީ މައްސަލައާ ކުރިމަތިލާންޖެހޭ މިންވަރު ފިރިހެނުންނަށް ވުރެ އަންހެނުންނަށް ތިންގުނަ ބޮޑެވެ.
މިއީ އާންމުކޮށް އަލިކަމާއި، އަޑު ނުވަތަ ބައެއް ކަހަލަ ހަރަކާތްތަކަށް މީހާ ސެންސިޓިވްވުމާއެކު ކުރިމަތިވާ އެޕިސޯޑިކް ބޮލުގައި ރިއްސުމެވެ. ގިނަ ފަހަރަށް ބޮލުގައި ރިއްސުމާއެކު މޭނުބައިކުރުމާއި ހޮޑުލެވުން ފަދަ ކަންކަން ކުރިމަތިވެއެވެ. މައިގްރެއިން ދެނެގަތުމަށްޓަކައި އެކްޓިވޭޓާ ނުވަތަ ޓްރިގާފެކްޓާތައް މުހިންމު ރޯލެއް އަދާކުރެއެވެ.
މައިގްރެއިން ޖެހިފައިވާ މީހުންނަކީ ސެންސަރީ ސްޓިމުލައިތަކަށް (މިސާލަކަށް އަޑު, އަލި, ހަރަކާތްތަކަށް) ވަރަށް ނާޒުކު ބައެކެވެ. އެހެން މީހުން ފަދައިން ސެންސަރީ ސްޓިމުލައިތަކަށް މިފަދަ މީހުން އާދައެއް ނުވެއެވެ. މައްސަރު ކަންތައްތަކުގެ ތެރޭގައި އަންހެންމީހާއަށް މިކަމުގެ އުނދަގޫތައް ބޮޑުވާކަމަށް ދިރާސާތަކުން ދައްްކައެެވެ.
ބޮލުގައި ރިއްސުން އިތުރުވެދާނެ އެކި ޓްރިގަާ ތަކުގެ ތެރޭގައި އަލިގަދަވުން ނުވަތަ ގަދައަލީގައި ހޭދަކުރުން ގަދަ އަޑުތައް ފަދަ ކަންތައްތައް ހިމެނެއެވެ. މާގިނައިރު އެއްޗެއް ނުކައިހުރުމާއި ސެޓްރެސްވުން އަދި ބުރަމަސައްކަތް ކުރުން ހިމެނެއެވެ. މޫސުމަށް އަންނަ ބަދަލެއްގެ ސަބަބުންވެސް ނުވަތަ މައްސަރު ކަންތައްތަކުގެ ތެރޭގައި ހޯމޯންތަކަށް އަންނަ ބަދަލެއްގެ ސަބަބުންވެސް ބޮލުގައި ރިއްސަން ފަށައިފާނެއެވެ. ނިދި މަދުވުން ނުވަތަ މާގިނައިން ނިދުން އަދި ބަނގުރާ ނުވަތަ އެނޫންވެސް ކެމިކަލް ސްޓިމިއުލޭޝަން ތައްވެސް ޓްރިގާ ތަކުގެ ތެރޭގައި ހިމެނެއެވެ.
މި ދެންނެވި ޓްރިގާތައް އަމިއްލައަށް ދެނެގަތުމަކީ ބަލީގެ ފަރުވާގެ ކަންތައްތައް ކުރިއަށް ގެންދިޔުމަށް ފަސޭހަވެގެން ދާނެ ކަމެކެވެ. އެފަދަ ޓްރިގާތައް ދެނެގަނެ އެކަންކަމުން ދުރުވުމުން ގިނަ ފަހަރު ލުއިލިބެއެވެ. ޓްރިގާ ފެކްޓާތައް އެކިމީހުންގެ ތަފާތުވާނެއެވެ.
އިންޓަނޭޝަނަލް ހެޑޭކް ސޮސައިޓީގެ ފަރާތުން ބަޔާންކޮށްފައިވާ ގޮތުގައި މައިގްރެއިން ޑައިގްނޯޒް ކުރުމަށްޓަކައި އެއްވެސް ބައްޔެއް ނުވަތަ ބޮލުގައި ރިއްސަން މެދުވެރިވާނެ ސިއްހީ ހާލަތެއްނެތް މީހާގެ ބޮލުގައި ރިއްސުން 4-72 ގަޑިއިރާ ދެމެދުގައި ހުރުމާއެކު މި ބަޔާން ކުރާ ހަތަރު އަލާމާތްތަކުގެ ތެރެއިން ދެ އަލާމާތެއް ފެންނަށް ޖެހޭނެއެވެ. އެއީ:
މުޅި ބޮލުގައި ރިއްސުމުގެ ބަދަލުގައި ބޮލުގެ އެއްފަޅީފައި ރިއްސުން (Unilateral pain)
ބޮލުގައި ރިއްސާއިރު ވިންދު ޖަހާ ކަހަލަ ގޮތަށް ބޮލުގައި ރިއްސުން (Throbbing pain)
ހަރަކާތްތަކުގެ ސަބަބުން ރިހުން އިތުރުވުން
ބޮލުގައި ރިއްސުން މެދުމިނަށްވުރެ ބޮޑަށް ހުރުން
މީގެ އިތުރުން މި ބަޔާން ކުރާ އަލާމާތްތަކުގެ ތެރެއިން ކޮންމެވެސް އެއް އަލާމާތެއް ހުންނަން ޖެހޭނެއެވެ.
މޭނުބައިކުރުން ނުވަތަ ހޮޑުލެވުން
އަޑުތަކަށް ނުވަތަ އަލީގެ ސަބަބުން އުނދަގޫވުން (Photophobia and phonophobia) . އާންމު ބަހުރުވައިގައި ފޯބިއާއަކީ ބިރުކަމުގައިވިޔަސް މިތަަނުގައި ފޯބިއާ މާނަ ކުރަނީ އޭގެ ސަބަބުންވާ އުނދަގޫތަކަށެވެ.
މައިގްރެއިންގެ ފަރުވާ ދެބަޔަކަށް ބަހާލެވިދާނެއެވެ. އެއީ ބޭހުގެ ފަރުވާ އާއި ބޭހާ ނުލާ ދެވޭ ފަރުވާއެވެ. ބޭހާ ނުލާ ދެވޭ ފަރުވާތަކުގެ ތެރޭގައި ބޮލުގައި ރިއްސުން ކުރިމަތި ކުރުވާ ޓްރިގާ ފެކްޓާތައް ދެނެގަނެ އެކަންކަމުން ދުރުހެލިވުން ހިމެނެއެވެ. ސިއްހަތަށް ފައިދާހުރި ކާނާ ކެއުމާއި ގަވާއިދުން ކަސްރަތު ކުރުމާއި ގަވާއިދުން ނިދުމާއި ކެފެއިން ބޭނުން ކުރުން މަދުކުރުމާއި ބަނގުރާ ބުއިމުން ދުރުހެލިވުމާއި ސްޓްރެސްތަކާ ދުރުހެލިވުން ހިމެނެއެވެ.
ބޭހުގެ ފަރުވާ ބިނާވެފައިވަނީ އަލާމާތްތައް ކޮންޓްރޯލް ކުރުމާއި ރައްކާތެރިވުމުގެ ގޮތުން ދޭ ބޭސްތަކުގެ މައްޗަށެވެ.
(ލިޔުންތެރިޔާ ޢަލީ އިޙްޞާން ފިރާޤަކީ ރާއްޖެއިން ބޭރުގައި މެޑިސިންގެ ދާއިރާއިން ތަޢްލީމް ޙާޞިލްކުރަމުން އަންނަ ދަރިވަރެކެވެ.)