އަހުރެމެން ކޮންމެ މީހަކީވެސް ﷲ ތަޢާލާއަށް އީމާންވެގެން ހުރި މީހަކީމުއެވެ. މައްސަލައަކަށްވަނީ އީމާންވެވޭ މިންވަރެވެ. އީމާންކަމުގައި ޘާބިތުވެވޭ މިންވަރެވެ. އީމާންކަމުގައި ފުރިހަމައަށް ޘާބިތުވެ ހުންނަން މަސައްކަތް ނުކުރެވޭ މިންވަރެވެ.
ތިމާގެ ހިތުގައި އީމާންކަން ފުރިހަމަ ނަމަ އެމީހަކު ބަލިކުރެވޭނެ މީހަކު ނުހުންނާނެއެވެ. އެހެނީ އެމީހަކު ހުންނާނީ އެންމެ ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް ވަކީލްކޮށްގެންނެވެ. ބިރުވެތިވާނީ ހަމައެކަނި ﷲ ތަޢާލާ އަށެވެ. އެއްވެސް މީހަކު ކޮށްފާނެ އެއްވެސް ކަމަކަށް، ދީފާނެ ދެރައަކަށް ކަންބޮޑެއް ނުވާނެއެވެ.
ތިރީގައިވާ ލިޔުމުން ޢިބްރަތް ޙާޞިލުކުރައްވާށެވެ! އަދި އެއިމާމްފަދައިން ޘާބިތުކަން ލިބިގަތުމަށް މަސައްކަތްކުރާށެވެ. އެމީހަކު ދެރަކޮށް ނިކަމެތިކުރެވޭނެ ހަމައެކަކުވެސް ނުހުންނާނެއެވެ. އިން ޝާ ﷲ. އަދި އެއްކަންތައް ފާހަގަކޮށްލާނަމެވެ. އެއީ ތިބާއަށް ގެއްލުންދޭން މަސައްކަތްކުރާ މީހުންނަށްވެސް ޙަސަވެރިވުމުގެ ބަދަލުގައި ހެޔޮދުޢާކުރުމުގތެ ފައިދާއެވެ.
މިރޭ މިކިޔައިދޭ ހާދިސާއަކީ ދުޢާކުރަން ދުލުން ބުނި ބަހުގެ އަޑު ބޭރުވުމާއިއެކު އޭނާ ކުރި ދުޢާ ޢިޖާބަ ކުރައްވަވައި ކަންކަން މުޅިން އެހެން ގޮތަކަށް ބަދަލުވެގެންދިއަ ހާދިސާއެއްގެ ވާހަކައެކެވެ. މިވާހަކަ ވާނީ ކުރިންވެސް ދަރުސެއްގައި ކިޔައިދީފައެވެ. އެހެންކަމާއިއކުވެސް މިކިޔައިދެނީ ދުޢާކުރުން ޢިޖާބަކުރެއްވެވުން ލަސްވާތީ ޝަކުވާތައް ލިބޭވަރު ގިނަކަމުންނެވެ.
އެ އިމާމަކީ މިސްކިތުގެ އިމާމްކަން ކުރެއްވުމުގެ އިތުރުން މީސްތަކުންނަށް ދީނީ ނަޞޭޙަތް ދެއްވައި އަދި މީސްތަކުންނަށް އިސްލާމްވުމަށް ދައުވަތުވެސް ދެއްވަމުން ގެންދަވާ އިމާމެކެވެ. އެހެންކަމުން އީމާންކަން ތާޒާކުރަން ބޭނުންވާ ގިނަ ބައަކު އިމާމްއާއިއެކު ވަގުތުތައް ހޭދަކުރެއެވެ.
އެއްރެއަކު ޢިޝާ ނަމާދުކުރައްވައިގެން އިމާމް ގެއަށް ވަޑައިގަންނަވަނީއެވެ. ވިއްސާރަވުމުގެ ސަބަބުން އުޑުމަތި ވަރަށް ބަނަ ރެއެކެވެ. އެހެންކަމުން މަގުތައް އޮތީ ފުދޭވަރަކަށް އަނދިރިކޮށެވެ. ވަޅިއެއް ހިފައިގެން ހުރި މީހަކު ކުއްލިއަކަށް އިމާމްގެ ކުރިފުޅުމަތީގައި ހުއްޓިފައި ބުންޏެވެ.
"އިމާމްގެ ފަތުވާގެ ސަބަބަބުން އަހަރެންގެ 2 ކޮއްކޮ އިސްލާމް ވެއްޖެއެވެ. އަހަރެން ޤަޞްދުކުރަނީ އިތުރު މީހުންނަށް ވަސްވާސްދީގެން އިމާމްގެ ދީނަށް ވެއްދުމުގެ ފުރުޞަތު އިމާމަށް ނުދީ އިމާމްގެ ކަންތައް ނިންމައިލާށެވެ. ކުރިއަށް އެންމެ ފިޔަވަޅެއް އެޅިނަމަވެސް ކަރު ބުރިކޮށްލާނަމެވެ."
އެވަގުތު އިމާމް ކޮންމެވެސް އެއްޗެއް ކިޔަވައިވިދާޅުވަން ފެށްޓެވިއެވެ. އެކަން އެނގުމުން އެމީހާގެ ހިތަށް ކޮންމެވެސް ބާވަތެއްގެ ބިރުވެރިކަމެއް ވަނެވެ. އޭނާއަށް ޤަބޫލުކުރެވުނީ އިމާމް ސިހުރުގެ ކޮންމެވެސް އިސްމެއް ކިޔަވައި ވިދާޅުވަނީ ކަމަށެވެ. އެހެންކަމުން އިމާމް ޤަތުލުކޮށްލިނަމަވެސް އެ ސިހުރު އޭނާއަށް ޖެހިދާނެތީ ކަންބޮޑުވެ ސުވާލުކުރިއެވެ. "އިމާމް ސިހުރުހަދަނީހެއްޔެވެ؟ މީހަކު އެއްޗެއް ބުނާއިރަށް ތިއަ ފެންވަރުގެ ބޮޑެތި ޢިލްމުވެރިން އެމީހަކަށް ސިހުރު ހަދާހެއްޔެވެ؟ ތިއައީ ކޮންކަހަލަ އިމާމެއްހެއްޔެވެ؟"
އިމާމް ވިދާޅުވިއެވެ. "އަހަރެން އެއްވެސް ބާވަތެއްގެ ސިހުރަކަށް ނުކިޔަވަމެވެ. ސިހުރު ހެދުމަކީ އަދި އެއްވެސް ގޮތަކުން މީހުންނަށް ގެއްލުން ދިނުމަކީ މުސްލިމުން ކުރާނެ ކަމެއް ނޫނެވެ. އަހަރެން މިކުރާ ކަމަކީ ކަލޭގެ ކިބައިން ސަލާމަތްކޮށްދެއްވެވުމަށް އެދި ދުޢާކުރުމެވެ. އަހަރެން މިކުރާ ދުޢާއަކީ حَسْبُنَا اللَّهُ وَنِعْمَ الْوَكِيلُ އެވެ. ތިއައީ އެންމެ މީހެއް ނޫންހެއްޔެވެ؟ މިދުޢާއަކީ ބޮޑު އުންމަތެއްގެ މީހުން އެއްވެ ބޮޑު އަލިފާން ގަނޑެއް ރޯކުރުމަށްފަހު އުމުރުފުޅުން އެންމެ 13 ވަރަކަށް އަހަރުގެ ކުޑަކުއްޖަކު (އިބްރާހީމްގެފާނު) އެ އަލިފާންގަނޑަށް އެއްލާލައި 3 ދުވަސް ވަންދެން އެންދުމުން ވެސް އެކުއްޖާ އަށް އެއްވެސް އަނިޔާއެއް ނުވެ ﷲ ތަޢާލާ ސަލާމަތްކޮށްދެއްވެވި ދުޢާއެވެ. މިދުޢާގައި މިބުނެވެނީ ތިމަން އަޅާއަށް އިނބަ ﷲ ގެ ޙަޟްރަތުން ފުދެއެވެ. މިއަޅާގެ ހުރިހާ ކަމެއް އިނބަ ﷲ އަށް ވަކީލުކޮށްފީމެވެ.
އެއިގެ އިތުރުން އަހަރެން ﷲ ތަޢާލާގެ ޙަޟްރަތުގައި އެދި ދެންނެވީ ތިބާއަށް ތެދުމަގު ދެއްކެވުމަށެވެ. މީހަކު އަހަރެން މަރައިލުމަކީ އަހަރެން އެއްވެސް ވަރަކަށް ބިރުގަންނަ ކަމެއް ނޫނެވެ."
ޖަވާބުގައި އެމީހާ ބުނީ "އިމާމް އަވަހަށް ގެއަށްދާށެވެ. ފަހުން ބައްދަލުކުރާނަމެވެ."
އެރޭގެ ފަތިސް ނަމާދަށް ބަންގިގޮވަން ދާދި ގާތްވެފައި ވަނިކޮށް އެމީހާ މިސްކިތައް ވަދެގެން އަންނަތަން ފެނުނެވެ. އޭނާގެ މިޒާޖު އެނގޭތީ އެ އަންނަނީ ކަތިލަން ކަމަށް ހީކޮށް އޭނާގެ ދެ ކޮއްކޮ ދުވެ ފިލަން ވެސް އުޅުނެވެ. ނަމަވެސް އިމާމް ވިދާޅުވީ މަޑުން ތިބުމަށެވެ.
ވަދެގެން އައި ގޮތަށް އައިސް އިމާމް ކައިރީގައި އިށީނދެފައި ބުންޏެވެ. "އިމާމްގެ ދުޢާއަކީ ސިހުރަށްވުރެ މާބާރުގަދަ އެއްޗެކެވެ. އިސްލާމްވާ ހިތުން ރޭ ނުވެސް ނިދުނެވެ. އިމާމް ކުރައްވާނެ އަމުރެއް ކުރައްވާށެވެ! ފުރިހަމައަށް ކިޔަމަންވާނަމެވެ."
މީސްތަކުންނޭވެ! މިހިރީ ކަންތައްތައް މެދުވެރިވާ ގޮތެވެ. އެރޭގެ އިރާކޮޅު އޭނާ ހުރީ އިސްލާމް ދީން ދެކެ އަންނަ ރުޅީގައި އިމާމް ޤަތުލުކުރަން ވަޅި ހިފައިގެންނެވެ. ފަތިސްވީއިރު އެހުރީ ﷲ ތަޢާލާއަށް އީމާންވެގެން މިސްކިތުގައެވެ. ވީމާ މީހަކު އިސްލާމް ދީން ދެކެ ރުޅިއައިސްގެން އުޅުނު ނަމަވެސް ރިވެތި ގޮތުގައި ރައްދުދޭށެވެ. އެމީހަކަށްޓަކައި ހެޔޮ ދުޢާކުރާށެވެ! އަހަރެމެން ތިބީ ﷲ ތަޢާލާގެ މަގުގައި ކަމަށްވާނަމަ ﷲ ތަޢާލާ އަހަރެމެންނަށް ކުރިމަތިވާ ހުރިހާ މުޞީބާތްތަކުންވެސް ސަލާމަތް ކުރައްވަވާނެތެވެ.
މީސްތަކުންނޭވެ! ނިކަންވިސްނައިލަބަލާށެވެ! އޭނާގެ ވަޅި ކުރިމަތީގައި ހުންނަވައިގެން އިމާމް އެކުރެއްވީ އިބްރާހީމްގެފާނު އަލިފާންގަނޑަށް އެއްލަވައިލެއްވުނުވަގުތު ކުރެއްވެވި ދުޢާއެވެ. ޔަޤީންކުރާށެވެ! އެދުވަހު ފަދައިން މިއަދުވެސް ފުރިހަމަ ޔަޤީންކަމާއިއެކު ﷲ ތަޢާލާއަށް ވަކީލުކޮށްފިނަމަ އެކަމެއް ﷲ ތަޅާ ހިންމަވައިދެއްވަވާނެތެވެ. އެއީ އެއްވެސް ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ. މިހާދިސާއިން ވެސް ޔަޤީންވެގެންމިދަނީ އެކަމެވެ.
އިމާމް ދޫޢާކުރެއްވި އަޑު އޭނާއަށް އެއިވުނީ ނުބައި ސިހުރެއް ހައްދަވަން ކިޔެވެއްޔެއް ކިޔަވާއަޑުގެ ގޮތުގައެވެ. ހަމަވަގުތުން މީހާގެ ގައިން އެވަނީ ހީބިހި ނަގައި މުޅި މީހާގެ ވިސްނުން ބަދަލުވެފައެވެ. މީހަކަށް ކަމެއް ހިންމަވައި ދެއްވަވަން އިރާދްކުރެއްވެވުމުން އެ ނިޢްމަތެއް އައިސް ބައްދަލުކުރާނެ ގޮތް ނުވެސް ވިސްނޭނެތެވެ!
ދިރިއުޅުމުގެ ހާލަތަށް އައިސްފައި މިވާ ބޮޑެތި ބަދަލުތަކާއި ކުރިމަތލާންޖެހިފައިވާ ދަތިތަކާއިއެކު ކަންކަން ބޭނުންވާ މިންވަރު އިންތިހާއަށް އިތުރުވުމުން ނަމަވެސް މިހާރަކަށް އައިސް ހަމަ އެންމެ ގިނަ ބައެއްގެ އެންމެ ބޮޑު ޝަކުވާއަކަށް ނުވަތަ ކަންބޮޑުވުމަކަށްވެފައި އޮންނަނީ ކުރާ ދުޢާ ޢިޖާބަކުރެއްވެވުން ލަސްވުމެވެ. ކަމަކަށް އެދެވޭވަރު ބޮޑުވާވަރަކަށް ވެސް މިފަދަ މައްސަލަތައް ކުރިމަތިވުން ގިނަވާނެއެވެ. ދުޢާއަކީ ﷲ ތަޢާލާއަށް ދުޢާކުރުމަށްފަހު އަވަސްއަރައިނުގަނެ ކެތްތެރިވުމުގެ ބާރު މިންވަރުކުރެއްވެވުމެވެ. އާމީން
- އިސްލާމީ ތިލަފަތުގެ ދަރުސަކުން