ކައިވެނި ކުރާ ޢުމުރަށް އެޅި ކައިވެނިނުކޮށް ތިބޭ ގިނަ ބައަކާއި ސުވާލުކޮށްލުމުން ބުނަނީ ރަނގަޅު މީހަކާއި ބައްދަލުނުވަނީ ކަމަށެވެ. އިންތިޒާރުކުރަމުން މިދަނީ ރަނގަޅު މީހަކަށް ކަމަށެވެ.
އިތުރަށް ވާހަކަ ދެއްކުމުން އެނގެނީ ރަނގަޅު މީހުންނާއި ބައްދަލުވާ ކަމަށާއި ނަމަވެސް އޭނާ ހުށަހަޅާ ޝަރުޠުތައް ޤަބޫލުކުރަން އުނދަގޫވަނީ ކަމަށެވެ. ޝަރުޠުތަކަކީ ކޮބައިކަން އޮޅުންފިލުވުމުން އެނގެނީ އެއީ ޒަވާޖީ ޙަޔާތް ބާއްޖަވެރިކުރަން ކޮންމެހެން ބޭނުންވާނެ ކަންކަން ކަމެވެ. އެހިސާބުން ޝަރުޠުތަކަށް އެއްބަސްނުވީ ކީއްވެގެންތޯ ސުވާލުކުރުމުން ބުނަނީ މިނިވަންކަން ގެއްލޭތީ ކަމަށެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ކޮންމެ މީހަކުވެސް މިނިވަންކަން ބޭނުންވާނެއެވެ. މައްސަލައަކީ މިނިވަންކަން މާނަކުރެވޭ ގޮތެވެ. އަދި ބަލަންވީ މިނިވަންކަމަކީ ކޮބައިތޯއެވެ. އެގޮތުން ބަލާއިރު ފުރަތަމަވެސް ބަލަން އޮތީ ދެމަފިރިއަކަށްވުމަށްފަހު އުޅެން ﷲ ތަޢާލާ އަންގަވާފައިވާ ގޮތެވެ. އެކަކު އަނެކަކަށް އަދާކުރަންޖެހޭ ޙައްޤުތަކަށެވެ. ކިޔަމަންތެރިވާންޖެހޭ މިންވަރަށެވެ.
އިސްލާމް ދީނުގައި ބަޔާންވެގެންވާ އިންތަކުގެ ތެރެއިން ޢަމަލުކުރުމަކީ މިނިވަންކަން ގެއްލޭނެ ކަމެއް ނޫނެވެ. މިނިވަންކަން އިތުރުވާނެ ކަމެކެވެ. ދިރިއުޅޭނެ ޤާނޫނެއް ޤަވާޢިދެއް ނެތީ ޖަނަވާރުތަކަށެވެ. އިންސާނުންނަށް އޮތީ ކޮންމެ ކަމެއްވެސް ﷲ ތަޢާލާގެ އެންގެވުމާއި އެއްގޮތަށް ކުރުމެވެ. ޔަޤީންކުރަންވީ އެއްވެސް މީހެއްގެ މިނިވަންކަން ގެއްލޭނެ ގޮތަކަށް ﷲ ތަޢާލާ އެއްވެސް ކަމެއް ނިންމަވާފައި ނުވާނެ ކަމެވެ. ކޮންމެ ކަމެއްވެސް ނިންމަވާފައިވާނީ އިންސާނުންނަށް އެންމެ ފައިދާހުރި ގޮތަށް ކަމެވެ.
ވީމާ އަންހެނުންވެސް އަދި ފިރިހެނުންވެސް މިކަންކަމަށް ވިސްނާށެވެ! ޒަވާޖީ ޙަޔާތް ބާއްޖެވެރިކުރެވޭނެ މަގުން އަނެކާ ހުށަހަޅާ ޝަރުޠުތައް ޤަބޫލުކުރާށެވެ! ރަނގަޅު މީހަކު ނަމަ ދިރިއުޅުން ބާއްޖަވެރިކުރެވޭނެ ކަންކަމަށް ޝަރުޠުކުރުވާނެކަން ޤަބޫލުކުރަންވާނެއެވެ. އެފަދަ އެއްވެސް ޝަރުޠެއް ނުކުރާނަމަ އެނގެނީ އެމީހެއްގެ ކިބައިގައި އެއްވެސް ހަރުދަނާ ކަމެއް ނެތް ކަމެވެ.
މިކަންކަމަށް ވިސްނައިފިނަމަ ދިރިއުޅުން ބާއްޖަވެރި ކުރުވޭނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން