ސުންނަތް އަޅުކަންކުރުން ގިނަ ކުރުމުން ކުރާނެ ފައިދާ ބޮޑުތަނުން އިތުރުކުރަން ބޭނުންވާނަމަ ފާފަކުރުން ހުއްޓައިލާށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 50ސ
ސުންނަތް އަޅުކަންކުރުން ގިނަ ކުރުމުން ކުރާނެ ފައިދާ ބޮޑުތަނުން އިތުރުކުރަން ބޭނުންވާނަމަ ފާފަކުރުން ހުއްޓައިލާށެވެ!: މުފްތީ މެންކް

 

ފެނަކީވެސް ލިބިގަތުމަށް ޚަރަދުތަކެއް ކުރަންޖެހޭ އެއްޗެކެވެ. އެހެންވެ ބުއްދި ސަލާމަތުން ހުރި މީހަކު ފޫނެތް ބާލިދީއަކަށް ފެނެއް ނުފުރާނެއެވެ. އެއީ އެއިގައި ފެންހަރުނުލާނެކަން އެނގޭތީއެވެ. ފެންބިލު ބޮޑުވުން ނޫންކަމެއް ނުވާނެކަން އެނގޭތީއެވެ. މިވިސްނުން އަޅުކަންކުރުމުގައިވެސް ގެންގުޅެންޖެހެއެވެ. ތިމާކުރާ އަޅުކަމުގެ ޢަމަލުތަކުން ތިމާއަށް ފައިދާކުރާނެ ގޮތްތަކަށް ވިސްނަން ޖެހެއެވެ. އެއްވެސް ފައިދާއެއް ނުކޮށް ގެއްލެނިވެގެން ނުދާނެ ގޮތްތަކަށް ކަންކަން ކުރަންޖެހެއެވެ.

 

ސުންނަތް އަޅުކަން ކުރުން އިތުރުކުރަން ގިނަބައަކު ގަދައަޅައި މަސައްކަތްކުރެއެވެ. ރޭގަނޑު ހޭލައި އިނދެގެންވެސް އަޅުކަންކުރެއެވެ. ސުންނަތް އަޅުކަމަކީ ވެސް ހަމަ ކޮންމެހެންވެސް ކުރަންޖެހޭ ކަންކަމެވެ. ޤިޔާމަތް ދުވަހު ފަރުޟް ކަންކަމުގެ ހިސާބު ބައްލަވާއިރު މަދުވާބައި ސުންނަތުން ލިބުމަށް އުންމީދުކުރެވިދާނެއެވެ. ﷲ ތަޢާލާ އިރާދަ ކުރައްވަވައިފި އަޅަކަށް ފަރުޟު ނަމާދުން މަދުވާބައިވެސް ސުންނަތް ނަމާދުތަކުން ލައްވަވައި ދެއްވަވާނެތެވެ.

 

ފަރުޟު ކަންކަން ކުރުމާއިއެކު ސުންނަތް އަޅުކަން މިކުރަނީ "ރިޒަރވް"ގެ ގޮތުގައި މަޙްޝަރު ދުވަހު ތިމާއާއިއެކު ވުމަށްޓަކައެވެ. އަމަލުތައް މީޒާނުގައި ކިރައިލެވޭއިރު ހެޔޮކަމުގެ ކޮޅަށް ވީހައި ބުރަކުރުމަށްޓަކައެވެ. އެ މަޤްޞަދު ޙާޞިލު ނުކުރެވޭނެ ގޮތަށް އަޅުކަން ކުރުމުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ ބައެއް މީހުން ކުރާ އަމަލުތަކަށްބަލާއިރު މިފަދަ އެތައް ކަންބޮޑުވުންތަކެއް އެބަހުއްޓެވެ.

 

ކަމުގެ ކުޑަބޮޑުމިނަށް ބަލާއިރު ކުރެވޭ ފާފަތައް ކުރުން ހުއްޓައިލުމުގެ މުހިންމުކަމާއި ފައިދާ މާބޮޑެވެ. އެހެން މިބުނަނީ ފާފަކުރުން ހުއްޓާލުމުން ޢަޛާބުގެ ކޮޅަށް ތިލަފަތް ބުރަވުން ހުއްޓިގެންދާނެތީއެވެ. ނަމަވެސް މިކަން ގިނަ ބައަކަށް ނުއެނގެއެވެ. ނުވަތަ މިކަން އެމީހުންނަށް ޤަބޫލުނުކުރެވެނީއެވެ. އެހެންވެ ފާފަތައް ކުރަމުން ވެސް ސުންނަތް އަޅުކަން ކުރުން ގިނަ ކުރެއެވެ.

 

މިހެން މިބުނަނީ މިކަމުގެ ސަބަބުތައް ފެންނަން ހުރުމުންނެވެ. މުޅި ދުވަހު ކުރެވޭ ހުރިހާ ސުންނަތް އަޅުކަމުން ލިބޭނެ ޘަވާބަށްވުރެ ކުރެވޭ ހަމަ އެންމެ ފާފައަކުން ލިބޭ ޢަޛާބު އެތައް ގުނައަކަށް ބޮޑުވެދާނެއެވެ. އެހެންކަމަށްވާއިރު ފާފަތައް ކުރަމުން ކުރާ އަޅުކަމުން ތިލަފަތުގައި ހެޔޮކަމުގެ ކޮޅަށް ބަރުވެދާނެކަމަށް އުންމީދުވެސް ކުރެވޭނީ ކިހިނަކުން ހެއްޔެވެ؟

 

އެއްވެސް ޙާލެއްގައި މިބުނަނީ ފާފަކުރެވޭތީ ސުންނަތް އަޅުކަން ނުކުރުމަކަށް ނޫނެވެ. ޘަވާބު ދެއްވަވާނެ ވަރަކާއި ޢަޛާބު ދެއްވަވާނެ ވަރެއް ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. އެހެންކަމާއިއެކުވެސް ހެޔޮކަމުގެ ކޮޅަށް ތިލަފަތް ބުރަވެގެންދާނީ ފާފަފަކުރުމުން ދުރުހެލިވެ ހުރެގެންކަންވެސް އެނގެން އެބައޮތެވެ.

 

އެކަން ވާނީ ބޯޓެއް ކަނޑުގައި ހުއްޓައި ފޫގޮސްގެން ލޮނުއަރަމުންދާއިރު ލޮނުއެރުން ނުހުއްޓުވައި ބޯޓަށް އަރާ ލޮނު ހުސްކުރުނަ ފަދަ ކަމަކަށް ނޫންހެއްޔެވެ؟

 

ރަސޫލް ()ގެ ޙަދީޘްފުޅުގައި ވަނީ ސުވަރުގޭގައި އިތުރުއެކަލޭގެފާނާއި އެންމެ އަރިއަހުގައިވުމަށް އެދޭނަމަ ސަޖިދަކުރުން ގިނަކުރުމަށެވެ! އަދި ﷲ ތަޢާލާ އާއި އިތުރަށް ކުއްތަންވުމަށްވެސް ކުރަން އޮތް އެންމެ މުހިންމު ކަމަކީ ސަޖިދަކުރުން ގިނަކުރުމެވެ.

 

ފަރުޟު ނަމާދުގައި ސަޖިދަކުރެވޭނެ މިންވަރު ﷲ ތަޢާލާ ވަނީ ކަނޑައަޅުއްވަވައިފައެވެ. އިތުރެއް ނުކުރެވޭނެއެވެ. ނަމަވެސް ސުންނަތް ނަމާދަކީ އެމީހަކު ބޭނުން އަދަދަކަށްކޮށް ސަޖިދަކުރުން ގިނަކުރުމުގެ ފުރުޞަތު އޮތް ނަމާދެކެވެ. އެހްންކަމުން ޙަދީޘްފުޅުގައި އެވަނީ ސުންނަތް ނަމާދުކުރުން ގިނަކުރުމުގެ ވާހަކައެވެ.

 

ވީމާ ސުންނަތް ނަމާދުކުރުމާއި އެހެންވެސް ސުންނަތް އަޅުކަންތައް ކުރުން އިތުރުކުރާއިރު  އެކަންކަމުގެ ފައިދާ ލިބިގަތުމަށްޓަކައި ތިމާއަށް ކުރެވެމުން އަންނަ ފާފަތައް ކުރުން މިހާރުން މިހާރަށްވެސް ހުއްޓާލަން އެބަޖެހެއެވެ. ކުރާ އަޅުކަމުގެ ފައިދާ ފެންނާނީ އެއިރުންނެވެ.

 

--މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން