ބްރިޖު ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ބިދޭސީއެއް މަރުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 45ސ
ބްރިޖު ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ބިދޭސީއެއް މަރުވެއްޖެ

މިއަދު ހެނދުނު ސިނަމާލެ ބްރިޖު ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ބަންގްލަދޭޝް ރައްޔިތެއް މަރުވެއްޖެއެވެ.

ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މި އެކްސިޑެންޓު ހިނގާފައިވަނީ މިއަދު ހެނދުނު 8:19 އެހައިކަށްހާއިރު، ހުޅުމާލެއިން މާލެ އަންނަ ލޭންގައެވެ. އެކްސިޑެންޓު ހިނގީ ސޯލާ ޕެނަލްތައް ކައިރީގައި މަސައްކަތްކުރާކަން އަންގައިދިނުމަށް ބަހައްޓާފައި ހުރި ކޯނެއްގައި ސައިކަލެއް ޖެހިގެންނެވެ.

މި ހާދިސާގައި އަނިޔާވި ބަންގްލަދޭޝް ފިރިހެންމީހާ ވަނީ އައިޖީއެމްއެޗަށް ގެންދެވިފައެވެ. ނަމަވެސް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް، ހެނދުނު 9:05 ހާއިރު އޭނާ ވަނީ މަރުވެފައިކަމަށް ފުލުހުން މައުލޫމާތު ދެއްވިއެވެ.

މި މައްސަލައިގެ ތަހުގީގު މިހާރު ދަނީ ކުރިއަށް ކަމަށް ފުލުހުން ވަނީ ހާމަކުރައްވާފައެވެ. އަދި މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތު ލިބުމުން ހިއްސާކުރައްވާނެ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މިއަދު އޮންލައިން