ޢަޒުމް ކަނޑައަޅައި އެއްފަހަރުން ހުއްޓާލުމަކީ ފާފަކުރުމުން ސަލާމަތްވެވޭނެ އެންމެ ފަސޭހަ ގޮތް! ޘާބިތުވާން މަސައްކަތްކުރީމާ ތައުފީޤް ދެއްވަވާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 12ސ
ޢަޒުމް ކަނޑައަޅައި އެއްފަހަރުން ހުއްޓާލުމަކީ ފާފަކުރުމުން ސަލާމަތްވެވޭނެ އެންމެ ފަސޭހަ ގޮތް! ޘާބިތުވާން މަސައްކަތްކުރީމާ ތައުފީޤް ދެއްވަވާނެ!: މުފްތީ މެންކް

ފާފަކުރުން ހުއްޓާލަން ގިނަ ބައަކަށް އުނދަގޫވަނީ ޢަމަލުކުރެވޭ ގޮތުންނެވެ. ޢަމަލުކުރަން ފަސްޖެހެވޭތީއެވެ. ވީމާ އެކަމަށް ނިޔަތް ގަތުމާއިއެކު ޢަމަލުކުރަން ފަށާށެވެ! ކާމިޔާބުވާނެއެވެ! އިން ޝާ ﷲ

ފުރަތަމަވެސް ވިސްނައިލާށެވެ! އިސްލާމް ދީނުގެ ޙުކުމްފުޅުތައް ﷲ ތަޢާލާ ބާވައިލެއްވެވީ ބޮޑެތި ފާފަތައް ކުރަން މީސްތަކުން ދެވިހިފައި އެކަންކަމުގައި ހައްދުފަހަނައަޅާފައި ވަނިކޮށެވެ. ނަމަވެސް އެފަދަ ޒަމާނެއްގައިވެސް މުސްލިމުން ޢަމަލުކުރީ ކިހިނަކުން ހެއްޔެވެ؟ އެއްވެސް ކަމެއް ނަހީކުރައްވަވައިފިނަމަ އެއްވެސް ބަހަނާއެއް ނުދައްކަވައި ވަޤުތުން އެކަމެއް ހުއްޓަވައިލެއްވެވީއެވެ.

ބައެއް މީހުން، އެމީހުންނަށް އަބަދުކުރެވޭ ކަމަކަށްވާތީ އަތަށް އެއްޗެއް ލައިގެންހުރެ ނަށަމުން ވެސް ތިމަންނާ ފާފަކުރުން ހުއްޓާލަން މަސައްކަތް ކުރާ ކަމަށް އެބަ ބުނެއެވެ. މިއީ ދެކޮޅު ޖެހޭ ގޮތަކަށްވެސް، ދެކޮޅޫޖެހޭ ބަހަކަށްވެސް އަދި ދެކޮޅުޖެހޭ ކަމަކަށްވެސް ނުވާނެއެވެ.

ފާފަކުރުން ހުއްޓާލަން އެދޭ މީހާ ފުރަތަމަ ކަމަކަށް އަތުގައި އޮތް އެތި ދޫކޮށްލާށެވެ. އެއާއި ކައިރިވެސް ނުވާށެވެ. އިތުރަށް ކައިރިވެސް ނުވާން ޢަޒުމް ކަނޑައަޅާށެވެ. ދުރަށް ޖެހިލުމަށްފަހު އެބަ މަސައްކަތް ކުރަމޭ ބުނާށެވެ! އެއިރުން ﷲ ތަޢާލާ އެމީހަކަށް ހިތްވަރު ދެއްވަވާނެތެވެ! ހުއްޓާލަން މަގުފަހިކުރައްވަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ

ބައެއް މީހުންނަށް ވިސްނެނީ ފާފަ ކުރުން ހުއްޓައި ނުލެވޭނެ ކަމަށެވެ. އަބަދުވެސް ހުންނާނީ ފާފަ ކުރެވިކުރެވި ކަމަށެވެ. އެކަމުގެ މައްޗަށް ތިމާގެ އަމިއްލަ އެއްވެސް ބާރެއް ނުހިނގާނެ ކަމަށެވެ. ނަމަވެސް އެއީ އެއްގޮތަކަށްވެސް އެކަން އޮތްގޮތެއް ނޫނެވެ.

ހަމަ އެއާއެކު ފާފަކުރުން ހުއްޓާލަން އެދޭމީހާ އެކަމަށް ނިޔަތް ގަންނަ ވަގުތުން ފެށިގެންވެސް ނަމާދުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދޭންވާނެއެވެ. އަދި ނަމާދު ކުރަންވާނީ ނަމާދުކުރުމުގެ ރޫޙްގައެވެ. ޚުޝޫޢަތްތެރިކަމާއި އެކުގައެވެ. ނަމާދަކަށް ނަމާދެއް ކުރާ އުޞޫލަކުން ނޫނެވެ.

މިއީ އަހަރެން ބުނާ ބަހެއް ނޫނެވެ. ކީރިތި ޤރްއާނުގައިވާ ﷲ ތަޢާލާގެ ވަޙީ ބަސްފުޅެވެ. "ނަމާދަކީ ފާފަކުރުމާއި ދެމެދު ލެވިގެންދާ ވަރުގަދަ ހުރަހަކަށް ވެގެންދާނެ"އެވެ. އަދިވެސް ބުނަން ހެއްޔެވެ! ފުރިހަމަ ގޮތުގައި ކުރާ ނަމާދަކީ ތިބާ އާއި ﷲ ތަޢާލާއި ގުޅުވައިލަދޭނެ ވަސީލަތެވެ. އެ ވަސީލަތުގެ ސަބަބުން ފާފަ ކުރުމާއި ތިބާ އާއި ދެމެދު ވަރުގަދަ ފާރެއް ލެވިގެންދާނެއެވެ.

ބައެއް ޙާލަތްތަކުގައި ދިރިއުޅުމުގެ ކަންކަން މިހުންނަ ގޮތުން މަދުން އަޅުކަން ކުރެވޭ ހާލަތެއްވެސް ކުރިމަތިވެދާނެއެވެ. ނަމަވެސް ކޮންމެ ޙާލަތެއްގައިވެސް ނަމާދު ނުއަޅާށެވެ. ނަމާދު ނުއަޅާނަމަ ހުރިހާ ކަމެއްވެސް ދާނީ ﷲ ތަޢާލާގެ ވާގިފުޅާއިއެކު ޙައްލުކުރެވެމުންނެވެ.

ﷲ ތަޢާލާގެ ރަޙްމަތްފުޅާއިމެދު މާޔޫސް ނުވާށެވެ! ތިބާ ތައުބާވުމުން ހުރިހާ ފާފަތަކެއްވެސް ފުއްސަވާނެތެވެ. ފަރުވާތެރިވާންވީ ނަމާދަށެވެ. ނަމާދު ފުރިހަމައަށް ކުރާނަމަ ދާނީ ހުރިހާ މަގުތަކެއްވެސް ދާނީ ހުޅުވެމުންނެވެ. އެއީ ޝައްކުވެސް ކުރަންޖެހޭނެ ކަމެއް ނޫނެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން