ކުރާ ވިޔަފާރިން ލިބޭ ހުރިހާ ފައިދާއެއްހެން ޞަދަޤާތްކުރާއިރުވެސް މަދުނުވާ އެކުވެރިއަކު އެބަހުރި! ވާނީވެސް އިތުރު! އިން ޝާ ﷲ: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 26ސ
ކުރާ ވިޔަފާރިން ލިބޭ ހުރިހާ ފައިދާއެއްހެން ޞަދަޤާތްކުރާއިރުވެސް މަދުނުވާ އެކުވެރިއަކު އެބަހުރި! ވާނީވެސް އިތުރު! އިން ޝާ ﷲ: މުފްތީ މެންކް

ތަނަވަސްކަން ހުރި މީހަކު މިސްކިތެއް އަޅާނެ ބިމެއް ނުލިބިގެންއުޅޭވާހަކަ ބުނުމުން އެކަމަށް މަގުފަހިކޮށްދެވުނެވެ. މަގުފަހިކޮށްދިނުމުން ބުނީ ބަޖެޓުކޮށްގެން ހުރި ވަރަށްވުރެ ކުރަންޖެހޭ ޚަރަދު ބޮޑުކަމަށެވެ. އަޅަންބޭނުންވަނީ ކުޑަ މިސްކިތެއް ކަމަށެވެ. ނަމަވެސް އޭނާއަކީ އެންމެ ތަނަވަސް މީހުންގެ ތެރެއިން ހިމެނޭ މީހެކެވެ.

ﷲ ތަޢާލާގެ މަގުގައި ހޭދަކުރަން ފަސްޖެހޭ މީހުން ތިރީގައިވާ ލިޔުން ވިދާޅުވެލެއްވުން ވަރަށް މުހިންމުކަން ފާހަގަކުރަމެވެ.

ﷲ ތަޢާލާ ތަނަވަސްކަން ދެއްވެވުމުން ދެއްވެވި ނިޢްމަތަށް ޝުކުރުވެރިވެ ﷲ ތަޢާލާ އަނގަވާފައިވާ ގޮތުގައި އެ ނިޢްމަތުގެ ބޭނުން ހިފާ ގިނަ މީހުންނަށް ދަނީ ތަނަވަސްކަން އިތުރުވަމުންނެވެ. ވަރަށް މަދު މީހަކަށް ދަތި ޙާލަތެއް ކުރިމަތިވެދާނެއެވެ. އެއީ ވެސް މާޔޫސްވާން ޖެހެންވީ ކަމެއް ނޫނެވެ. އެހެނީ އެއީ ވެސް އިމްތިޙާން ކުރެއްވެވުމެކެވެ. އެ އިމްތިޙާނުންވެސް ފާސް ވެއްޖެ ނަމަ އެމީހަކު އާޚިރަތް ދުވަހު ހުންނާނީ އުފަލުންނެވެ.

ބައެއް މީހުންނަށް ޤަބޫލުކުރެވެނީ އެމީހުން މުއްސަނދިވަނީ އެމީހުންގެ ސިކުނޑި މޮޅުކަމުން ކަމަށެވެ. އެގޮތަށް ވިސްނާ މީހުންނަށް ނުއެނގޭ ކަމަކީ އެމީހުންނަށް ސިކުނޑި ދެއްވަވައި މޮޅަށް ވިސްނުމުގެ ބާރު ދެއްވެވީ ކޮން ފަރާތަކުން ކަމެވެ. އަދިވެސް އެފަދަ މީހުންނަށް ނުވިސްނޭ ވަރަށް ބޮޑު ކަމެއް އޮވެއެވެ. އެއީ އެމީހާގެ ވަށައިގެން އެނބުރޭ މީހުންނަކީ އޭނާގެ ވަށައިގެން އެނބުރޭ ބައެއް ނޫންކަމާއި އެއީ އޭނާގެ އަތުގައި ހުރި ފައިސާގެ ވަށައިގެން އެނބުރޭ ބައެއް ކަމެވެ.

"އޭނާއަކީ ދީލަތި މީހެކެވެ. ﷲ ތަޢާލާގެ މަގުގައި ހޭދަކުރާ މީހެކެވެ. މީހަކު ބޭނުމަކު އަތުވެއްޖެ ނަމަ އަމިއްލަކަންކަން ނުކޮށް ބަހައްޓާފައިވެސް އެމީހެއްގެ ބޭނުން ފުއްދައިދޭ މީހެކެވެ. އެމީހާގެ އެކައުންޓުގައި މާގިނަ ފައިސާތަކެއް ނުހުރެއެވެ. އަބަދުވެސް ހުންނަނީ ހުސްވެފައެވެ. އެހެން ނަމަވެސް ޢަޖައިބަކީ އަހަރުން އަހަރަށް އޭނާގެ ވިޔަފާރި ފުޅައުވެ ކުރިއަރަމުން އަންނަކަމެވެ. އިތުރު ވިޔަފާރިތައް ފަށައިގަނެވޭ ކެމެވެ. ތިޖޫރީއަށް ވަންނަ ފައިސާ ގިނަވާކަމެވެ. ކުރަން ބޭނުންވާހައި ކަމެއްކޮށްގެން އުފަލުގައި ދިރިއުޅެވޭ ކަމެވެ."

ވަރަށް ކުރުކޮށްލާފައި މިކިޔައިދިނީ އަހަރެން ވަރަށް ގާތުން ދަންނަ މީހެއްގެ ވާހަކައެވެ. އެމީހާ އާއިމެދު ކަންތައްތައް މެދުވެރިވަމުންދާ ގޮތުގެ ވާހަކައެވެ. މިހެން މިކަންކަން މެދުވެރިވާ ސަބަބާއިމެދު ފުންކޮށް ވިސްނައިލަމާ ހެއްޔެވެ؟

ގިނަ މުއްސަނދިން ފަޤީރުވަނީ އެމީހުންނަށް ﷲ ތަޢާލާ ތަނަވަސްކަން ދެއްވެވުމުން އެއީ ތިމާ އިމްތިޙާން ކުރެއްވެވުމަށްޓަކައި ﷲ ތަޢާލާ ޙަވާލު ކުރެއްވެވި އަމާނާތެއްކަން ޤަބޫލު ނުކުރެވި އެއީ ތިމާގެ މަސައްކަތުން ލިބިގަތް ތަނަވަސްކަމެއް ކަމަށް ޤަބޫލުކުރެވޭތީއެވެ.

ﷲ ތަޢާލާ ތަނަވަސްކަން އަދި އެނޫންވެސް ނިޢްމަތެއް މިންވަރު ކުރައްވަވައިފިނަމަ ފުރަތަމަ ކަމަކަށް ނަމާދުކުރަން ސަމާލުކަން ދޭށެވެ. ތިމާއަކީ ފަރުޟު 5 ނަމާދު ކުރާ މީހަކު ކަމުގައިވަނީ ނަމަ ސުންނަތް ނަމާދު ކުރުން ގިނަކުރާށެވެ. ކީރިތި ޤްރްއާން ކިޔެވުން ގިނަ ކުރާށެވެ. ހަމައެއާއިއެކު ﷲ އަށް ޝުކުރުވެރިވެ ޙަމްދުކުރުމާއި ﷲ ތަޢާލާ މަތިވެރިކުރަން މަސައްކަތްކުރުންވެސް އިތުރުކުރާށެވެ. އަދި ﷲ ތަޢާލާގެ މަގުގައި ހޭދަކުރުން ގިނަކޮށް ހޭދަކުރާ މިންވަރު އިތުރުކުރާށެވެ.

--މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން