ދީނުގެ ކަންކަމަށް ދަރިން ހޭލުންތެރިކުރުވަން ކިޔައިދޭން ޖެހޭ ވާހަކަތައް ދައްކަން ލަދުގަންގެން ތިބެން ހެޔޮނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 30ސ
ދީނުގެ ކަންކަމަށް ދަރިން ހޭލުންތެރިކުރުވަން ކިޔައިދޭން ޖެހޭ ވާހަކަތައް ދައްކަން ލަދުގަންގެން ތިބެން ހެޔޮނުވާނެ!

ދަރިންނަށް އެންމެ ގެއްލުންހުރި ކަންކަން މެދުވެރިވާ އެއްސަބަބަކީ އެކަންކަމަށް ހޭލުންތެރިނުކުރެވޭކަމެވެ. ވިސްނައި ނުދެވޭ ކަމެވެ. ބިރުވެތިކުރުވަން މަސައްކަތް ނުކުރެވޭކަމެވެ. މިއީ ލަދުގަނެގެން ދެކޮޅު ޖެއްސެން އޮތް ކަމެއް ނޫނެވެ.

މިހެން ބުނަން މިޖެހެނީ އިސްލާމް ދީނުގެ ބައެއް ވާހަކަތައް ދަރިންނަށް ކިޔައިދޭން ބައެއް މައިން ބަފައިން ލަދުގަންނަކަމަށް ބުނާތީއެވެ. ޚާއްޞަކޮށް ޒިނޭ ކުރުމާއި ފާހިޝް އަމަލުތައް ކުރުމުގެ ވާހަކަތަކެކެވެ.

ދެން މިވަނީ ކިހިނެއްޔެވެ؟ އެކަންކަމަކީ ކިހައިވަރެއްގެ ނުބައި ކަންކަން ދަރިންނަށް ނުއެނގިތިބެ އެފަދަ ކަންކަން ކުރެވެން ފަށަނީ އެވެ. ކުރެވެމުން ގޮސް އެންމެފަހުން އެކަންކަން ކުރަން ދެވިވެސް ހިފަނީއެވެ.

ވީއިރު ނިކަން ބުނެބަލާށެވެ! ލަދުން މިފަދަ ކަންކަން ކިޔައި ނުދީ އެކަމަށް ހުރި ބިރުވެރި، ގަދަ ފަދަ ޢަޛާބުގެ ވާހަކަތައް އަންގައި ނުދީ ދަރިން ނަރަކައިން ސަލާމަތް ކުރެވެން މިއަދު އެބަ އޮތް ހެއްޔެވެ؟ މައިން ބަފައިން އަދާކުރަންޖެހޭ ވާޖިބު އަދާނުކުރީމާ، އުފުލަންޖެހޭ ޛިންމާ ނުއުފުލީމާ މައިންބަފައިން ފާފަވެރިނުވާނެ ހެއްޔެވެ؟

ލޮބުވެތި މައިންބަފައިންނޭވެ! ބެލެނިވެރިންނޭވެ! ވިސްނާށެވެ! މީހުން މެރުމާއި ޒިނޭ ކުރުމަކީ އެހެން ނަފުސެއްގެ ޙައްޤުތައް ނައްތައިލުމަށް ކުރެވޭ ކަންކަމެވެ. އެހެން މީހެއްގެ ނަފްސް ނިކަމެތި ކޮށްލުމުގެ އަމަލުތަކެވެ. އެކަންކަމަކީ ﷲ ތަޢާލާ އެންމެ ބޮޑަށް ރުހިވޮޑިނުގަންނަވާ ކަންކަމެވެ. އެކަންކަމަށް ދެއްވަވާ ޢަޛާބަކީ އެންމެ ގަދަފަދަ ޢަޛާބުކަމަށްވެގެންދަނީ އެ ސަބަބުތަކަށްޓަކައެވެ.

ވީމާ އެއްވެސް މީހަކަށް އަނިޔާކޮށްފިނަމަ ޤިޔާމަތް ދުވަހު ދެއްވަވާނެ ގަދަފަދަ ޢަޛާބުގެވާހަކަ ދަރިންނަށް ޢުމުރާއި ގުޅޭގޮތުން ކިޔައިނުދީ އެކަންކަމުން ދަރިން ސަލާމަތްކުރެވޭނީ ކިހިނަކުންހެއްޔެވެ؟

މިފަދަ ވާހަކަތައް ދަރިފުޅު "ބޮޑުވީމާ" ކިޔައި ދޭން މަޑުކޮށްގެން ހުއްޓައި ދަރިފުޅަށް ހުރިހާ ކަމެއް ކުރެވި ނިމުނީމާ މިވަނީ ކިހިނެއް ހެއްޔެވެ؟ އަންހެން ދަރިއެއް ނަމަ އިއްފަތްތެރިކަން ގެއްލި ނިމުނީމާ ދެން ކިޔައިދޭން އޮތީ ކޮންވާހަކައެއް ހެއްޔެވެ؟ ވީމާ ދަރިން ނަރަކައަށް ކޮއްޕާ ބައަކަށް ނުވާށެވެ. އެކަމުގެ ޢަޛާބު ތިބާއަށް ލިބިދާނެކަމަށް ބިރުވެތިވާށެވެ!

 

މިޒަމާނުގައި ކުދިން ފާހިޝް އަމަލުތަކަށް އަރައިގަންނަން ފަށަނީ ވަކި އުމުރެއްގައެއް ނޫނެވެ. ޤަބޫލުކުރަން ކިތަންމެ ބޭނުންނުވި ސަބަބަކީ މާޙައުލެވެ. އަމިއްލަގޭތެރެއިން ވެސް ފެންނަ ކަންކަމެވެ. ދެވޭ ތަރުބިއްޔަތެވެ.

 

ނަތީޖާއަކީ ސްކޫލް ނިންމާއިރު ވެސް ބައެއް ކުދިންނަށް އޮންނަނީ އެފަދަ ނުބައި އާދަތައް ހިފިފައިކަމެވެ. ޝަރީކުކުރުމާއި މީހުން މެރުމާއި ފާހިޝް އަމަލުތައް ކުރުމާއި ޒިނޭކުރުމަކީ މުސްލިމަކު އެއިން ކަމެއް ކޮށްފިނަމަ ޢަޛާބު ދެގުނައަށް ބޮޑުކުރައްވަވާ ކަންކަން ކަމުގައިވާއިރު މިފަދަ އެންމެހައި ކަންކަމުން ދަރިން ސަލާމަތްކޮށް ނުދެވޭނަމަ މައިންބަފައިންނަށް ބޮޑު ޚަރަދުކޮށް އިންތިހާއަށް ބުރަ އުފުލައިގެން ދަރިންނަށް އުނގަންނައި މިދެވެނީ ކޮން ކަމެއްހެއްޔެވެ؟

މުސްލިމުން އެކަންކަން ކުރުމުން ފާފަ ބޮޑުވާ ސަބަބަކީ ކާފަރުން އެފަދަ ކަންކަން ކުރަނީ އެކަމުގެ ޙުކުމްތައް ނުއެނގި ތިބެ ކަމަށްވެފައި މުސްލިމުން ކުރަނީ އެނގި ތިބެގެން ކަމަށްވާތީއެވެ.

 

މިއަދު އޮންލައިން