ދަންވަރުގެ ނިދި ޤުރްބާންކޮށް ރޭޢަޅުކަން ކުރަން ފަސްޖެހޭނަމަ އެމީހަކީ އެމީހަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމަސް އެދޭ މީހަކަށް ވާނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 29ސ
ދަންވަރުގެ ނިދި ޤުރްބާންކޮށް ރޭޢަޅުކަން ކުރަން ފަސްޖެހޭނަމަ އެމީހަކީ އެމީހަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމަސް އެދޭ މީހަކަށް ވާނެތަ؟

އެންމެ ގިނަ ބައަކަށް އިހްމާލްވެވެނީ ރޭއަޅުކަމަށާއި ފަތިސްނަމާދަށެވެ. ވީމާ މިއީ ވަރަށް ބޮޑަށް ވިސްނަންޖެހިފައިވާ ކަމެކެވެ. ދުނިޔެއާއި އާޚިރަތްވެސް ލިބުމުގެ އެންމެ ބޮޑު ބާރާއިމެދު އިހްމާލުވެގެން އާޚިރަތް ލިބޭނެ ހެއްޔެވެ؟

ލޯބިވާނަމަ ހަމައެކަނި ދުލުން އެކަން ބަޔާންކުރުމަކުން ނުފުދޭނެކަމަށް އެންމެންވެސް ޤަބޫލުކުރެއެވެ. ލޯބިވާނަމަ އެކަން ދައްކަންޖެހޭނީ ޢަމަލުންކަމަށްވެސް ޤަބޫލުކުރަމުއެވެ. އަދި ޢަމަލުން ދައްކަންވެސް އެމީހަކަށް ކުރެވުނުހައި ކަންކަން ކުރަމުއެވެ. އެކަމަށް ބޮޑެތި ހޭދަތައްވެސް ކުރަމުއެވެ.

ލޯބިވާކަށް ވަކި އުމުރެއް ނެތެވެ! ކޮންމެ އުމުރެއްގައި ނަމަވެސް މީހަކު ދެކެ ލޯބިވެއްޖެނަމަ އަބަދުހެން ވިސްނެނީ ލޯބިވެރިޔާ އާއިމެދުގައެވެ. އެންމެ ބޮޑަށް ކަންބޮޑުވެވެނީ ލޯބިވެރިޔާ ހިތްހަމަނުޖެހޭ ކަމެއް ކުރެވިދާނެކަމާއިމެދުގައެވެ. ލޯބިވެރިޔާ ގެއްލިދާނެކަމާއިމެދުގައެވެ. އެކަންކުރުމަކަށް ވަކި ވަގުތެއްވެސް ނުއޮވެއެވެ. ދިރިއޅެން ކުރަންޖެހޭ މަސައްކަތްކުރާ ވަގުތުތަކުގައިވެސްމެއެވެ.

ލޯބިވެރިޔާ އާއިމެދު ވިސްނުމަށް އެތައް ރެއެއްގެ ނިދި އެބަ ނަގައިލަމުއެވެ. މިޒަމާނުގައި ހޭލާ އޮވެގެން މިކުރާ ކަމަކީ ދެމީހުންގެ މެދުގައި މެސެޖުތަކާއި ފޮޓޯތައް ބަދަލުކުރުމެވެ. އެކަކަށްވުރެ މޮޅަށް ތަޢްރީފްކުރަން އަނެކަކު މަސައްކަތް ކުރުމެވެ. ލޯބިވެރިޔާ ރުހޭހައި ޢިބާރާތްތަކުން މެސެޖުތައްކޮށް ރީތިވާނެހައި ޕޯޒްތަކުގައި ފޮޓޯތައް ނަގައި ފޮނުވުމެވެ.

މިކަންކަން މިފަދައިން ކުރެވުނު ނަމަވެސް އަހަރެމެން އެންމެ ބޮޑަށް ލޯބިވާންޖެހޭ ފަރާތަކީ ﷲ ތަޢާލާއެވެ. އެއީ އެއްވެސް މުސްލިމަކު ދެކޮޅު ހަދާ ކަމެއް ނޫނެވެ. ހުރިހާ މުސްލިމުންވެސް އެއްބަސްވާ ކަމެކެވެ.

ﷲ ތަޢާލާ ދެކެ ލޯބިވާކަން ބަޔާންކޮށްދޭން ރޭގަނޑުގެ ހުރިހާ ވަގުތަކު ހޭލައި ހުންނާކަށް ނުޖެހެއެވެ. އެހެންކަމާއިއެކުވެސް ﷲ ތަޢާލާ ދެކެ ލޯބިވާކަން ޘާބިތުކޮށްދޭން ކުރަންޖެހޭ ކަންތައްތަކެއް އެބަ ހުއްޓެވެ. އެއިގެ ތެރެއިން އެންމެ މުހިންމު އެއްކަމަކީ ރޭގަނޑުގެ ބޮޑު ބައެއްގައި ނިދުމަށްފަހު ހޭލައި ދަމުނަމާދުކުރުމެވެ.

މިސާލަކަށް 10 ޖަހާއިރު ނިދާގޮތަށް 4 ޖަހަންދެން ހަމަ ނިދަންވީއެވެ. އެއިރުން ހުންނާނީ 6 ގަޑިއިރު ނިދިފައެވެ. 4 ޖެހުމުން ތެދުވެ އަވަސްކޮށްލައި ދަމުނަމާދުކޮށްލަންވީއެވެ. އެއަށްފަހު އެމިޙަކު އެދޭހައި ކަމެއް ދެއްވެވުން އެދި ދުޢާކުރުންމަތީގައި ފަތިސްވަންދެން މަޑުކޮށްލަންވީއެވެ. މިއީ މިކަން ކުރަން އެދޭ މީހާއަށް އެއްވެސް ބުރަކަމަކަށް ނުވާނެއެވެ.

އެހެންކަމާއިއެކުވެސް ނިކަން ބުނެބަލާށެވެ! ހަޔާތުގެ އެތައް އަހަރެއް ފާއިތުވެ ގޮސްފައިވާއިރު ﷲ ތަޢާލާގެ ލޯބި ލިބިގަތުމަށް ދަހިވެތިވެ މިބުނި ފަދައިން ކިތައް ރޭ އަމަލުކޮށްފިން ހެއްޔެވެ؟ މިސުވާލުގެ ޖަވާބު އަމިއްލަ ނަފްސަށް ދިނުމުން ﷲ ތަޢާލާ ދެކެ ލޯބިވެވޭ މިންވަރު އެނގޭނެއެވެ.

އެއަށްފަހު ޚާއްޞަކޮށް ޒުވާނުން އެމީހުންގެ ލޯބިވެރިޔާއަށްޓަކައި އަމަލުކުރި ގޮތް، ނުވަތަ އަމަލުކުރާ ގޮތް ވެސް ހިތަށް ގެންނާށެވެ! ރަނގަޅަށް ވިސްނައިލާށެވެ! ﷲ ތަޢާލާ ދެކެ ލޯބިންވެސް ކުރަންޖެހެނީ ހަމަ އެއް ޒާތެއްގެ ކަންކަމެވެ. މިޘާލަކަށް ޛިކްރް ކުރުމަކީ ﷲ ތަޢާލާއަށް ކުރެވޭ ތަޢްރީފްތަކެކެވެ. ތަޢްރީފްގެ މެސެޖުތައް ފޮނުވަން މިޖެހެނީ ﷲ ތަޢާލާއަށެވެ. ފޮނުވުމުން ދެ ދުނިޔޭގައިވެސް އެމީހަކަށް އެކަމުގެ ފައިދާ އެބަ ކުރެއެވެ.

ނަމަވެސް ފޯނަކުން ނޫނެވެ! ހިތާއި ދުލުންނެވެ! ﷲ ތާޢާލާ ދެކެ ލޯބިވުމުގައިވެސް ފޯނުގެ އެހީތެރިކަން ހޯދަންވީއެވެ. އެއީ ކީރިތި ޤްރުއާނާއި ޛިކްރްތައް ފޯނަށް އަޅައި އެ ބަލައިގެން ކިޔުމަށެވެ. ވީމާ ފޯނަކީވެސް ހަމަ ބޭނުންކުރަންވީ ވަސީލަތެކެވެ.

ނިކަން ވިސްނައިބަލާށެވެ. އިމްތިހާން ކައިރިވުމުން ފިލާވަޅު ދަސްކުރުމަށާއި އިމްތިހާނަށް ތައްޔާރުވުމަށް އެތައް ރެއެއްގެ ނިދި އެބަ ދޫކޮށްލަމުއެވެ. އެންމެ ބޮޑު އިމްތިހާނާއި ކުރިމަތިލާން ޖެހޭނީ މަރުވުމުންނެވެ. ޤިޔާމަތް ދުވަހުއެވެ. އެ އިމްތިޙާނަށް ތައްޔާރުވުމުގެ ގޮތުން ނިދިން އެއްވެސް މިންވަރެއް ދޫކޮށްލައިފިން ހެއްޔެވެ؟ ނުކުރެވޭނަމަ އެ އިމްތިޙާނަށް ތައްޔާރުވުމަށް ތިބާއަށް ކުރެވުނީ ކޮން ކަމެއް ހެއްޔެވެ؟ ޙަޔާތުގެ ދުވަސްތަކާއި ރޭތައް ބޭކާރުކޮށް ނުލާށެވެ! ކުރިމަތިލާން ޖެހޭނެ ބޮޑު އިމްތިޙާނަށް ފުރިހަމައަށް ތައްޔާރުވާން ފަށާށެވެ.

އެ އިމްތިޙާނަށް ތައްޔާރުވުމުގައި ކުރިން މިކިޔައިދިން ކަންކަމުގެ ބޭނުން ހިފާށެވެ. ފަތިހު ނިދާފައި އޮންނަ މީހަކަށް ނުވާށެވެ. 4 ޖެހުމުން ހޭލައި އިމްތިޙާނަށް ތައްޔާރުވާން މަސައްކަތްކުރާ މީހަކަށްވާށެވެ!

ހަޤީޤަތުގައި 4 ޖަހާއިރު ހޭލައި ދަމު ނަމާދުކޮށް އަދި ފަތިސް ނަމާދުކުރަން ހޭދަކުރަންޖެހޭނީ އެންމެ ދޮޅުގަޑިއެއް ހައިއިރެވެ. އެވަރުގެ ވަގުތުކޮޅެއް ﷲ ތަޢާލާއަށްޓަކައި ހޭދަނުކުރާ މީހަކަށް ތިމާ ﷲ ތަޢާލާ ދެކެ ލޯބިވާ ކަމަށް ބުނެވޭނީ ކިހިނަކުން ހެއްޔެވެ؟

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން