މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގެ އަގަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާ ކަމަށް އެކުންފުނިން މިއަދު ވަނީ ހާމަކޮށްފައެވެ.
މީސްމީޑިއާގައި މޯލްޑިވިއަންގެ ޓިކެޓުތަކުގެ އަގު ބޮޑުވެފައިވާ ކަމަށް ބުނެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދިޔުމާ ގުޅިގެން އެކުންފުނިން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، ކަސްޓަމަރުންނަށް އޮންލައިންކޮށް ޓިކެޓުތަކުގެ އަގު އާދަޔާ ޚިލާފަށް ބޮޑުކޮށް ފެނިފައިވަނީ ކުންފުނީގެ ބުކިން ސިސްޓަމަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުންނެވެ. އަދި މި މައްސަލަ މިހާރު ވަނީ ފުރިހަމައަށް ހައްލުކޮށްފައި ކަމަށް އެކުންފުނިން ވަނީ ފާހަގަކޮށްފައެވެ.
"މި މައްސަލައިގެ ސަބަބުން އަޅުގަނޑުމެންގެ އަގުބަހާ ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް އަޅުގަނޑުމެން ވަރަށް އިޚްލާސްތެރިކަމާއެކު މަޢާފަށް އެދެމެވެ،" މޯލްޑިވިއަންގެ ބަޔާނުގައި ބުނެފައިވެއެވެ.
އަދި މީގެ އިތުރުން، ޓިކެޓު ނެގުމުގައި އެއްވެސް މައްސަލައެއް ދިމާވާ ކަސްޓަމަރުން އެކުންފުނީގެ ކޯލް ސެންޓަރުގެ ނަންބަރު 1671 އަށް ގުޅުއްވުމަށް އެކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.
މޯލްޑިވިއަންއަކީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި އެންމެ ގިނަ ރޫޓުތަކަކަށް ޚިދުމަތް ދެމުންދާ އެއަރލައިންއެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރާ ފަސިންޖަރުން އެންމެ ގިނައިން ބޭނުންކުރާ އެއަރލައިންވެސް މެއެވެ.