ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމައިފި

ހދ. ހިރިމަރަދޫ ރައްޔިތުން އެދިފައިވާ ގޮތަށް، އެރަށުގެ ރައްޔިތުން އެއަތޮޅު ހަނިމާދޫއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމައިފިއެވެ. މިކަން އިއުލާނު ކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، "ހިރިމަރަދޫ ރައްޔިތުން އެދުނުގޮތަށް އެރަށުގެ ރައްޔިތުން ހދ.ހަނިމާދޫއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމަވާފައިވާ" ކަމަށެވެ.

ހިރިމަރަދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކޮށްދިނުމަށް އެދި ހުށަހަޅާފައިވަނީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. މިއީ ރާއްޖޭގެ އެންމެ އާބާދީ ކުޑަ ރަށްތަކުގެ ތެރެއިން ރަށެކެވެ. އެންމެ ފަހުގެ ބޯހިމެނުމުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ހިރިމަރަދޫގެ އާބާދީއަކީ 293 އެވެ.

ފާހަގަކޮށްލެވޭ ކަމަކީ، ހިރިމަރަދޫގެ އިތުރުން، ވ. ރަކީދޫގެ ރައްޔިތުންވެސް ވަނީ އެރަށުގެ އާބާދީ އެހެން ރަށަކަށް ބަދަލުކޮށްދިނުމަށް އެދި ސަރުކާރުގައި ދަންނަވާފައެވެ. ނަމަވެސް، މިހާތަނަށް ރަކީދޫގެ ރައްޔިތުން ބަދަލުކުރުމާ މެދު ވަކި ގޮތެއް ނިންމާފައި ނުވާކަން ފާހަގަކުރެވެއެވެ.

ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެ ގޮތުގެ ތަފްސީލީ މައުލޫމާތު އަދި ހާމަކޮށްފައި ނުވިނަމަވެސް، މިކަމާ ގުޅޭ އިތުރު މައުލޫމާތު ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރައްވާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން