މުސްލިމެއް ނަމަވެސް ކާފިރެއް ނަމަވެސް މަލާއިކަތުން އެމީހާގެ ފުރާނަ ހިއްޕެވުމަށްފަހު އެ ފުރާނަ ﷲ ތަޢާލާގެ ޙަޟްރަތަށް އުފުއްލަވަތެވެ. އުފުއްލެވުމުން ފުރާނައާއިމެދު ގޮތް ނިންމަވަނީ ﷲ ތަޢާލާއެވެ.
ހެޔޮލަފާ މީހުންގެ ފުރާނަ ހިއްޕަވާނީ ރަޙްމަތުގެ މަލާއިކަތުންނެވެ. ބާއްޖެވެރިއެއް ކަމުގެ އުފާވެރި ޚަބަރުދެއްވެވުމާއިއެކުގައެވެ. ފުރާނަ ހަށިގަނޑުން ނެރުއްވަވާނީވެސް ނުހަނު އޯގާތެރިކަމާއިއެކުގައެވެ. ރަސޫލް (ﷺ) އެކަމުގެ މިޘާލު ޙަދީޘްފުޅުކުރައްވަވާފައިވަނީ ފެންޖަގަކުން ފެން އޮއްސައިލެވޭ މިސާލުގައެވެ. އެހައި ލުއިފަސޭހަ ގޮތަކަށް ކަމަށެވެ.
ފުރާނަ ހިއްޕެވުމަށްފަހު ﷲ ތަޢަލާގެ ޙަޟްރަތަށް ފުރާނަ އުފުއްލެވުމުން ވެސް އުފާވެރިކަމުގެ ޚަބަރުލިބިގެންދާނެތެވެ. އަދި ޤިޔާމަތް ދުވަހާއި ހަމައަށް ކައްވަޅުގައި އަރާމުގައި އޮތުމަށް އަނބުރައި ބިމަށް ފޮނުއްވެވޭނެތެވެ.
ވީމާ ކޮންމެ މީހަކުވެސް އެންމެ ބޮޑަށް އެދޭނެ އެއް ކަމަކީ އެމީހާގެ ފުރާނަ ﷲ ތަޢަލާއަށް ކިޔަމަންތެރި އަޅެއްގެ ގޮތުގައި އުފުލުމަށެވެ. ވީމާ ކޮންމެ ރެއަކުވެސް ނިދިމުގެ ކުރިން ނިދީގައި މަރުވެދާނެކަމަށްޓަކައި ވެސް ނިދުމަށް ތައްޔާރުވާންޖެހޭނެއެވެ.
އެގޮތުން ފުރަތަމަ ކަމެއްގެ ގޮތުން ދުވަހު ކުރަންޖެހޭ ފަރުޟުނަމާދުތައް ކުރެވިފައިވާކަން ކަށަވަރުކުރަންވާނެއެވެ. އެއަށްފަހު ރޭގަނޑު ނިދުމުގެ ކުރިން ކުރަންޖެހޭ ކަންކަން ކުރަންވާނެއެވެ. ވިތުރިކޮށް މަދުވެގެން ޤުރްއާނުން 10 އާޔަތް، (ރަނގަޅީ 100 އާޔަތްކިޔެވުމެވެ.) ކިޔަވައި ޚާއްޞަކޮށް ބަޤަރާ ސޫރަތުގެ ފަހު 2 އާޔަތާއި އާޔަތުލްކުރުސި ކިޔަވަންވާނެއެވެ. ޛިކުރުތައް ކިޔަންވާނެއެވެ. އެއަށްފަހު ވުޟޫކުރަންވާނެއެވެ.
އެންމެ ރަނގަޅު ގޮތަކީ ރޭގަނޑު ނިދުމުގެ ކުރިން ކިޔަވަން ސުންނަތްވެގެންވާ 4 ސޫރަތްވެސް ކިޔެވުމެވެ. އެހައިވަރަށް ނުކިޔެވޭނެނަމަ ސަޖިދަ ށޫރަތާއި މުލްކް ސޫރަތް ހިމެނޭ ގޮތަށް 100 އާޔަތް ހަމަކުރަން މަސައްކަތްކުރާށެވެ!
އެގޮތުގައި ނިދާފައި އޮއްވައި އެމީހަކު މަރުވެއްޖެ ނަމަ އެމަރުވެވެނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް އަމަލުކޮށްގެން އޮއްވައެވެ. ކޔަމަންތެރިކަންމަތީގައެވެ! އެއިރުން އެމީހާގެ ފުރާނަ ﷲ ތަޢަލާގެ ޙަޟްރަތަށް އުފުއްލޭހުށީ ކިޔަމަންތެރި އަޅެއްގެ ގޮތުގައެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން