ދަތުރެއްގެ މަތީގައި އުޅުނަސް އެންމެ މުހިންމު ކަމަކީ ނަމާދުތައް ކުރަމުން ގެންދިއުމެވެ. ދަތުރުވެރިންނަށް އޮތް ލުއިފަސޭހަ ގޮތް ބޭނުންކުރެވިދާނެއެވެ. މެންދުރުނަމާދުގެ ވަޤުތުގައި ޢަޞްރުނަމާދާއިއެކު ކުރެވޭނެއެވެ. އަދި ޢަޞްރުނަމާދުގެ ވަޤުތުގައި މެންދުރުނަމާދާއިއެކު ކުރެވޭނެއެވެ. ވީމާ މެންދުރުވީންސުރެ އިރުއޮއްސެންދެން މެންދުރުނަމާދާއި ޢަޞްރުނަމާދު ނުކޮށް ނުތިބޭށެވެ.
ބޭސްފަރުވާއަކަށް ރާއްޖެއިން ބޭރަށް ގޮސް އުޅުނަސް އެންމެ ބޮޑަށް ސަމާލުކަންދޭންވީ ނަމާދުކުރުމަށެވެ. ކިތަންމެ ފެންވަރު ރަނގަޅު ހޮސްޕިޓަލަކަށްގޮސް ކިތަންމެ ފެންވަރު މަތީ ޑޮކްޓަރުން ލައްވައި ފަރުވާ ހޯދިޔަސް ޝިފާލިބުން އޮތީ ﷲ ތަޢާލާގެ ޙަޟްރަތުން ކަމަށްވާތީއެވެ.
ސުވާލު: ދަތުރުމަތީގައި އަވަދިނެތި އުޅެނިކޮށް ދެ ނަމާދު ވަގުތު ފަހަނައަޅައި ގޮއްސިއްޔާ އެ ދެން އަންނަ ނަމާދެއްގެ ފަހުން ދެ ނަމާދު އެއްކޮށް ޤަޟާކުރާއިރު ހުރިހާ ރަކްޢަތްތަކެއް ފުރިހަމައަށް އަދާކުރަން ޖެހޭނެތަ؟ މިސާލަކަށް މެންދުރު ނަމާދާއި ޢަޞްރު ނަމާދު ނުކުރެވި ގޮއްސިއްޔާ މަޣްރިބްގެ ފަހުން އެ ގޮތަށް ކުރެވިދާނެތަ؟ މީގައި ވެސް ދަތުރު މާނަ މި ކުރެވެނީ ބޭރު ޤައުމުތަކުގައި ބޭސްފަރުވާއަށް އުޅޭ ވަގުތުތަކުގެ ވާހަކަ-
ޖަވާބު: ކިތަންމެ އަވަދިނެތި އުޅެން ޖެހުނު ނަމަވެސް ނަމާދު އޭގެ ވަގުތުގައި ކުރެވޭތޯ ބަލަން ވާނެއެވެ. ޚާއްޞަކޮށް ދަތުރުވެރިންނަށް ވަނީ ލުއި ގޮތްތަކެއް ހަމަޖައްސަވައިދެއްވާފައެވެ. ވީމާ ލުއީގެ ބޭނުން ހިފައިގެން ނަމާދު ކުރަން ޖެހޭ ވަގުތުގައި ކުރުމަށް ޚާއްޞަ ސަމާލުކަމެއް ބެހެއްޓެވުމަށް ނަސޭހަތްތެރިވަމެވެ.
ކޮންމެއަކަސް، ދަތުރުވެރިއަކު ނަމާދުކުރަން ޖެހޭ ވަގުތު ވާއިތުވެގެން ހިނގައްޖެ ނަމަ، މިސާލަކަށް މެންދުރާއި ޢަޞްރު ނުކޮށް ހުއްޓާ މަޣްރިބް ވަގުތު ޖެހުނީ. އެހެން ކަމަށް ވަނީ ނަމަ، ފުރަތަމަ ކުރަން ޖެހޭނީ މެންދުރާއި އަސުރު ޤަޟާއަށެވެ. މި ގޮތުން ކުރާއިރުގައި ޤަޞްރު ޖަމްޢު ކުރެވޭނެއެވެ. ސަބަބަކީ އެ ދެ ނަމާދު ވަދެފައިވަނީ އޭނާ ދަތުރެއްގެ މަތީގައި ހުއްޓައި ކަމަށް ވާތީއެވެ. އެއަށްފަހު މަޣްރިބް ކުރާނީއެވެ. ނަމާދުކުރަން ޖެހޭނީ ތަރުތީބުންނެވެ. މެންދުރާއި ޢަޞްރުކޮށްފައި މެނުވީ މަޣްރިބް ނުކުރެވޭނެއެވެ.
މެންދުރާ ޢަޞްރު ޖަމްޢުކުރެވެނީ އެއީ ޖަމްޢުކުރުން ހުއްދަވެގެންވާ ދެނަމާދަށްވާތީއެވެ. މިޘާލަކަށް ޢަޞްރާއި މަޣްރިބް ނުކޮށްހުއްޓައި ޢިޝާނަމާދު ވަގުތު ޖެހިއްޖެ ނަމަ އޮތީ ޢަޞްރާއި މަޣްރިބް ޤަޟާއަށް ކުރުމަށްފަހު ޢިޝާނަމާދުކުރުމެވެ.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް