ދިރިއުޅުމުގައި އެކުވެރިންނަކީ ވަރަށް މުހިންމު ބައެކެވެ. އެހެންކަމުން އެކުވެރިކަން ދެމެހެއްޓުމަކީވެސް މުހިންމު ކަމެކެވެ. ނަމަވެސް ކޮންމެހެންވެސް ވިސްނާލަންޖެހޭ ކަމެއް އެބައޮތެވެ.
އަހުރެންގެ ގާތަށް ލަފާ ހޯދަން އަންނަ މީހުންގެ މައްސަލަތަކަށް ބެލުމުން އެނގޭކަމަކީ ކައިވެނި ރޫޅެން މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ އެކުވެރިންދޭ ނަޞޭޙަތަށް ވިސްނާނުލައި ޢަމަލުކުރެވޭކަން ކަމެވެ. މިމައްސަލަ ބޮޑަށް ކުރިމަތިވަނީ އެކުވެރިންގެ ގޮތުގައި މާގިނަ މީހުން ގެންގުޅެވޭތީއެވެ.
އެކަން އެގޮތަށް މެދުވެރިވާ ސަބަބަކީ މިހާރު ގިނައީ ރަނގަޅު މީހުން ކަމަށް ބުނެވޭކަށް ނެތެވެ. ވީމާ ގިނަ މީހުންނާއި ގުޅިގެން އުޅޭނަމަ އެއިގެ ތެރޭގައި ނުރަނގަޅު މީހުން ގިނަވާ ކަމެވެ. ރަނގަޅުމީހުން މަދުވާ ކަމެވެ. ދެންމިވާ ގޮތަކީ މަދު ރަނގަޅު މީހުން ދޭ ނަޞޭޙަތް ޤަބޫލުކުރަން އުނދަގޫވަނީއެވެ. ގިނަ މީހުން ބުނާނީ ރަނގަޅަށް ކަމަށް ޤަބޫލުކުރެވެނީއެވެ.
މިކަމުގެ ޙައްލަކަށް ބަހެއް ބުނާނަމަ ބުނަން އޮތީ އެކުވެރިން ގިނަ ނަމަވެސް އެންމެ ގާތް އެކުވެރިންގެ ގޮތުގައި ބަލާ މީހުންގެ ޢަދަދު މަދުކުރާށެވެ. އެކުވެރިންގެ ތެރެއިން ރަނގަޅު މީހުން ފާހަގަކޮށް އެމީހުންނަކީ އެންމެ ގާތް އެކުވެރިން ކަމުގައި އިކްތިޔާރުކުރާށެވެ! އަދި ަކމެއް ދިމާވެގެން ލަފާހޯދަންޖެހުނަސް ހުރިހާ އެކުވެރިންގެ ކިބައިން ލަފާ ހޯދުމުގެ ބަދަލުގައި އެންމެ ގާތް އެކުވެރިންގެ ކިބައިން ލަފާ ހޯދާށެވެ.
އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަމަކީ އެންމެ ގާތް އެކުވެރިންނަށްވެސް ވަކިމިންވަރަކަށް އިތުބާރުކުރުމެވެ. އެންމެ ގާތް އެކުވެރިންގެ ކިބައިވެސް ދެރަ ލިބެއެވެ. ކޮޅުކެހިދޭތީއެވެ. ވީމާ ކިތަންމެ ގާތް އެކުވެރިއަކު ނަޞޭޙަތެއް ދިންނަމަވެސް ޤަބޫލުކުރަންވާނީ ވަރަށް ފުންކޮށް ވިސްނުމަށްފަހުގައެވެ. ޢަމަލުކުރަންވާނީ ތިމާއަށް އެންމެ ފައިދާކުރާނެ ގޮތްކަން އަމިއްލައަށް ޤަބޫލުކުރެވޭ ގޮތަކަށެވެ.
- ތަޖުރިބާކާރު ޢިލްމުވެރިއެއްގެ ވާހަކަފުޅުން