ނަރަކައަށް ވެއްދެވީމާ އެމީހެއްގެ ގޮހޮރު އަތަށްލައިގެން ނަރަކައިގަ އެނބުރެން ޖެހޭނެ ބައަކު ތިބޭނެ! މިއީ އިންތިހާއަށް ސަމާލުކަންދޭންޖެހޭ، ބިރުހުރި ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 18ސ
ނަރަކައަށް ވެއްދެވީމާ އެމީހެއްގެ ގޮހޮރު އަތަށްލައިގެން ނަރަކައިގަ އެނބުރެން ޖެހޭނެ ބައަކު ތިބޭނެ! މިއީ އިންތިހާއަށް ސަމާލުކަންދޭންޖެހޭ، ބިރުހުރި ކަމެއް!

"ޢިޝާ ނަމާދާއި ފަތިސްނަމާދު ޖަމާޢަތުގައި ކުރުމަކީ މުޅިރޭގަނޑު އަޅުގަނޑުކަން ކުރުން ކަމަށް ވިދާޅުވެ ދަރުސް ދެއްވާ ގިނަ ބޭފުޅުން މިސްކިތްތަކުގެ ޖަމާޢަތަކުން ނުފެނެއެވެ. ޚާއްޞަކޮށް ފަތިސްނަމާދުގެ ޖަމާޢަތަކުން ވަރަށް މަދު ބޭފުލަކު ނޫނީ ނުފެނެއެވެ. ރޭއަޅުކަމުގެ ޘަވާބު ބޭނުން ނުވިނަމަވެސް ޖަމާޢަތުގައި ނަމާދުކުރައްވަން އެބޭފުޅުންނަށް ނުޖެހެނީތޯ؟"  

ކިޔުންތެރިޔާގެ ސުވާލަށް ބުނެލަން އޮތީ ތިއައީ ހަމަ ވަރަށް ގިނަބައެއްގެ ހިތުގައި ކަންބޮޑުވުން އޮތް މައްސަލައެއް ކަމަށެވެ. ތިރީގައި އެވަނީވެސް ހަމަ ތިއަފަދަ ސުވާލަކާއި އެސުވާލުގެ ޖަވާބެވެ. ވިދާޅުވެލައްވާށެވެ!  

"އަޅުގަނޑުގެ ބައެއް އަވަށްޓެރިންނާ ބައްދަލުވުމުން ބަންގިގޮވުމުން އަވަހަށް މިސްކިތަށްގޮސް ޖަމާޢަތުގައި ނަމާދުކުރުމުގެ މުހިންމުކަން ބޮޑުކަމުގެ ވާހަކަދައްކައެވެ. އެއިގެ ތެރޭގައި ބައެއް ޢިލްމުވެރިންވެސް ހިމެނެއެވެ. އެބޭފުޅުން ދެއްވާ ނަޞޭޙަތް ޤަބޫލުކޮށް ޢަމަލުކުރަން އަޅުގަނޑު މަސައްކަތްކުރަމެވެ. ނަމަވެސް އަޅުގަނޑަށް ނަޞޭޙަތްދެއްވާ ބައެއް ބޭފުޅުންނާއި މިސްކިތުގެ ޖަމާޢަތުން ބައްދަލެއް ނުވެއެވެ.  

އަޅުގަނޑުގެ ސުވާލަކީ ޢިލްމުވެރިންވީމާ ނޫނީ ތަންދޮރު އެނގޭ މީހުން ވީމާ އެހެންމީހުންނަށް ނަޞޭޙަތްދީފައި އެމީހުން މިސްކިތަށް ނުދިއަނަމަވެސް ފުދޭނެތޯއެވެ؟"  

ކިޔުންތެރިޔާގެ ތިއަ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެ ކަމަށް ހީކުރަމެވެ.  

ދިރިއުޅޭގެއާއި އިންވެގެން މިސްކިތް ހުރެ، ގޭ ކުރިމަތީގައި މިސްކިތް ހުރެ، ގެއާއި ދާދި ކައިރީގައި މިސްކިތް ހުންނައިރުވެސް އަދި އެ މިސްކިތްތަކުގެ ތާޅަފިލިތަކުން 5 އިރު ކޮންމެ ދުވަހަކުވެސް ބަންގިގޮވަމުން ގެންދާއިރުވެސް ޖަމާއަތަށް އޮޅިގެން ވެސް ނަމާދަށް ނާރާ ދީނީ ޢިލްމުވެރިން ޖަމާއަތުގައި ނަމާދުކުރަންވާ ގޮތް ކިޔައިދިނުމުން ޤަބޫލުކުރަން އުނދަގޫތަކެއް ހުންނަކަން ގިނަ ބައަކު ފާހަގަކުރެއެވެ.  

ރަސޫލް () ނަމާދުކުރެއްވެވީ ޖަމާޢަތުގައެވެ. 4 ޚަލީފާއިންނާއި ޞަހާބީންގެ ތެރެއިން ވެރިކަން ކުރެއްވެވި ބޭކަލުންވެސް ނަމާދުކުރެއްވެވީ ޖަމާއަތުގައެވެ. އެހެންކަމުން ޖަމާއަތުގައި ނަމާދުކުރުމަކީ އެއްވެސް މީހެއްގެ ދަރަޖަ މަތިވެރިވެގެން ނުކޮށް ދޫކޮށްލުން ހުއްދަވާނެ ކަމެއްކަމަކަށް ޤަބޫލުކުރެވެން ނެތްކަންވެސް އެފަދަ މީހުން ފާހަގަކުރެއެވެ.  

ދެލޯ އަނދިރިނަމަވެސް މުސްކުޅިވެ ގައިބާރު ދެރަ ނަމަވެސް އެމީހަކަށް ހިނގައި އުޅެވޭނަމަ ބަންގީގެ އަޑު އިވޭނަމަ މިސްކިތަށް ގޮސް ޖަމާޢަތުގައި ބައިވެރިވާންޖެހޭކަން ހަދީޘްފުޅުން އޮތީ ވަރަށް ސާފުކޮށް އެނގެންކަން ވެސް އެފަދަ މީހުން ފާހަގަކުރެއެވެ.  

އެފަދަ މީހުން ދެން ފާހަގަކުރަނީ ޞަޙީޙް މުސްލިމް އާއި ޞަޙީހް ބުޚާރީގައި ބަޔާންވެގެންވާ އަންނަނިވި ޙަދީޘްފުޅެވެ.  

"ޒައިދު ބުން ޙާރިޘާ ރަޟިޔަﷲ ޢަންހުގެ ދަރިކަލުން އުސާމާ ރަޟިޔަﷲ ޢަންގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލާ މިފަދައިން ޙަދީޘްކުރައްވާތީ ތިމަން އަޑުއެއްސެވީމެވެ.

{ޤިޔާމަތް ދުވަހުން މީހަކު ގެނެސް ނަރަކައަށް އެއްލާލެވޭނެއެވެ. ދެން އޭނާގެ ގޮހޮރު އޭނާގެ ބަނޑުން ނުކުންނާނެއެވެ. ދެން އޭނާ އެ ގޮހޮރު ހިފައިގެން ފުށްމުގުރާ އުޑީގެ ވަށައިގެން ޙިމާރު އެނބުރޭ ފަދައިން އެނބުރެމުން ދާނެއެވެ. އެހިނދު އޭނާގެ ކައިރިއަށް ނަރަކައިގެ އަހުލުވެރިން އެއްވާނެއެވެ. އަދި ބުނާނެއެވެ. 

"އޭ މިވެނި މީހާއެވެ! ކަލެއަށް ތިޔަވަނީ ކިހިނެއް ހެއްޔެވެ؟ ކަލެއަކީ ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންކަން މަނާކޮށް އުޅުނު މީހެއް ނޫން ހެއްޔެވެ؟"

އެހިނދު އޭނާ ބުނާނެއެވެ. 

"އާނއެކެވެ! އަދި ކީއްހެއްޔެވެ! އަހަރެން ހެޔޮކަންކަމަށް އަމުރުކޮށް އުޅުނީމެވެ. އެކަމަކު އަހަރެން އެކަންކަމެއް ނުކުރަމެވެ. އަދި ނުބައިކަންކަން މަނާކުރީމެވެ. އެކަމަކު އަހަރެން އެކަންކަން ކުރީމެވެ." 

(މިއީ ބުޚާރީއާއި މުސްލިމް އިއްތިފާޤުން ރިވާކުރައްވާފައިވާ ޙަދީޘެކެވެ. ޙަދީޘް މާނަކުރެއްވީ ޢަބްދުﷲ ޙާމިދު، ޢިލްމް.އެމްވީގައި ލިޔުއްވި ލިޔުއްވުމެއްގައެވެ.)

މި ހަދީޘްފުޅާއިއެކު ޢަބްދުﷲ ޙާމިދު ބަޔާން ކުރައްވާފައިވަނީ ބަޤަރާ ސޫރަތުގެ 44 ވަނަ އާޔަތެވެ!  

"ތިއަބައިމީހުން ފޮތް ކިޔަވަކިޔަވައި ތިބޭ ޙާލް ގައި ތިއަބައިމީހުންގެ އަމިއްލަ ނަފްސް ތަކުގެމަތިން ހަނދާން ނައްތާލައި، މީސްތަކުންނަށް ހެޔޮކަންތަކަށް އަމުރު ކުރަނީ ހެއްޔެވެ؟ ފަހެ، ތިއަބައިމީހުން ނުވިސްނަނީ ހެއްޔެވެ؟" 

މިފަދަ ޢިލްމުވެރިންނާއި އިތުރަށް ސުވާލުކޮށްލަންވީ "އަދި ހެޔޮކަންކަން ކުރަންވީ ގޮތް ކިޔައިދެނީ ހެއްޔެވެ؟" ނޫންތޯއެވެ!

 

 

މިއަދު އޮންލައިން