ކަސްރަތުކުރަން އެންމެ ފައިދާހުރި ވަޤުތާއިމެދު އެކި މީހުން ދެކެނީ އެކި ގޮތަށެވެ! އެއްބައަކަށް އެންމެ ރަނގަޅު ވަޤުތަށްވަނީ އިރު އަރައިގެން އަންނަ ވަޤުތެވެ. އެހެން އެބުނަނީ އެވަޤުތު ޓްރެފިކް މަދުވުމުގެ އިތުރުން ސާފު ވައި ލިބޭނެތީއެވެ. އަދި އިރުގެ ތާޒާ ދޯދިތަކުން ފައިދާކުރާނެތީއެވެ.
އެކަމަކު އަހުރެން ބުނާނީ ކަސްރަތު ކޮންމެ ވަޤުތެއްގައި ކުރިނަމަވެސް ހަށިގަނޑަށް ފައިދާކުރާނެ ކަމަށެވެ. ވިރުވާލަން ބޭނުންވާ ސަރުބީތައް ވިރުވައިލެވޭނެ ކަމަށެވެ. ވީމާ އެމީހަކަށް ފަސޭހަ ވަޤުތަކު ކަސްރަތުކުރަންވީއެވެ. މުހިންމީ ކަސްރަތުކުރުމެވެ. ކޮންމެ ދުވަހަކުވެސް ކުރަންވީއެވެ. ދެދުވަހުން އެއްދުވަހުވެސް ކުރަންވީއެވެ. ހަފްތާއަކު އެންމެ ދުވަހަކު ނަމަވެސް ކުރަންވީއެވެ.
އަޅުގަނޑަކީވެސް ކަސްރަތުކުރަން ފަށަންވެގެން ފަހަތުފައަށް ބުރަވެ ނުފެށިފައި ހުރި މީހަކީމެވެ. އެކަމަށް ވިސްނަމުން ދަނިކޮށް ޚިޔާލެއް ކުރެވުނެވެ. އެޚިޔާލު ތަންފީޒުކުރަން ހެދި ގޮތަކީ ސައިކަލްގައި ގޮސް ސްޓެލްކޯ ސަރަޙައްދުގައި ސައިކަލް ބެހެއްޓީއެވެ. ހިނގާފައި ގޮސް ސިނަމާލެ ބްރިޖަށް އަރައި ހިނގައި ގަތީއެވެ. ހިނގާފައި ދެކޮޅަށް ދެބުރުޖެހީއެވެ.
އެގޮތަށް ކަންތައްކުރީ ވަކި ހިސާބަކުން ހުއްޓާލަން ބޭނުންވިޔަސް އެކަމަށް ފުރުޞަތުކުޑަވާނެތީއެވެ. ހިތްވަރުކޮށްގެންނަމަވެސް ދެކޮޅަށް ހިނގާލުމުގެ ފުރުޞަތު ލިބޭނެތީއެވެ.
ފުރަތަމަ ބުރުޖެހީ ހަފްތާއަކު އެއް ދުވަހުއެވެ. މިހާރު ހަފްތާއަކު 3 ދުވަހު ބުރުޖަހަމެވެ. އަދި މިވީ 3 މަސްދުވަހެވެ. ނަތީޖާ ހަމަ ވަރަށް ރަނގަޅެވެ. ވީމާ އަޅުގަނޑު ދަންނަވާނީ ހަފްތާއަކު އެންމެ ދުވަހަކު ނަމަވެސް ހުޅުމާލޭ ބްރިޖުގަ ދެކޮޅަށް ހިނގާލެވުނަސް އޮއޮތީ ކަސްރަތު ކުރެވިފައިކަމަށެވެ. އެއީ ރަނގަޅު ފެށުމަކަށްވާނެއެވެ. އިން ޝާ ﷲ
ނަފީސް / މިއަދުނޫހުގެ ކިޔުންތެރިއެއް