ފާފަކުރަން ބިރުވެތިނުވެވޭނަމަ އެމީހަކަށް ލިބޭނެ ގެއްލުންތައް ވަރަށް ގިނަވާނެއެވެ. ފާފައެއް ކުރެވިއްޖެނަމަ ތައުބާވުމަށް އަބަސްވެގަންނަން އޮންނަ ސަބަބަކީވެސް އެކަންކަމުން ސަލާމަތްވުމަށެވެ. ނަމަވެސް ގިނަ ބައަކަށް އެކަން ނުވިސްނެނީއެވެ.
ފާފަ ކުރެވުން ގިނަވެއްޖެ ނަމަ ހިތް ހަރުވެ، ކަންފަތް ބީރުވެ، ދެލޯކަނުވާނެ ކަމަށް ބުނެފިނަމަ އެންމެ ގިނައިން ފާފަކުރާމީހުންގެ ކަންފަތަށް އަޑުއިވޭ ކަމަށާއި ލޮލަށް ފެންނަ ކަމަށާއި އަދި ހިތްވެސް އޮންނަނީހަމަ އޮތް ގޮތަށް ކަމަށްވެސް ބުނެފާނެއެވެ. ނަމަވެސް އެއީ ޙަޤީޤަތެއް ނޫނެވެ. ބޭރުފުށުން އެކަން ފެންނަ ގޮތެވެ.
ﷲ ތައާލާގެ ކުޅަދުންވަންތަކަމާ ދީލަތިވަންތަކަމުގެ ހެކިތައް ކިތަންމެ ގިނައިން ފެނުނު ނަމަވެސް އެކަމުން އެއްވެސް އަސަރެއް ނުކުރާ މީހުން ވަރަށް ގިނަވެގެން މިއުޅޭ ސަބަބަކީ ކުރެވޭ ނުބައި އަމަލުތަކުގެ ސަބަބުން ހިތް ހަރުވެ ހިލަވެފައިވުމެވެ.
ކިތަންމެ ތޫނު ވަޅިއެއް ހަރަން އުޅުނު ނަމަވެސް ހިލަގަނޑަކަށް ނުހެރޭނެއެވެ. ހަމަ އެފަދައިން ހިތް ހިލަވުމުން ހަމަ އެ މައްސަލަތައް ކުރިމަތިވާނެއެވެ. ތިބާގެ ކަންފަތް ބީރު ނުވި ނަމަވެސް ހިތް ހަރުވެ ހިލަވުމުން ބަނގީގެ އަޑެއް ނުއިވޭނެއެވެ. ކީރިތި ޤްރްއާނުގެ އަޑެއް ނުއިވޭނެއެވެ. ދީނީ ދަރުސްތަކުގެ އަޑެއްވެސް ނުއިވޭނެއެވެ. އަޑެއް ނުއިވޭނެ ކަމަށް މިބުނަނީ އެއިން އެއްވެސް ކަމަކުން އެމީހަކަށް އެއްވެސް އަސަރެއް ނުކުރާނެވާހަކައެވެ.
ޙަޤީޤަތުގައި މިއީ އިންސާނަކަށް ކުރިމަތިވާނެ އެންމެ ނުރައކައުތެރި ޙާލަތެވެ. މިޙާލަތަށް ކޮންމެ މީހަކުވެސް ވއްޓިގަންނަނީ ހަމަ އެމީހަކު އަމިއްލައަށެވެ. ކޮންމެ މީހަކުވެސް ބާލިޣްވެ ދުނިޔެތެރެއަށް ނުކުންނައިރު އެމީހެއްގެ ހިތަކީ ޠާހިރު އެއްޗެކެވެ. ހިތް ނަޖިސްވެ ކުނިވެ އަދި ހިގަނޑަކަށް ބަދަލުބވެގެންދަނީ އެމީހަކު އަމިއްލައަށް ކުރާ ކަންތައްތަކުގެ ސަބަބުންނެވެ.
ތިމާއަށް މިހާލު ޖެހެން ބޭނުންނުވާނަމަ ފުރަތަމަ ކަމެއްގެ ގޮތުންވެސް އިސްކަންދޭން ޖެހޭ ކަމަކީ ގިނަގިނައިން ތައުބާވުމެވެ. ކުށެއް ނުވަތަ ފާފައެއް ކުރެވުނު ނަމަވެސް އެކަމަކަށް ހިތާމަކުރުމެވެ. ފާފަތައް ފުއްސަވައި ދެއްވެވުން އެދި ދުޢާކުރުމެވެ. އެކަންކަން ނުކޮށް ހުންނަނަމަ ހިތަށް ދާނީ މި ބުނި ފަދައިން ބަދަލުތައް އަންނަމުންނެވެ. ބަދަލުތައް އަންނަވަރަކަށް ހިތް ހިލަވަމުން ގޮސް ކުރިން މިބުނިހިސާބަށް ދާނެއެވެ. އެހިސާބުން ޙާލަތު ބަދަލުކުރުން ގިނަ ފަހަރަށް އޮންނަނީ ފަސޫހަ ކަމކަށް ނުވެފައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން