އަބަދުވެސް ޤަބޫލުކުރަންޖެހޭނެ އެއްކަމަކީ އެއްވެސް ދެމީހެއްގެ ޚިޔާލާ ވިސްނުން އެއްގޮތް ނުވެދާނެ ކަމެވެ. ވީމާ އެއީ މައްސަލައަކަށް ނުހަދާށެވެ. ﷲ ތަޢާލާގެ މަގުގައި ދެމީހުންގެ ވިސްނުން އެއްގޮތްނަމަ އެއޮތީ ނިމިފައެވެ. އޮތީ ބާރަށް ކުރިއަށް ދިއުމެވެ.
ހަޤީޤަތުގައި އެންމެ ކާމިޔާބު މީހުންނަކީ ޚިޔާލު ތަފާތު މީހުންނާއިއެކު އުޅުމުގެ ކުޅަދާނަކަން ލިބިގެންވާ މީހުންނެވެ. ދެމަފިރިންގެ ޚިޔާލު ކިތަންމެ ތަފާތުނަމަވެސް އެކުގައި ގުޅިގެން ދިރިއުޅުން ކުރިއަށް ގެންދެވޭ މީހުންނެވެ.
ނަމަވެސް ޚިޔާލުތަފާތުވުން މައްސަލައަކަށްހަދައި ވަކިވެ ޝައިޠާނަކާއި ގުޅެވިއްޖެނަމަ ތިބާގެ އާޚިރަތް ގެއްލިގެން ދިއައީއެވެ. އެހިސާބުން ހުރިހާ ކަމެއް ގެއްލިގެން ދިއައީއެވެ. ދާދި އަވަހަށް ތިބާއަކީ ޝައިޠޯނާގެ އަޅަކަށް ބަދަލުވެދާނެއެވެ. އެއީ އިންސާނަކަށް ލިބޭނެ އެންމެ ބޮޑު ދެރައެވެ!
ތިބާގެ ޙަޔާތުގެ ބައިވެރިޔާއަކީ ހެޔޮލަފާ މީހަކު ކަމުގައިވަނީ ނަމަ ޚިޔާލު ކިތަންމެ ތަފާތު ނަމަވެސް އެކުގައި ދިރިއުޅެން މަސައްކަތްކުރާށެވެ! އެމީހަކީ ތަޤްވާވެރއެއް ނަމަ އެމީހާގެ ސަބަބުން ތިބާގެ ޢާޚިރަތަށް ކުރާނީ ފައިދާއެވެ. އެމީހާގެ ސަބަބުން ތިބާއަށް އާޚިރަތް ލިބެން މަގުފަހިވާ މީހަކު ޙަޔާތުން ބޭރުކުރަން، ނުވަތަ އެފަދަ މީހަކާއި ވަކިވާން ހެޔޮނުވާނެއެވެ! އެކަންކުރުން ވާނީ އާޚިރަތް ނަގައިލުް ފަދަ ކަމަކަށެވެ.
ޚިޔާލު ކިތަންމެ ތަފާތު ނަމަވެސް ހެޔޮލަފާ ތަޤްވާވެރިއަކާއިއެކު ދުނިޔޭގައި އުޅޭނަމަ ތިބާއަށް ރަނގަޅު މަގު ދައްކައިދޭނެއެވެ. ހަމައެކަނި ޙަޔާތުގެ ބައިވެރިއަކަށްވެސް ނޫނެވެ. އެކުވެރިންގެ ގޮތުގައި ގެންގޫޅޭ މީހުންނާއިމެދުގައިވެސް ހަމަ މި ވިސްނުމުން ވިސްނަންވާނެއެވެ.
ޚިޔާލު ތަފާތުވި ނަމަވެސް ހެޔޮލަފާ މީހުންނާއި ދުރުނުވާށެވެ! ރުޅި ނުވާށެވެ! ރަނގަޅު ހެޔޮލަފާ މީހުންނާއި ރުޅިކުރުވަނީ ޝައިޠާނާއެވެ. ޝައިޠާނާގެ މަސައްކަތަށް އިޖާބަދީ ރަނގަޅު ހެޔޮލަފާ މީހަކާއި ރުޅިވާއިރަށް މާ ހެޔޮއެދޭ މިތުރެއްގެ ގޮތުގައި ޝައިޠާނަކު ދައްކާނެއެވެ. އެހިސާބުން ތިމާގެ ހުރިހާ ކަމެއް ދާނީ ގޯހުން ގޯހަށެވެ. އާޚީރތް ގެއްލި ނިމިދާނެކަމުގެ ބިރުވެރިކަން އިްތިހާއަށް ބޮޑުވީއެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން