ކައިވެނި ރޫޅުމަށްފަހު ސެމީހުންގެ ގުޅުން ބޭއްވުމާއިމެދު ސުވާލުތައް ވަރަށް ގިނައިން ލިބެއެވެ. ތިރީގައިވާ ލިޔުމުން ރަނގަޅު ޖަވާބެއް ލިބިލައްވާނެ ކަމަށް ހީކުރަމެވެ. ކޮންމެ ކައިވެންޏަކީވެސް ރޫލިދާނެ ކައިވެންޏެއްކަމާއި ކައިވެނި ރޫޅުނަސް އެކަން ދާއިމީ ޙަސަދައެއްގެ ގޮތުގައި ބާއްވާނަމަ އެކުރެވެނީ ފާފައެއެއް ކަމާއި ހަސަދަވެރިވެގެން ހުންނަނަމަ އެހުރެވެނީ ފާފަކުރެވުންމަތީގައިކަން ލިޔުމުން އެނގިލއްވާނެއެވެ. އެލިޔުން ވިދާޅުވުމަށްފަހުގައިވެސް ކަމެއް އޮޅުން ނުފިލާނަމ ސުވާލުކޮށްލައްވާށެވެ! ޖަވާބު ހޯދައިދޭން މަސައްކަތްކުރާނަމެވެ. އިން ޝާ ﷲ
ގިނަބައަކު ދެކެނީ ކައިވެނި ރޫޅުމުން ދެމީހުން ވާންޖެހޭނީ ދެހަތުރުންނަށް ކަމަށެވެ. އެއްވެސް ގުޅުމެއް ބާއްވައިގެން ނުވާނެ ކަމަށެވެ. އަދި އެކަކު އަނެކަކަށް ފެނި، ވާހަކަދައްކައި އެހީތެރިވެގެންވެސް ނުވާނެ ކަމަށެވެ.
މިއީ ވަރަށް ނުބައި ވިސްނުމެކެވެ. ފުރަތަމަ ކަމަކީ ކައިވެނި ރޫޅޭއިރު ދަރިން ނެތުމުން ދެމީހުންގެ މެދުގައި އިތުރަށް ގުޅުން ބާއްވަން ޖެހޭނެ ސަބަބެއް ނެތްކަމަށް ބެލިނަމަވެސް ދެމީހުންނަކީ ހަތުރުން ކަމަށްވެގެން ނުވާނެއެވެ. ދެމީހުންވެސް ވާންޖެހޭނީ އެކަކު އަނެކަކަށް ހެޔޮ އެދޭ މީހަކަށެވެ. ހެޔޮދުޢާކުރާ މީހަކަށެވެ! 3 ވަަނ މީހަކާއިއެކު 2 މީހުން ބައްދަލުވެ ވާހަކަދެއްކުމަކީވެސް މައްސަލައެއް ނޫނެވެ.
ކައިވެނި ރޫޅުމަށްފަހު ކައިވެނީގައި މެދުވެރިވި ކަންކަން އެއީ މާޒީކަމަށް ހަދަންވާނެއެވެ! އެކަންކުރެވޭނީ އެކަކު އަނެކަކަށް މާފަށް އެދުމާއި އަދި މާފުކުރުމުންނެވެ. ލިބުނު ހިތްދަތިކަމަކީ ހަސަދައަކަށް ނުހަދާށެވެ! އެކަން ހިތުގައި ބާއްވައިގެން އުޅޭނަމަ އެކުރެވެނީ ފާފައެކެވެ. އަނިޔާއެއް ލިބިފައިވާނަމަ އެކަން ﷲ ތަޢާލާއަށް ދޫކޮށްލައި އަނިޔާއަށްވެސް މާފުކުރާށެވެ! އެއިރުން ދުނިޔެއާއި އާޚިރަތުގައި ލިބޭނެ ފައިދާ މާބޮޑުވާނެއެވެ. އިން ޝާ ﷲ
ދެންއޮތީ ދަރިން ތިބިނަމައެވެ. ދަރިން ތިބިނަމަ ދަރިންގެ ކަންކަން ދެމީހުން ހިއްޞާކުރަންވާނެއެވެ. މަޝްވަރާކުރަންވާނެއެވެ. އެކެއްގެބޮލަށް ހުރިހާ ކަމެއް ޖަހައި ދޫކޮށްލައިގެން ނުވާނެއެވެ. އަދި ގިނަކުދިން ތިބެފައި ދެމީހުން ބަހައިގެން ކުދިން ބެލިނަމަވެސް ކުދިންގެ ކަންކަން ކުރަންވާނީ ދެމީހުން ރަނގަޅަށް މަޝްވަރާކޮށްގެންނެވެ. ދެމީހުން ގާތުގައި ތިބި ދަރިންގެ މެދުގައި ގުޅުން އުފައްދުވައި އެގުޅުން ދަމަހައްޓަންޖެހޭނެއެވެ. ކޮންމެ މީހަކު ބެލި ނަމަވެސް އެއީ ހަމަ އެއްބަނޑު އެއްބަފާކުދިންނެވެ. ދެމީހުންގެ ދަރިންނެވެ.
ވަރިކުރުމަށްފަހު އަނެކާ ކައިވެނިކޮށްފިނަމަ ދަރިންގެ މައްސަލަތަކުގައިވެސް ދެމީހުން ވާހަކަދައްކަންވާނީ ހުއްދަ ހޯދައިގެންނެވެ. އެހެނީ ބައެއް ފަހަރު އެމީހާގެ އަނބިމީހާ އެހެން ފިރިހެނަކާ ދައްކަން ފިރިމީހާ ހުއްދަނުދީފާނެއެވެ. ވީމާ އެފަދަ ކަމެއް މެދުވެރިވެއްޖެނަމަ ފިރިމީހާ މެދުވެރިކޮށްގެން ވާހަކަދައްކާށެވެ! ނޫންނަމަ ޢާއިލާގެ އިތުބާރުކުރެވޭ މީހަކު މެދުވެރިކުރާށެވެ!
ހަމައެފަދައިން ދަރިން އެއްގެއިން އަނެއްގެއަށް ގެންދާނަމަ ދެމީހުން މަޝްވަރާކުރަންވާނެއެވެ. އެކަންކުރަންވާނީ ދެމީހުންނަށް އެއްބަސްވެވޭ ގޮތަކަށެވެ.
މިގޮތަށް ކަންކަން ކުރުމަކީ ފަސޭހަކަމަކަށް ނުވެދާނެއެވެ! މިގޮތަށް ކަންކަން ކުރުމުން އެމީޙަކަށް ލައްވަވާ ރަޙްމަތް އެހައި ބޮޑުވެގެންދަނީވެސް ިކަމުގެ ބުރަކަމުންނެވެ. އުނދަގޫކަންބޮޑުކަމުންނެވެ.
- މުފްތީ މެންކުގެ ދަރުސަކުން