އަނބިން ދައްކާނީ ނީނީ ނަޞޭޙަތް އަޑުއަހަން ފިރިން ބޭނުންނުވާ ވާހަކައެވެ. ފިރިން ދައްކާނީ އަނބިން އަޑުއަހަން ބޭނުންނުވާ ވާހަކައެވެ. އެކުވެރިން ދައްކާނީ މިވެނި އެކުވެރިއަކު އަޑުއަހަން ބޭނުންނުވާ ވާހަކައެވެ. މައިންބަފައިން ދައްކާނީ ދަރިން އަޑުއަހަން ބޭނުންނުވާ ވާހަކައެވެ. މިހެންގޮސް މިއީ ކަންބޮޑުވާންޖެހޭ ވަރަށް ބޮޑުވެފައި އޮތް ކަމެކެވެ.
އެހެންވެ ބުނެދޭން މަސައްކަތްމިކުރަނީ މިކަން ކުރިމަތިވާ ސަބަބާއި އެކަމަށް އޮތް ޙަލުގެ ވާހަކައެވެ. ރަނގަޅަށް އަޑުއަހާށެވެ.
ކިތަންމެ ބޮޑު ދީނީ ޢިލްމުވެރިއަކު ދަރުސެއް ދެއްވާކަން އެނގުނަސް ދަރުސެއް ދެނިކޮށް އަޑުއިވުނަސް މަސައްކަތްކުރަނީ އެތަނަކަށް ނުގޮސް ފަރުޖެއްސޭތޯއެވެ! ކީރިތި ޤުރްއާނުގެ މާނަ، ޚާއްޞަކޮށް ތަފްސީރުގެ އަޑުއިވުނަސް މަސައްކަތްކުރާނީ އަޑުނުއަހައިވޭތޯއެވެ.
ހެޔޮއެދޭބައަކު އެމިހާ އެތަނަށް ގެންދަން އުޅުނަސް އެވަޤުތު ވަރަށް މުހިންމު މަސައްކަތެއް ކުރަން އެބައޮތްކަމަށް، ވަރަށް މުހިންމު ބައްދަލުވުމެއް އެބައޮތްކަމަށް ބުނެ، ނުވަތަ އެނޫންވެސް ބަހަނާއެއް ދައްކައިގެން މަސައްކަތްކުރާނީ އަވަހަށް އެތަނަކުން ދުރަށް ދެވޭތޯއެވެ.
އެހެން އެވާ އެއް ސަބަބަކީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ޢަމަލު ނުކުރުމުން ދެއްވަވާނެ ޢަޛާބުގެ ވާހަކަ އަޑުއަހަން ޖެހިލުންވަނީއެވެ. އެމީހަކަށް ކުރެވޭކުށްފާފަތަކުގެ ކަންކަން ތިމާއަށް ރަނގަޅަށް އެނގޭތީއެވެ.
އެގޮތަށް ކަންކަން އެކުރެވެނީ ކުރެވެމުން އަންނަ ފާފަތައް ކުރުން ހުއްޓާލައި ފާތަކުން ސަލާމަތްވާން ބޭނުންނުވެވޭތީއެވެ. އަދި ދުވަސްކޮޅަކު ފާފަކުރުމަށްފަހު އިޞްލާޙުވެ ތައުބާވުމުގެ ވިސްނުން ހުންނާތީއެވެ. ޢުމުރުގައި އަދިވެސް ބާކީ ވަރަށް ގިނަ ދުވަސް އެބައޮތްކަމަށް ޤަބޫލުކުރެވޭތީއެވެ.
އެފަދަ މީހުންނަށް ނުއެނގުނުކަމުގައިވީނަމަވެސް އެމީހުންނަށް އެތިބެވެނީ ޝައިޠޯނާގެ ކަސްތޮޅުގައި އެޅި ތާށިވެގެންނެވެ. ޝައިޠޯނާގެ ކަސްތޮޅުގައި އެޅެވި ތާށިވީމާ އެމީހާގެ ކަންކަން ދާނީ ޝައިޠޯނާގެ ބާރުދަށަށެވެ. އެމީހާ ނިންމަންޖެހޭ ކަންކަން ނިންމާނީ އެމީހާއެއް ނޫނެވެ. ޝައިޠޯނާއެވެ.
އެހާލަތަށް މީހާ ވެއްޓިގެންދަނީ ފާފަކުރުމަށާއި އިޞްލާޙްވިޔަ ނުދޭން ޝައިޠޯނާދޭ ވަސްވާސްތަކަށްހެއްލެވޭތީއެވެ. ފާފަ ކުރެވުމުން ތައުބާ ނުވެވޭތީއެވެ.
ވީމާ ޤުރްއާނުގެ މާނައާއި ދަރުސްތަކާއި ހެޔޮ ނަޞޭޙަތުގެ އަޑުއަހަން ޝައުޤުވެރި ނުވެވޭ މީހާއަށް އެހުރެވެނީ ވަރަށް ބިރުވެރި، ނުރައްކާތެރި ޙާލަތެއްގައެވެ! މިކަމަށް ވަރަށް ބޮޑަށް ސަމާލުކަންދޭންވާނެއެވެ. އެފަދަ ގޮތެއް ތިމާއަށް މެދުވެރިވާނަމަ އެކަމުން މިންޖުވާން މަސައްކަތްކުރަންވާނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން