ހެޔޮލަފާ އަންހެނަކު ފިރިމިހާގެ އަނިޔާއަށް ކެތްނުކުރެވިގެން ވަރިވާންޖެހިއްޖެނަމަ ރިޒުޤް ދެއްވަވާނެ! އެކަން ޤުރްއާނުން އެނގެން އެބައޮތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 16ސ
ހެޔޮލަފާ އަންހެނަކު ފިރިމިހާގެ އަނިޔާއަށް ކެތްނުކުރެވިގެން ވަރިވާންޖެހިއްޖެނަމަ ރިޒުޤް ދެއްވަވާނެ! އެކަން ޤުރްއާނުން އެނގެން އެބައޮތް!

ކުރީގެ ޒަމާންތަކުގައި ޢާންމުގޮތެއްގައި އަނބިންނަކީ އަމިއްލަ މަސައްކަތުން އާމްދަނީ ހޯދައި އުޅުނު ބައެއް ނޫނެވެ. އެމީހުންގެ ހުރިހާވެސް މަސައްކަތަކީ ގޭގައި ތިބެ ޢާއިލާއަށް ޚިދުމަތް ކުރުމެވެ. ފިރިމީހާ އާއި ދަރިންގެ ކަންކަން ބެލެހެއްޓުމެވެ. ގޭތެރޭގެ މަސައްކަތްކުރުމެވެ.  

އެހެންވެ އެމީހުންނަށް އަނިޔާ ލިބެމުން ދިއަ ނަމަވެސް ވަރިވާން ބިރުގަނެއެވެ. އެއީ ޢުމުރުގެ ބޮޑުބައެއް ކައިވެނީގައި ހޭދަވާފަހުން ކައިވެނި ރޫޅިއްޖެނަމަ އެމީހުންނަށް ކާންބޯން ލިބޭނެ ގޮތެއްވެސް ނުއޮންނާތީއެވެ. އެހެންވެ އަނިޔާ ލިބެމުން ދިއަ ނަމަވެސް ވަރިނުވެ ތިބެއެވެ.  

އެއްވެސް މީހަކަށް އަނިޔާ ލިބެމުން ދިއުމަކީ ﷲ ތަޢާލާ އެއްވެސް މިންވަރަކަށް ރުހިވޮޑިގަންނަވާ ކަމެއް ނޫނެވެ. އެހެންވެ ﷲ ތަޢާލާ އެކަނބަލުންނަށް ވަޙީ ކުރެއްވެވީ ކީކޭކަން އެނގޭ ހެއްޔެވެ؟  

130﴾ وَإِن يَتَفَرَّقَا يُغْنِ اللَّهُ كُلًّا مِّن سَعَتِهِ ۚ وَكَانَ اللَّهُ وَاسِعًا حَكِيمًا

"އަދި، އެ ދެމީހުން ވަކިވާނަމަ، ﷲގެ ތަނަވަސްކަމުގެ ތެރެއިން، އެ ދެމީހުންކުރެ ކޮންމެ މީހަކަށްމެ، ފުއްދަވައި ދެއްވާނެތެވެ. ތަނަވަސްވަންތަ ޙަކީމްވަންތަ ކަލަކު ކަމުގައި ﷲ ވޮޑިގެންވެއެވެ."  (އައްނިސާ: 130)  

މާނައަކީ އަނިޔާ ލިބެން ނުއިންނާށެވެ! އެޙާލަތުގައި (އަނިޔާއިން ސަލާމަތްވާން) ވަރިވާނަމަ ތިމަން ﷲ ގެ ތަނަވަސް ރަޙްމަތްފުޅުން އެމީހަކަށް ރިޒުޤް ދެއްވަވާނެ ކަމެވެ. ޢިލްމްވެރިން ބަޔާންކުރައްވާ ގޮތުގައި މިއާޔަތަކީ ކައިވެންޏަށްފަހު އަނިޔާ ލިބެމުންދާ އަންހެނުންނަށް ޚާއްޞަ އާޔަތެކެވެ.  

ލައިވެނީގެ ވަރަށް ގިނަ ކަންކަން ނިސާ ސޫރަތުގައި ވަނީ ވަޙީކުރައްވަވައިފައެވެ. ކައިވެނި ދެމެހެއްޓުމުގެ މުހިންމުކަމާއި ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ގޮތަކީ ދެމަފިރިން ވަކިވެ ނުވެ އެކުގައި އުޅުންކަންވެސް ވަނީ ބަޔާންކުރައްވަވައިފައެވެ. އެހެންކަމާއިއެކުގައިވެސް ފިރިމީހާގެ ކިބައިން އަނިޔާ ލިބިލިބި ހުންނަނަމަ އެއަނިޔާ ލިބިލިބި އިންނާކަށް ރުހިވޮޑިގެނެއް ނުވެއެވެ.

ކުރު ޚުލާޞާއަކީ އަނިޔާއަށް ކެތް ނުކުރެވޭ ޙާލަތުގައި ދެމަކިވުމެވެ. އަދި އެކަމުގެ ސަބަބުން އެމީހަކު ނިކަމެތިނުކުރައްވަވާނެކަމެވެ. ދިރިއުޅެވޭނެ މަގެއް ދައްކަވައި ދެއްވަވާނެ ކަމެވެ. ހަމައެއާއިއެކު އެކަނަބަލުންނަކީ ހެޔޮލަފާ ގޮތުގައި ދިރިއުޅޭ ބައަކު ކަމުގައިވެސް ވާންޖެހެއެވެ. ﷲ ތަޢާލާއަށް ބިރުވެތިވެ ޢަމަލުތައް ސީދާގޮތުގައި ބަހައްޓައިގެން އުޅޭ ބައަކަށްވެސް ވާންޖެހެއެވެ.  

- ޝައިޚް ހިޝާމް އަބޫ ޔޫސުފްގެ ދަރުސަކުން

މިއަދު އޮންލައިން