ބައްޔަށް ޝިފާ ދެއްވެވުން އެދިގެންވެސް އަދި ބައްޔަށް ލުއިލިބިފަ ބަލި ބޮޑުވިނަމަވެސް މިފަދަ ޢިބާރާތުން ދުޢާކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
ބައްޔަށް ޝިފާ ދެއްވެވުން އެދިގެންވެސް އަދި ބައްޔަށް ލުއިލިބިފަ ބަލި ބޮޑުވިނަމަވެސް މިފަދަ ޢިބާރާތުން ދުޢާކުރާށެވެ!

އަހަރެމެންގެ ގައިގައި ވޭނެއް ނުއަޅައި މަރުވެއްޖެނަމަ ގެއްލިގެން އެދަނީ ވަރަށް ބޮޑު ފުރުޞަތެކެވެ. އެއީ ގައިގައި އެޅި ވޭންތަކުގެ ސަބަބުން އެތައް ހާސް ފާފަތަކެއް ފުހެދެއްވެވުމަށް އޮތް ފުރުޞަތު ނުލިބި މަރުވީތީއެވެ. އެހެންކަމުން ވޭން އެޅުމަކީ ހިތާމަކުރުމުގެ ބަދަލުގައި ޝުކުރުވެރިވާންޖެހޭ ކަމެކެވެ. 

މީގެމާނައަކީ ބަލިވުމުން ފަރުވާނުކުރުމެއް ނޫނެވެ. ފަރުވާ ކުރަން މަސައްކަތްކުރަންވާނެއެވެ. ދީނުގައި އޮތީވެސް ފަރުވާކޮށް ޝިފާހޯދަން މަސައްކަތްކުރުމެވެ. ފާހަގަމިކުރަނީ ފަރުވާ ހޯދަން މަސައްކަތްކުރުމާއިއެކުވެސް ޝުކުރުވެރިވެ ކެތްތެރިވުމުގެ މުހިންމުކަމެވެ.  

އެއްވެސް މިންވަރެއްގެ ތަކްލީފެއް އުފުލަންޖެހުމަކީ އެއްވެސް މީހަކު ރުހޭނެ ކަމެއް ނޫނެވެ. ހަމައެފަދައިން އެއްވެސް މިނަވަރެއްގެ ހިތްދަތިކަމެއް އުފުލަން ޖެހުމަކީވެސް އެއްވެސް މީހަކު ކުރަންބޭނުންވާ ކަމެއް ނޫނެވެ. ޤަބޫލުކުރަންޖެހޭ ކަމަކީ ވޭންތައް އުފުލަން ޖެހޭނެ ކަމާއި ހިތްދަތިކަން އިޙްޞާޞްކުރަން ޖެހޭނެ ކަމެވެ. ދިރިއުޅުން މިކިޔަނީ އެކަންކަމާއިއެކު ދުނިޔޭގައި އުޅުމަށް ކަމެވެ.  

ބައެއް މީހުންނަށް އެންމެ ބޮޑު ހިތްދަތިކަމެއް ލިބެނީ ބައްޔަކަށް ބޭސްކުރުމުން ފަސޭހަވަމުން އައިސްފައި ކުއްލިއަކަށް އަނެއކާވެސް ބަލި ބޮޑުވުން ފަދަ ކަންކަން މެދުވެރިވުމެވެ. މާޔޫސްނުވާށެވެ! ޙާލަތު އެބަދަލުކުރެއްވެވީ އެންމެ ކުރިން އެންމެ ދުޅަހެޔޮ ޞިއްހަތު މިންވަރުކުރެއްވެވި ﷲ ތަޢާލާއެވެ. އަދި ލުއި ތަކެއް މިންވަރުކުރައްވަވާފައި ބުރަކުރެއްވެވީވެސް ހަމަ ﷲ ތަޢާލާއެވެ.  

ކަންބޮޑުނުވާށެވެ! މިފަދަ ޢިބާރާތްތަކުން ދުޢާކުރަމުން ގެންދާށެވެ!  

"ޔާ ﷲ! ބަލީގެ ވޭންތަކަށާއި އަދި ހިތުގެ ވޭންތަކަށް ވެސް ޝިފާލިބުންވަނީ ހަމައެކަނި އިނބަ ﷲގެ ޙަޟްރަތުންނެވެ. މިއަޅާއަށް ޝިފާ ދެއްވަވާނެދޭވެ! އަދި ވޭންތަކާއި ދަތިތަކަށް ކެތްތެރިވުމުގު ތައުފީޤް މިއަޅާއަށް ދެއްވަވާނދޭވެ! އިނބަ ﷲ މެނުވީ މިއަޅާއަށް އެއްވެސް އެހީތެރިކަމެއް ފޯރުކޮށްދެއްވޭނެ އެއްވެސް ފަރާތެއް ނުވެއެވެ. މިއަޅާއަށް ރަޙުމްކުރައްވަވާނދޭވެ! އިނބަ ﷲ ރުހިވޮޑިގަންނަވާ އަޅެއްގެ ގޮތުގައި ނޫނީ މިއަޅާގެ ފުރާނަ ނުގެންދަވާނދޭވެ! އާމީން."

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން