ގިނަ ބައަކު އެކުގައި ދިރިއުޅޭނަމަ ހަމަޖެހުން އޮތް ޢާއިލާއެއް މިހާރު ނެތްކަމަށް އެބުނަނީ އެކަން ޢާންމުވެފައިވާލެއް ބޮޑުކަމުންނެވެ. އެކުގައި ދިރިއުޅުނަސް އަދި ވަކިން ދިރިއުޅުނަސް ޢާއިލާގައި ހަމަޖެހުން ނެތްނަމަ އެޢާއިލާއަކަށް އުފާވެރިކަމެއް ނުލިބޭނެއެވެ. އަދި ލިބެންވާ ކުރިއެރުމެއްވެސް ނުލިބޭނެއެވެ. ޢާއިލީ ގުޅުންތައް ބަދަހިކުރުމަށް އިސްލާމް ދީނުގައި އެހައި ބޮޑަށް ބާރުއަޅަނީ އެކަމުގެ މުހިންމުކަން ބޮޑުކަމުންނެވެ.
މުސްލިމުންނަކީ 3 މީހުން ތިބިތަނެއްގައިނަމަ އެއިގެ ތެރެއިން އެކަކަށް ސިއްރުވާ ގޮތަށް ވާހަކަދެއްކުން ހުއްދަބައެއް ނޫނެވެ. ދެމީހަކު ސިއްރުން ވާހަކަދައްކަން ބޭނުންވާނަމަ އެކަންކުރަންވާނީ ދެމީހުން އެކަނިތިބެއެވެ. އެއީ 3 ވަނަ މީހަކުހުރެ އެމީހަކަށް އަޑުނުއިވޭ ގޮތަށް ވާހަކަދެއްކުމުން އެމީހެއްގެ ހިތުގައި ޝައްކުތައް އުފެދި އިތުރުވެގެންދާނެތީއެވެ. އެކަމުގެ ސަބަބުން އޭނާ ކަންބޮޑުވާނެތީއެވެ.
ގިނަ ޢާއިލާތަކެއް މިއަދު ރޫޅިގެންދާ އެންމެ ބޮޑު އެއް ސަބަބަކީ ޢާއިލާގެތެރޭގައި ނެތިމޮށުން ގިނަވުމެވެ. ނެތިމޮށުމެވެ. މައިދައިތަ ދަރިންގެ ވާހަކަ ދައްކައި ނެތިމޮށެނީއެވެ. މައިދައިތަގެ ވާހަކަ ދައްކައި ދަރިން ނެތިމޮށެނީއެވެ. ބައެއް ގޭގެއިން ފެންނަ ކަންކަމުން ހީވަނީ މިއީ ހަމަ ކޮންމެ ގެއެއްގައި އެގެއެއްގެ އެންމެންނަށްވެސް ކޮންމެހެން ކުރަންޖެހިފައި އޮތް ކަމެއް ހެންނެވެ.
މީސްތަކުންނޭވެ! އެފަދަ ކަންކަން ނުކުރާށެވެ. ޝަކުވާއެއް ކުރަން ޖެހޭނަމަ ކުރިމަތީގައި ތެދުބަހުން އެވާހަކައެއް ދައްކާށެވެ. ސިއްރުސިއްރުން "ޗުކްޗުކް" ނުލައްވާށެވެ! އެއީ ކުރެވޭ ވަރަށް ބޮޑު ފާފައެކެވެ. އަހަރެން ޤަބޫލުކުރާ ގޮތުގައި އެމީހަކު ކުރި ކަމެއްގެ ސަބަބުން އެހެން ބައަކަށް ލިބޭ ގެއްލުމުގެ ބަދަލު ޤިޔާމަތް ދުވަހުން ދޭން ޖެހޭނެއެވެ. އެއީ ކުރެވޭނެ ކަމެއް ހެއްޔެވެ؟ ތިމާގެ ސަބަބުން ޢާއިލާއެއް ރޫޅިގެން ހިނގައްޖެ ނަމަ އެކަމުގެ ޒިންމާ ބޮޑުވެގެންދާނެ މިންވަރާއިމެދު ވިސްނައިލާށެވެ!
ނެތިމޮށުމަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ. ނެތިމޮށުމަކީ ޣީބަ ބުނުމެވެ. އަދި އެއީ ﷲ ތަޢާލާ މަނާކުރައްވަވާފައިވާ ކަމެކެވެ. އެކަން ކުރާ މީހުންނަށް ގަދަފަދަ ޢަޛާބް ދެއްވަވާނެކަން ކީރިތި ޤްރްއާނުގައި ވަނީ ބަޔާން ކުރައްވަވާފައެވެ.
ނޫރު ސޫރަތުގެ މި ދެ އާޔަތަށް ވިސްނައިލާށެވެ. "އެއުރެންގެ މައްޗަށް އެއުރެންގެ ދޫތަކާއި، އަތްތަކާއި ފައިތައް، އެއުރެން ކޮށް އުޅުނު ކަންތައްތަކާއިމެދު ހެކިވާ ދުވަހުންނެވެ. (24) އެދުވަހުން ﷲ، އެއުރެންނަށް، އެއުރެންގެ ޙައްޤު ޖަޒާ ހަމައަށް ދެއްވަވާނެތެވެ. އަދި ހަމަކަށަވަރުން، ﷲ އީ، ބަޔާންވެގެންވާ ގޮތުގައި ހަމަ ޙައްޤުވަންތަ ކަލާނގެކަން އެއުރެންނަށް އެނގޭނެ އެވެ. (25)
މިދެ އާޔަތުން އެނގޭ ގޮތުގައި ނެތިމޮށޭ މީހުންނަށް ހިޔާމަތް ދުވަހުން އެކަމުގެ ޖަޒާ ދެއްވަވާނެއެވެ. ކީރިތި ޤްރްއާނުގައި ބަޔާން ކުރައްވަވާފައިވާ މިފަދަ ޢާޔަތްތަކަކީ އެކަންކަން ނުކުރުމަސް އަންގަވައި ކުރައްވަވާފައިވާ އަމުރުފުޅުތަކެވެ. ކޮށްފިނަމަ ގަދަފަދަ ޢަޛާބު ދެއްވަވާނެ ކަމުގެ އިންޒާރުތަކެވެ.
ނެތިމޮށުމަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ ނެތިމޮށުމަކީ ނުވަތަ ޣީބަ ބުނުމަކީ އެމީހަކު ހުރި ތަނެއްގައި އެވާހަކައެއް ދެއްކުމުން ނުރުހޭނެ ވާހަކައެއް އެމީހަކު ނެތްތަނެއްގައި ދެއްކުމެވެ. ރަސޫލް (ﷺ) ޙަދީޘްފުޅު ކުރައްވަވާފައިވަނީ އެމީހަކު ކުރި ކަމެއްގެ ވާހަކަ ނަމަވެސް އެމީހަކު ރުޅިއަންނާނެ ވާހަކައެއް އެމީހަކު ނެތް ތަނެއްގައި ދެއްކުމަކީ ޣީބަ ބުނުން ކަމަށެވެ. އަދި ދޮގުހަދައިގެން ވާހަކައެއް ދެއްކުމަކީ ފާފަ އިތުރުވެގެންދާނެ ކަމެއް ކަމަށެވެ.
މީސްތަކުންނޭވެ! މީހަކު ނެތްތަނެއްގައި ދައްކަންވާނީ ހަމައެކަނި އެމީހެއްގެ ހުރި ރަނގަޅު ސިފަތަކުގެ ވާހަކައެވެ. އެމީހަކު ކުރި ރަނގަޅު ކަންކަމުގެ ވާހަކައެވެ. ނަމަވެސް ތިބާގެ ފަރާތުން ހެކިބަހެއް ދޭންޖެހިއްޖެ ނަމަ ބުނަންވާނީ ޙައްޤުބަހެވެ. މީހަކު ކުރިކުށަކާއި ގުޅިގެން މައްސަލައެއް ހުށަހަޅާނަމަ އެކަން ކުރުމަކީ ޣީބަ ބުނުމެއް ނޫނެވެ.
މިސާލަކަށް ކައިވެންޏެއް ފަދަ ކަމަކާއި ގުޅިގެން ތިބާގެ ކިބައިން ލަފައަކަށް އެދިއްޖެނަމަ އެމީހާ އާއިމެދު އެނގޭ ކަމެއް ތެދަށް ނުބުނުމަކީ ބޮޑު ފާފައެކެވެ. އެކަމުގެ ސަބަބުން އެހެން މީހަކަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމަށްޓަކައެވެ.
ޣީބަ ބުނުމަކީ މަރުވެފައިވާ ތިބާގެ އަޚާގެ ގައިން މަސްކެއުންކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ؟ ވީމާ އެއީ ހަމަ ބުނެލާ ބަހެއް ކަމަށް ހަދައި ޣީބަ ނުބުނާށެވެ! އެއީ ބޮޑުވެގެންވާ ފާފައެކެވެ.
- މުފްތީމެންކުގެ ދަރުސަކުން