ސިޓީތަކާއި އިދާރީ ދާއިރާތަކާ ބެހޭ ވުޒާރާގެ 5 އަހަރުގެ ޕްލޭނާއި، މިއަހަރުގެ މަސައްކަތު ޕްލޭން ވަޒީރު އިފްތިތާޙުކޮށްދެއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 43ސ
ސިޓީތަކާއި އިދާރީ ދާއިރާތަކާ ބެހޭ ވުޒާރާގެ 5 އަހަރުގެ ޕްލޭނާއި، މިއަހަރުގެ މަސައްކަތު ޕްލޭން ވަޒީރު އިފްތިތާޙުކޮށްދެއްވައިފި

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ 5 އަހަރުގެ ޕްލޭނާއި، މި ހިނގާ 2025 ވަނަ އަހަރުގެ މަސައްކަތު ޕްލޭން ވަޒީރު އާދަމް ޝަރީފު ޢުމަރު އިފްތިތާޙުކޮށްދެއްވައިފިއެވެ. މަސައްކަތު ޕްލޭން އިފްތިތާޙުކޮށްދެއްވީ ރޭ ސްޓެލްކޯގެ އޮޑިޓޯރިއަމްގައި އެ ކަމަށް ޓަކައި ޚާއްޞަކޮށްގެން ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

ރޭ އިފްތިތާޙްކުރެވުނު 5 އަހަރު ދުވަހުގެ ޕްލޭނުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުތަކާއި އަދި ސަރުކާރުން ބޭނުންވާ ކަންތައްތައް ޙާޞިލްކުރުމަށް ޓަކައި، މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތް ވަރަށް ތަފްޞީލުކޮށް ބަޔާންކޮށްފައި ވެއެވެ.

ޕްލޭން އިފްތިތާޙުކޮށްދެއްވާ، މި ރަސްމިއްޔާތުގައި ވަޒީރު ދެއްކެވި ވާހަކަފުޅުގައި، މި ވުޒާރާއަކީ މުޅި ރާއްޖެއަށް މިއަދު ވެސް ފެތުރިފައިވާ ވަރަށް ބޮޑު ވުޒަރާއެއް ކަމަށް ވިދާޅުވިއެވެ. އަދި ވޭތުވެ ދިޔަ އަހަރެއްހާ ދުވަހުގެ ތެރޭ މި ވުޒާރާއިން ކުރެވުނު މަސައްކަތްތަކުގެ ސަބަބުން، ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރި ކޮންމެ ކައުންސިލަކީ ވެސް މިއަދު މި ވުޒާރާއެކު އެއް ޓީމެއްގެ ގޮތުގައި މަސައްކަތްކުރާ ބައެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ސަރުކާރުން ވަރަށް ބޮޑަށް ބޭނުންފުޅުވޭ މުޅި ރާއްޖެ ތަރައްޤީކުރުމުގައި، ޚާއްޞަ ގޮތެއްގައި ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމާއެކު، ކުރެވޭ މަސައްކަތުގައި އަޅުގަނޑުމެން ވަރަށް މުހިންމު ދައުރެއް އަދާކުރަން" ވަޒީރު ވިދާޅުވިއެވެ.

5 އަހަރުގެ ޕްލޭނާއި، މި ހިނގާ 2025 ވަނަ އަހަރުގެ މަސައްކަތު ޕްލޭން އިފްތިތާޙުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އެ ޕްލޭންގެ މައްޗަށް ބަލައިލާ ތައްޔާރުކޮށްފައިވާ ޕްރެޒެންޓޭޝަނެއް ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު މޫސާ ފަތުޙީ ހުށަހަޅައި ދެއްވިއެވެ. މި ރަސްމިއްޔާތުގައި ވުޒާރާގެ ވަރަށް ގިނަ ޢަދަދެއްގެ މުވައްޒަފުން ބައިވެރިވެލެއްވިއެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން