އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ އީ-ޕޯޓަލް މެދުވެރިކޮށް މިހާރު ގާތްތިމާގެ މީހުންނާއި އަދި ބެލުމުގެ ދަށުގައި ތިބޭ މީހުންގެ އެޕޮއިންޓްމަންޓު ހެއްދުމާއި ލެބް ރިޕޯޓްސް އަދި މެޑިކަލް ރިކޯޑްސް ބެލޭނެ ގޮތް ހަމަޖެހިއްޖެއެވެ.
އައިޖީއެމްއެޗުން މަޢުލޫމާތު ދެއްވިގޮތުގައި، 2021 ވަނަ އަހަރު ތަޢާރަފުކުރި އީ-ޕޯޓަލް ޚިދުމަތް މެދުވެރިކޮށް މިހާތަނަށް ބެލެމުން އައީ ހަމައެކަނި ލޮގިންވާ ފަރާތުގެ މެޑިކަލް ރެކޯޑްތަކެވެ. ނަމަވެސް ޚިދުމަތް ހޯދާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ހޯދައިދިނުމުގެ ގޮތުން މިހާރު ވަނީ އެހެން ފަރާތްތަކުގެ މެޑިކަލް ރެކޯޑްތައްވެސް ބެލޭނެ ގޮތް ހަމަޖައްސާފައެވެ.
މި ޕޯޓަލް މެދުވެރިކޮށް ބަލިމީހުންނަށް އެޕޮއިންޓްމަންޓް ހެދުމުގެ އިތުރުން، ބޭސް ސިޓީއާއި ލެބް ރިޕޯޓު އަދި އެހެނިހެން ސިއްޙީ ލިޔެކިޔުންތައް ޑިޖިޓަލްކޮށް ބެލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިއީ ހޮސްޕިޓަލުން ފޯރުކޮށްދޭ ޚިދުމަތްތައް ޒަމާނީކުރުމަށް އަޅަމުންދާ މުހިންމު ފިޔަވަޅެކެވެ.
އައިޖީއެމްއެޗްގެ އީ-ޕޯޓަލްގެ ޚިދުމަތް ތަޢާރަފުކުރި ފަހުން، ގިނަ އަދަދެއްގެ ބަލިމީހުން މި ޚިދުމަތް ބޭނުންކުރަމުންދާކަން ފާހަގަކުރެވެއެވެ. އަދި މިހާރު ތަޢާރަފުކޮށްފައިވާ އައު ބަދަލާއެކު، އާއިލާގެ މެންބަރުންނާއި ބަލަދުވެރިންނަށް އެމީހުންގެ ބެލުމުގެ ދަށުގައިވާ ފަރާތްތަކުގެ ސިއްޙީ ކަންކަން ބެލެހެއްޓުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.