އިބިލީހުގެ އެޖެންޓުން ގިނަވެއްޖެ! އެއީ އިބިލީހަށްވުރެވެސް މާނުރައްކާތެރި ބައެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 58ސ
އިބިލީހުގެ އެޖެންޓުން ގިނަވެއްޖެ! އެއީ އިބިލީހަށްވުރެވެސް މާނުރައްކާތެރި ބައެއް!: މުފްތީ މެންކް

ރަނގަޅަށް ވިސްނައިލާށެވެ! ގިނަ ބައެއްގެ ކައިވެނިތައްވެސް، އަދި ޢާއިލީ ގުޅުންތައްވެސް ރޫޅި ވިއްސިވިހާލުވަމުން މިދާ އެންމެ ބޮޑު ސަބަބަކީ ދެކެވޭ ެއްވެސް އަޞްލެއް ނެތް ވާހަކަތަކެވެ. އެހެންކަމުން އެކަން މިއަދު މިވަނީ ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ވަބާއަށް ވެފައެވެ.

ވަރަށް ކެރިހުރެ ސާބިތުކަމާއިއެކު ބުނަމެވެ! ސާބިތު ނުހިފޭ ތުހުމަތުތައް އަޅުވަނީ އިބިލީހުގެ އެޖެންޓުންނެވެ. އިބިލީސް ބުނުމުން ޤަބޫލު ނުކޮށްފާނެތީ އިންސާނުގެ ތެރެއިން ހިމެނޭ އިބިލީހުގެ އެޖެންޓުން މެދުވެރިކުރުވަނީއެވެ. އިބިލީސް ދޭ ވަސްވާސްތަކަކީ ތެދުކަން ޤަބޫލުކުރުވަން އިންސާނަކު މެދުވެރިކުރުވުމުން ފަސޭހަވާނެތީއެވެ. ވީމާ މިފަދަ ނުބައި ސިފަތައް މީހުންނާއި އެއްވެސް ވަރަކަށް ގުޅުން ނުބަހައްޓާށެވެ! ދުނިޔެއާއި ޢާޚިރަތްވެސް ސަލާމަތް ކުރެވޭނީ އެއިރުންނެވެ.

ދެމަފިރިންނަކީ ތަޤްވާވެރިން ކަމުގައި ވެއްޖެނަމަ އެކަކު ކުޑަކޮށް މަގުން ކަސިޔާރުވި ނަމަވެސް އަނެކަކު އެކަން ވިސްނައިދީ މަގަށް އަޅުވަން މަސައްކަތްކުރާނެއެވެ. ނަމަވެސް ދެމަފިރިންކުރެ އެކަކީވެސް ތަޤްވާވެރިކަން ކުޑަ މީހެއް ކަމުގައި ވެއްޖެނަމަ މަގުން ކަސިޔާރުކުރުވަން އިބިލީހަށް އެތައް ގުނައެއް ފަސޭހަވާނެއެވެ. ވީމާ މިއީ ދެމަފިރިންވެސް ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭނެ ކަމެކެވެ. އަދި އެންމެންވެސް ސަމާލުކަން ދޭންޖެހޭނެ ކަމެކެވެ.

މިފަދަ ނުބައި ސިފަތައް ހުންނަ މީހުންނަކީ އިބިލީހުގެ އެޖެންޓުންނެވެ. އެފަދަ މީހަކާއި ކައިރިވެސް ވެއްޖެނަމަ ތިބާއަކީ ޝައިޠާނަކަށް ހަދާނެކަމަށް ބުނެފިނަމަ ބައެއް މީހުންނަށް ހީވަނީ އެ ދައްކަނީ މީހާގެ ބޭރުފުށުގެ ސިފަތަކުގެ ވާހަކަތައް ކަމަށެވެ. ނޫނެކެވެ! އެއްގޮތަކަށްވެސް އެހެނެއް ނޫނެވެ! މިދައްކަނީ ނުބައި އަމަލުތައްކުރާ މީހުންގެ ވާހަކައެވެ. އެފަދަ މީހުން ތިބާގެ ގާތަށް ފޮނުވަނީ އިބިލީހެވެ! ވީމާ އެފަދަ މީހަކާއި ބައްދަލުވެއްޖެނަމަ އިބިލިހާއި ދުރުހެލިވާ ފަދައިން އެމީހަކާއި ދުރުހެލިވާން ވާނެއެވެ! ނޫންނަމަ އޭނާ ތިބާ އަކީވެސް އޭނާ ފަދަ ޝައިޠާނަކަށް ހަދާނެއެވެ! ތިބާގެ މިދުނިޔޭގެ ދިރިއުޅުމާއި އާޚިރަތްވެސް ގެއްލުވައިލާނެއެވެ.

މިފަދަ ނުބައިކަން ބޮޑު މީހުންގެ ތެރެއިންވެސް އެންމެ ނުބައިކަން ބޮޑު އެއްބައަކީ ޣީބަބުނެ އުޅޭ މީހުންނެވެ. އެހެން މީހުންނަށް ޖާސޫސްކޮށް މައުލޫމާތު ހޯދައިގެން ފިތުނަ ފަސާދަ އުފައްދާ މީހުންނެވެ. އެފަދަ މީހުންނަކީ އިބިލީހުގެ ކިބައިން ރައްކައުތެރިކަން ހޯދައިގެން އުޅޭ ބައެކެވެ. ﷲ ތަޢާލާ ނޫން ފަރާތަކުން ރައްކައުތެރިކަން ހޯދާނީ ކިހިނަކުން ހެއްޔެވެ؟ ނަމަވެސް އެމީހުން އެކަން ވެސް ކުރަނީއެވެ. ނަތީޖާއަކަށްވަނީ ޢާއިލާތަކުގެ މެދުގައި ފިތުނަ އުފެދުމެވެ. އަމިއްލަ އަނބިދަރީންގެ މެދުގައި ފިތުނަ އުފެދުމެވެ. އެންމެ ގާތް ރައްޓެހި ރަޙްމަތްތެރިންގެ މެދުގައިވެސް ފިތުނަ އުފެދި ހަތުރުންނަށް ބަދަލުވުމެވެ.

އެމީހުންގެ ވާހަކަ ކީރިތި ޤްރްއާނުގެ އަލްޙުޖްރާތު ސޫރަތުގެ 12 ވަނަ އާޔަތުގައި ވަނީ ވަޙީ ކުރައްވަވައިފައެވެ. "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިއަބައިމީހުން ހީގެ ތެރެއިން ގިނަ ކަންތައްތަކާއި ދުރުވެގަންނާށެވެ! ހަމަކަށަވަރުން ބައެއް ޙީއަކީ ފާފައެކެވެ! އަދި ތިއަބައިމީހުން އެކަކު އަނެކަކަށް ޖާސޫސް ނުކުރާށެވެ! އަދި އެއްބައަކު އަނެއް ބައަކަށް ޣީބަ ނުބުނާށެވެ! ތިއަބައިމީހުންކުރެ އެކަކުވެސް އޭނާގެ އަޚާގެ މަސް މުޅަކޮށް ކެއުމަށް ލޯބިކުރާނެ ހެއްޔެވެ؟ ފަހެ، ތިއަބައިމީހުން އެކަމަކަށް ނުރުހޭނެއެވެ! އަދި ތިއަބައިމީހުން ﷲ އަށް ތަޤްވާވެރިވާށެވެ! ހަމަކަށަވަރުން، ﷲ އީ، ތައުބާ ޤަބޫލުކުރައްވަވާ ރަޙީމްވަންތަ މާތްރަސްކަލާނގެއެވެ."

މީސްތަކުންނޭވެ! ޝައިޠާނާގެ މަޅީގައި ޖެހެވިއްޖެ މީހަކަށް އޭނާ ކުރާ ކުށްތައް ޤަބޫލެއް ނުކުރެވޭނެއެވެ. ކިތަންމެ ބޮޑު ފާފައެއް ކުރެވުނު ނަމަވެސް ޤަބޫލު ކުރެވޭނީ އެކުރެވުނީ ރަނގަޅުކަމެއް ކަމުގައެވެ. އަދި އެއީ ރަނގަޅުކަމެއްކަމަށް އިބިލީސް އެމީހެއްގެ ބޮލަށް ވައްދާފައިހުންނަ މިންވަރު ބޮޑުކަމުން މީހަކު އައިސް ތިއަ ކުރަނީ ފާފައެއް ކަމަށް ބުނި ނަމަވެސް އެކަން ޤަބޫލެއްވެސް ނުކުރެވޭނެއެވެ. މިކުރާ ކަމުގައި އޮތީ ކޮން ކޮށެއްކަމަށް ސުވާލުކޮށް ވަކާލާތުކުރާނެއެވެ.

ޢާއިލީ ދިރިއުޅުމުގައި އުފަލާއި ހިތްހަމަޖެހުން އަދި ކާމިޔާބާއި ކުރިއެރުމަށް އެދޭނަމަ މީސްތަކުންގެ ޣައިރުހާޒިރުގައި ވެސް އަދި ހާޒިރުގައިވެސް ދޮގު ވާހަކަތައް ދައްކައި ފިތުނަ އުފައްދުވާ މީހުންނަށް ވަރަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭނެއެވެ! ޚާއްޞަކޮށް އަމިއްލަ ޢާއިލާ އާއި އެންމެ ގާތް މިތުރުންގެ މެދުގައި ފިތުނަ އުފައްދުވާ މީހުންނަށެވެ.

ހަމަ ޖެހިގެން ޢާއިލީ ދިރިއުޅުމެއް އުޅޭނަމަ އިބިލީހުގެ މިފަދަ ހަމަލާތައް ގިނަވެފައި ވަރުގަދަވާނެއެވެ. މިސާލަކަށް ދެމަފިރިންނަކީ ފުރިހަމަ ތަޤްވާވެރިން ކަމުގައިވާނަމަ އެކައިވެންޏެއް ރޫޅައިލުމަށް ކުރެވުނުހައި މަސައްކަތްތަކެއް އިބިލީސް ކުރާނެއެވެ. ބޭނުމަކީ ކައިވެނި ރޫލުވައިލެވިއްޖެނަމަ ދެން ކުރާ ކައިވެނި ކުރާއިރު ތަޤްވާވެރިކަން ކުޑަ މީހަކާއި ކައިވެނި ކުރުވަން މަސައްކަތް ކުރުމެވެ. އެގޮތުންވެސް އާޚިރަތް ގެއްލުވައިލެވޭތޯ މަސައްކަތްކުރުމެވެ.

އިބިލީހުގެ ބަހަށް ނުހެއްލޭ މީހުންވެސް އާދަމްގެ ދަރިންގެ ބަހަށް ހެއްލޭކަން އިބިލީސްވެސް ވަރަށް ރަނގަޅަށް ޤަބޫލުކުރެއެވެ. އެހެންވެ އިންސާނުންގެ ތެރޭގައި ތިބޭ އިބިލީހުގެ އެޖެންޓުން ފޮނުވައިގެން ފިތުނަ އުފައްދުވަން އިބިލީސް މަސައްކަތްކުރާނެއެވެ. ވީމާ އެފަދަ މީހުންގެ ބަސް ޤަބޫލުކޮށް ކުރެވޭ ހީތަކަށް ބުރަވާ މީހަކަށް ހަމަޖެހޭ ޢާއިލީ ދިރިއުޅުމެއް ވެސް ނުލިބޭނެއެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން