ވިސްނައިލާށެވެ! އާދަމްގެފާނާއި ޙައްވާގެފާނަށް ކުރެއްވެވުނީ ހާދަބޮޑު ފާފައެކެވެ. ހުރިހާ ނިޢްމަތްތަކެއް ދެއްވަވާފައި ސުވަރުގޭގައި ލައްވަވާފައިވަނިކޮށް ޙަރާމް އެއްޗެއް ފަރިއްކުޅުއްވެވުނީއެވެ. ނަމަވެސް އެކަން ވިސްނިވަޑައިގެން ކުށަށް އިޢްތިރާފްވެވަޑައިގެން ފާފަފުއްސަވައި ދެއްވެވުމަށް އެދުމުން ހަމަވަގުތުން އެކަން ޤަބޫލުފުޅު ކުރައްވަވައި ވަގުތުން ފާފަފުއްސަވައިދެއްވެވި ނޫންހެއްޔެވެ؟
ވީމާ އަނބިންނަށް، ދަރިންނަށް، އަދި ފިރިންނަށްވެސް މާފުކުރުން އިސްކުރާށެވެ! މާފުނުކުރުމަކީ އެކަމުން ލިބޭ މާޔޫސްކަމުގައި އިތުރު ފާފަތައް ކުރަން ދޮރުތައް ހުޅުވިގެންދާ ކަމެކެވެ. ވީމާ އެކަންވެގެންދާނީ ދެވޭނެ އެންމެ ބޮޑު އަނިޔާއަށެވެ! އިޞްލާޙްވާން އެދޭނަމަ ފުރުޞަތުދޭށެވެ! ފުރުޞަތު ދިނުމުން ލިބޭ އުފާވެރިކަން މާބޮޑުވާނެއެވެ.
ފުރުޞަތު ދިނުމުން ވެސް އިޞްލާޙްނުވާނަމަ އިޞްލާޙްކުރަން އަޅަންޖެހޭ ފިޔަވަޅުތައް އަޅާށެވެ! އެއީ މުޅިން ތަފާތު މަރުހަލާއެކެވެ. އެކަކު އަނެކަކަށް މާފުކުރާ މީހުންދެކެ ﷲ ތަޢާލާ ނުހަނު ބޮޑަށް ލޯބިވެވެވޮޑިގެންވެއެވެ. ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ހޯދަންވެސް މާފުކުރުން ގިނަކުރާށެވެ!
ޙަޔާތުގެ ކޮންމެވެސް ދުވަސްވަރެއްގައި ފާފައެއް ނުކުރެވޭ އެއްވެސް މީހަކު ހުރުމަކީ ހަމަ ވަރަށް ނާދިރުކަމެކެވެ. ޚާއްޞަކޮށް ޒުވާން އުމުރުގައެވެ. ފާފައާއިމެދު ވިސްނައިފިކުރުކުރަންވެސް އުނދަގޫ ޢުމުރުގައި ފާފަތަކަށް އަރައިގަނެވިފައިވާ މީހުން ވަރަށް ގިނަވާނެއެވެ.
ކުރެވިފައިވާ ފާފަތަކަށް ބިރުވެތިވެ ތައުބާވުމުގެ ވިސްނުން މީހަކަށް ލިބުމަކީ އެމީހަކަށް ލބޭނެ އެންމެ ބޮޑުކުރިއެރުމެވެ. އެންމެ ބޮޑު ނިޢްމަތެވެ. ވީމާ ކޮންމެ މީހަކު ނަމަވެސް ތައުބާވެ އިޞްލާޙްވުމަށް ނިޔަތްގަނެގެން އެކަމަށް ކުރިމަތިލައިފިނަމަ އެމީހާ މާޔޫސްވާނެ ބަހެއް ނަމަވެސް ބުނެގެން ނުވާނެއެވެ. މާނައަކީ ދޭންޖެހޭނީ ހިތްވަރުކަމެވެ. އެހީތެރިވެދޭންޖެހޭނެ ކަމެވެ.
މިއަދު މުޖުތަމައުން މިފެންނަ ގިނަ މައްސަލަތަކުގެ ސަބަކަށްވެފައި އޮންނަނީ މިބުނި ކަންތަކަށް ސަމާލުކަން ކުޑަކުރެވުމެވެ. މިސާލަކަށް އަނބިމީހާ ނަމަވެސް ފިރިމީހާ ނަމަވެސް އަދި ދަރިއަކު ނަމަވެސް އަދި އެހެން މީހަކު ނަމަވެސް އެމީހަކަށް ކުރެވުނު، ކުރެވޭ ކުށެއް ފާހަގަކުރެވި އިޞްލާޙްވާން މަސައްކަތްފެށުމުން އެކަމުގެ އަގުވަޒަންކުރުމުގެ ބަދަލުގައި ގިނަފަހަރަށް ބެލެވިފައި އޮންނަނީ އެމީހަކަށް ކުރެވެނު ފާފައިގެ ބޮޑުމިނަށެވެ.
އެއީ ޝައިޠޯނާގެ ނިޒާމެވެ. އަހަރެމެންގެ ނިޒާމަކަށް އެއުޞޫލު ހަދައިގެން ނުވާނެއެވެ. އަހަރެމެންވާންޖެހޭނީ ތައުބާވާން މަސައްކަތްކުރާ ކޮންމެ މީހަކަށްވެސް ހިތްވަރުދޭ މީހަކަށެވެ. މުހިންމީ އޭމާއަށް ކުރެވުނު ފާފައިގެ ބޮޑުކުޑަމިނެއް ނޫނެވެ. ތައުބާވާން ނުވަތަ އިޞްލާޙްވާން އޭނާ މަސައްކަތްކުރާ ކަމެވެ. އެކަމަށް އޭނާކުރާ މަސައްކަތެވެ.
ވީމާ އިންސާނަކަށް ކުރެވޭނެ އެންމެ ފައިދާބޮޑު ޢަމަލަކީ ކޮބައިތޯ ސުވާލުކުރެވިއްޖެނަމަ އަހުރެންގެ ޖަވާބަކީ އިޚްލާޞްތެރިކަމާއިއެކު އިޞްލާޙްވާން މަސައްކަތް ކުރުން ކަމަށެވެ. އެހެނީ އެމަސައްކަތް ހިމެނިގެންދާނީ އޭނާ ސުވަރުގެ ވަންނަކުރާ މަސައްކަތް ކަމުގައެވެ. އެއަށްވުރެ ފައިދާބޮޑު މަސައްކަތެއް ނުވާނެއެވެ.
ޙަޤީޤަތަކީ ކިތަންމެ ގިނައިން، ކިތަންމެ ބޮޑެތި ފާފަތަކެއް ކުރެވިފައިވީނަމަވެސް އެހުރިހާ ފާތަކަށްވުރެ އިޞްލާޙްވުމަށް ކުރާ މަސައްކަތުގެ ބުރަދަން މާބޮޑުކަމެވެ. ތައުބާވުމުގެ މުހިންމުކަން މާބޮޑުކަމެވެ. ތައުބާވުމުން ކުރިން ކުރެވުނު ފާފަތައް އެއްވެސް ރެކޯޑެއް ނެތި ﷲ ތަޢާލާ ފުއްސަވައިދެއްވަވާކަން މިކަމުގެ ދަލީލަކަށް ފުދޭނެއެވެ.
ޚުލާޞާ ކޮށްލާނަމެވެ! ބައިވެރިޔާއަށް މާފުކޮށް އިޞްލާޙްވުމުގެ ފުރުޞަތުދޭން ބޭނުންނުވާނަމަ އަނިޔާވެރިނުވެ އަވަހަށް ދެމީހުން ވަކިވުން މާރަނގަޅެވެ! އަނިޔާވުރުމުން ތިމާއަށްވެސް އެކުރެވެނީ ބޮޑު ފާފައެކެވެ. ވީމާ ހަމައެކަކުވެސް އަނެކާއަށް އަނިޔާވެރިވެގެން ނުވާނެއެވެ. އަދި މާފުކުރާނެކަން ނުވަތަ ނުކުރާނެކަން ކަނޑައަޅަން މުއްދތެއް ނެގިނަމަވެސް އެމުއްދަތުގައިވެސް އަނެކާގެ ހިތުގައި ޖެއްސުން ފަދަ ކަންކަން ކޮށްގެން ނުވާނެއެވެ.
--މުފްތީ މެންކުގެ ދަރުސަކުން