ތިބާ ނެތްތަނުގައި ތިބާ ފަޟީޙަތްކޮށް ބަދުނާމުކުރަން ދެކެވޭ ވާހަކަތަކުން، ތިބާގެ ބޮލުގައި އަޅުވާ ދޮގު އިލްޒާމްތަކުން ތިބާ ދިފާޢުކުރަން ވާހަކަ ނުދައްކާނަމަ އެއީ ރަނގަޅު އެކުވެރިއެއް ނޫނެވެ! އެފަދަ ޙާލަތެއްގައި އެކުވެރިޔާގެ ދިފާޢުގައި ވާހަކަ ނުދެއްކޭނެނަމަ އެކުވެރިޔާ އާއިމެދު ނުބައިވާހަކަތައް ދެކެވޭ މަޖިލިސްތަކުގައި ބައިވެރިނުވާށެވެ! އެފަދަ ކަމެއް ކުރެވޭނަމަ އަވަހަށް އެތަނަކުން ދުރަށްދާށެވެ!
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިހާރަކަށް އައިސް މިބާވަތުގެ ކަންކަމަށް ފަރުވާތެރިވަނީ ވަރަށް މަދުބައެކެވެ. ނަތީޖާއަކީ މިބާވަތުގެ ޢަމަލުތަކުގެ ސަބަބުން ފާފަވެރިވެވެމުންދާ ކަމެވެ. "އަހަރެން އެމަޖިލީހުގައި ހުރީއެވެ. އެއްވެސް ބަހެއް ނުބުނަމެވެ." ބުނުމަކުން ފާފަވެރިވުމުން ސަލާމަތެއް ނުވެއެވެ. އަޑުއަހަން ހުރުމަކީވެސް ހަމަ ބޮޑުފާފައެކެވެ.
ހެޔޮއަމަލުކުރެވޭ މިންވަރު މިދަނީ މަދުވަމުންނެވެ. ފާފަވެރިވެވޭ މިންވަރު މިދަނީ އިތުރުވަމުންނެވެ. ކުރެވޭ ފާފަތައް މިދަނީ އިތުރުވަމުންނެވެ. އާޚިރަތް ދުވަހު ﷲ ތަޢާލާގެ ޙަޟްރަތަށް އަހަރެމެން ދައްކާނީ ކޮން މޫނެއް ހެއްޔެވެ؟ ދެއްކޭނެ އެއްވެސް މޫނެއް އޮންނާނެހެއްޔެވެ؟ ވީމާ ހޭލުންތެރިވާށެވެ!
އެއްވެސް ފާފައަކީ ކުޑަކުޑަ ފާފައެއް ކަމަށް ނުބަލާށެވެ! ކިތަންމެ ކުޑަނަމަވެސް ފާފައަކީ ހަމަ ފާފައެކެވެ. ޤިޔާމަތް ދުވަހު އެންެ ގިނަ ބައަކަށް ނަރަކައަށްދާންޖެހޭނެ އެއް ސަބަބަކީ ކުރެވޭ ކުދި ފާފަތައް ގިނަވުން ކަމުގައިވެދާނެއެވެ. ތިމާއަކީ އެއިގެ ތެރެއިން މީހަކު ކަމުގައިވެދާނެކަމަށް ބިރުވެތިވެގެން އަބަދުވެސް ހުންނާށެވެ! ކިރިޔާވެސް ސަލާމަތްކަމެއް ލިބެން އޮތީ އެއިރުންނެވެ.
ނެތިމޮށުމާއި ދޮގުވާހަކަ ފެތުރުމަކީ ތަފާތު ދެކަމެކެވެ. ނެތިމޮށުމަކީ މީހެއްގެ ޙާޒިރުގައި ދައްކަން ނުކުރޭނެ ވާހަކަތައް އެމީހާގެ ޣައިރު ޙާޒިރުގައި ދެއްކުމެވެ. އެއީ ތެދުވާހަކައެއް ނަމަވެސް އެމީހާގެ ހާޒިރުގައި ދައްކަން ނުކުރޭނެ ވާހަކައެއް ޣައިރު ހާޒިރުގައި ދެއްކުމަކީ ފާފަވެރިވާނެ ކަމެކެވެ. އެކަން ހިމެނޭނީ ނެތިމޮށުން ކަމުގައެވެ.
ދޮގުވާހަކަ ފެތުރުމުގައި ވެސް އަދި ނެތިމޮށުގައިވެސް ފާފަވެރިވާނީ ހަމައެކަނި ވާހަކަ ދެއްކިމީހާއެއް ނޫނެވެ. އެފަދަ ވާހަކަތައް އަޑުއެހި މީހުންވެސް ފާފަވެރިވާނެއެވެ. އެވާހަކަ ދއްކާ މީހާއަށް ދައްކަން ފުރުޞަތު ލިބެނީ އަޑުއަހާނެ ބައަކުތިބުމުންނެވެ. ވީމާ އެފާފަކުރަން މަގުފަހިވެގެން އެދަނީ އަޑުއަހަން ތިބި މީހުންގެ ސަބަބުންނެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން