ރަނގަޅަށް ވިސްނައިފި ކޮންމެ މީހަކަށްވެސް އެނގޭނެ އެއް ކަމަކީ ތިމާއަށް އޮތް އެންމެ މުހިންމުކަމަކީ ސުވަރުގެ ވަދެވުން ކަމެވެ. ސުވަރުގެ ވަދެވޭނީ ޞިރާޠުމަގު ހުރަސްކުރެވިގެންނެވެ. ޞިރާޠުމަގު ހުރަސްކުރެވެން އޮތީ ކެތްތެރިވެވިގެންނެވެ. ވީމާ ކެތްތެރިކަން މިވަނީ ސުވަރުގެ ވަދެވުމާއި ގުޅިލާމެހިފައެވެ.
ކެތްތެރި ވުމަކީ ޞިރާޠު މަގު ފަހިވުމަށް އެދޭ މީހާ އެންމެ ބޮޑަށް ސަމާލުކަން ދޭން ޖެހޭނެ އެއް ކަންތަކެވެ. ފުރިހަމައަށް ކެތްތެރި ވެވޭ މީހާއަކީ ވަރަށް ބޮޑު މަތިވެރިކަމެއް ލިބިގެންވާ މީހެކެވެ. އެހެނީ ﷲ ތަޢާލާ ވޮޑިގެންވަނީ ކެތްތެރިންނާއިއެކުގައި ކަމަށް ވަޙީ ކުރައްވަވާފައި އޮތުމުން ކެތްތެރިކަމުގެ މަތިވެރިކަން އެނގިގެންދެއެވެ.
އަޅުކަން ކުރުމުގަ އާއި ފާފަ ނުކުރުމަށް ކެތްތެރި ނުވެ ޞިރާޠު މަގަކުން ނުދެވޭނެއެވެ. ނަރަކައަށް ވެއްޓި ނުގަނެ ޞިރާޠުމަގު ހުރަހެއް ނުކުރެވޭނެއެވެ. ވީމާ ޞިރާޠު މަގު ހުރަސްކޮށް ސުވަރުގެ ދިއުމަށް އެދޭ މީހާ މިކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދޭށެވެ! ޞިރާޠުމަގު ފަސޭހަކަމާއިއެކު ހުރަސްކުރެވޭ މީހުންގެ ތެރޭގައި ހިމެނުމަށް އުންމީދުކުރާށެވެ!
މިހާރަކަށް އައިސް ކެތްތެރިކަމެވެ ބުނެވިއްޖަނަމަ އާންމު ގޮތެއްގައި ހިތަށް އަންނާނީ ދުނިޔަވީ ކޮންމެވެސް މުޞީބާތަކަށް ކެތްތެރިވާން ޖެހުން ކަމަށެވެ. އެއީ ވެސް ކެތެރިކަމެވެ. ނަމަވެސް ޙަޤީޤަތުގައި ކެތްތެރިކަމުގެ މާނަ ވަރަށް ފުޅަލެވެ. ކެތްތެރިކަން ވަނީ އެތައް ބައަކަށް ބެހިގެންނެވެ.
ﷲ ތަޢަލާއަށްޓަކައި ކުރަންޖެހޭ އަޅުކަން ކުރުމުގައި ކެތެރިވުމަކީ ވެސް އެންމެ މަތިވެރި ދަރަޖައިގެ ކެތްތެރިކަމެކެވެ. ކެތްތެރިކަމުގެ ދަރަޖަ މަތިވެރިކަމުން މިވެނިކަމަކީ އެންމެ މަތިވެރި ކެތްތެރިކަން ކަމަށް ބުނަން އުނދަގޫތަކެއް އެބަހުއްޓެވެ.
ނަމަވެސް ވިސްނައިލާއިރު ކެތްތެރިކަމުގެ ތެރެއިން އަޅުކަން ކުރުމުގައި ކެތްތެރިވުމުގެ ދަރަޖަ ވަރަށް މަތިވެރިއެވެ. އެހެނީ އަޅުކަން ކުރުމުގައި ކެތްތެރި ނުވެވިއްޖެނަމަ އަޅުކަން ފުރިހަމަ ނުވާނެތީއެވެ. ފުރިހަމަ ނުވާނަމަ އަޅުކަމުން ލިބެންޖެހޭ ހަޤީޤީ މަންފާ ނުލިބޭނެތީއެވެ.
ހަމަ އެއާއިއެކު ﷲ ތަޢާލާ ނަހީ ކުރެއްވެވި ކަންކަން ނުކޮށް ހުރުމަށް ވާންޖެހޭ ކެތްތެރިކަމަކީ ވެސް ވަރަށް މަތިވެރި ކެތްތެރިކަމެކެވެ. އެހެނީ އެއްކޮޅުން އެ ފާފައެއް ކުރުމަށް ޝައިޠާނާ ގެންދާނީ ހިތްވަރުދެމުންނެވެ. އަމިއްލަ ނަފުސުގެ ގުނަވަންތައް ދާނީ ފާފަ ކުރުމަށް ދަހިވެތިކުރުވަމުންނެވެ. އެ ހާލަތުގައި ވެސް ފާފައެއް ނުކުރުމަށް ހިތްވަރުކޮށް ތިމާ ކެތްތެރިވުމަކީ ވެސް ކެތްތެރިކަމުގެ ވަރަށް މަތިވެރި ދަރަޖައެވެ.
ކެތްތެރިވާން ބޭނުންވާ އަދި އެކަމަށް އެދޭމީހާއަށް ﷲ ތަޢާލާ ކެތްތެރިކަން ދެއްވަވާނެތެވެ. އެކަމުގެ ކުޑަ މިސާލެއް ކިޔައިދޭނަމެވެ.
މީހަކު މަރުވުމުން ނުވަތަ ބަލިވުމުން ނުވަތަ އެފަދަ މުޞީބާތެއް މެދުވެރިވުމުން ކެތްތެރި ނުވެވެނީ އެފަދަ ޙާލަތުގައި އަމަލުކުރަން ކީރިތި ޤްރްއާނުގައި ބަޔާންވެގެންވާގޮތް މީހުންނަށެވެ.
މީސްތަކުން ދުނިޔެއަށް ފޮނުއްވަވަނީ ކަނޑައެޅިފައިވާ މުއްދަކަށްކަން ﷲ ތަޢާލާ ވަނީ ބަޔާން ކުރައްވަވައިފައެވެ. ވީމާ ތިމާ ކިތަންމެ ލޯބިވާ މީހަކު ނަމަވެސް ދުނިޔެދޫކޮށް ދާންޖެހުމަކީ މީހާ މޮޔަވާ ވަރަށް ކަންބޮޑުވާންޖެހޭ ސަބަބަކަށް ވެގެން ނުވާނެއެވެ.
ހަމައެފަދައިން ބަލިވުން، މުދައު ގެއްލުން ނުވަތަ އެނޫންވެސް މުޞީބާތެއް ކުރިމަތިވުމުން ފުރަތަމަ ވެސް ޤަބޫލުކުރަން ޖެހޭނީ މުޞީބާތްތައް ދުނިޔޭގައި ކުރިމަތިވާނެ ކަމާއި އެކަންކަން ކުރިމަތި ކުރައްވަވަނީ ﷲ ތަޢާލާ ކަމެވެ. އަދި އެކަންކަމުން މިންޖުކުރައްވަވައި ދެއްވަވާނީވެސް ﷲ ތަޢާލާ ކަމެވެ. އެއިރުން ދާނީ ކެތްތެރިވުމުގެ ބާރު ލިބެމުންނެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުނ