ހަނދުމަކޮށްދިނުމެއް!: އެކަންކަން ކުރުމުގަ ޘާބިތުވެ ހުރެއްޖެ މީހާ ސުވަރުގެވައްދަވާނެ 4 ޢަމަލެއްވެއެވެ!: ޙަދީޘް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 47ސ
ހަނދުމަކޮށްދިނުމެއް!: އެކަންކަން ކުރުމުގަ ޘާބިތުވެ ހުރެއްޖެ މީހާ ސުވަރުގެވައްދަވާނެ 4 ޢަމަލެއްވެއެވެ!: ޙަދީޘް

އަހުރެމެންގެ ތެރެއިން ގިނަ ބައަކު ސުންނަތް ރޯދަ ހިފައެވެ. އެކަމަކު މި ހަދީޘްފުޅާއިމެދު ވިސްނައިލަނީ މަދުމީހެކެވެ.

އަބޫހުރައިރާ ރިވާ ކުރެއްވެވި ޙަދީޘްފުޅެއްގައިވެއެވެ. 

"ތިއަބައިމީހުންކުރެ ކާކު ހެއްޔޭ ރޯދަ ހިފައިގެން ހުއްޓާ މިއަދު ހެނދުނުކުރީ؟ އަބޫބަކުރުގެފާނު ވިދާޅުވީ ތިމަންނާއެވެ. ދެން ޙަދިޘްފުޅު ކުރެއްވެވީ ތިއަބައިމީހުންކުރެ ކާކުތޯއޭ މިއަދު ޖަނާޒާއެއްގައި ބައިވެރިވީ؟ އަބޫބަކުރުގެފާނު ވިދާޅުވީ ތިމަންނާއެވެ. ދެން ޙަދިޘްފުޅު ކުރެއްވެވީ ތިއަބައިމީހުންކުރެ ކާކުތޯއޭ މިއަދު މިސްކީނަކަށް ކާންދިނީ؟ އަބޫބަކުރުގެފާނު ވިދާޅުވީ ތިމަންނާއެވެ. ދެން ޙަދިޘްފުޅު ކުރެއްވެވީ ތިއަބައިމީހުންކުރެ ކާކުތޯއޭ މިއަދު ބަލިމީހަކަށް ޒިޔާރަތްކުރީ؟ އަބޫބަކުރުގެފާނު ވިދާޅުވީ ތިމަންނާއެވެ. އެހިންދު ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްފުޅު ކުރެއްވެވީ މިކަންކަން މީހެއްގެ ކިބައި އެއްވެއްޖެ ނަމަ، މާނައަކީ އެމީހަކީ އެމީހަކު އެދުވަހު ހުރީ ރޯދައަށް ކަމަށްވެފައި އެމީހާ އެދުވަހު ޖަނާޒާއެއްގައި ބައިވެރިވެފައި އަދި އެދުވަހު އެމީހަކު މިސްކީނަކަށް ކާންދީފައި އަދި އެދުވަހު އެމީހަކު ބަލިމީހަކަށް ޒިޔާރަތްކޮށްފައިވެ މި 4 ސިފަ އެމީހެއްގެ ކިބައި އެއްވެއްޖެ ނަމަ އެމީހަކު ސުވަރުގެ ވަންނާނެއެވެ!" 

މިހަދީޘްފުޅުން އެނގިގެންދަނީ 4 ކަމެއް ކުރުމުގައި ސާބިތުވެއްޖެ ނަމަ އެ މީހަކު ސުވަރުގެ ވައްދަވާނެ ކަމެވެ. އެ 4 ކަންތަކަކީ:

1 ރޯދަ ހިފުން (ސުންނަތް ރޯދަހިފުން ގިނަކުރުން)

2 ޖަނާޒާތަކުގައި ބައިވެރިވުން

3 ބަލި މީހުންނަށް ޒިޔާރަތްކުރުން

4 މިސްކީނަކަށް ކާންދިނުން 

މި 4 ޢަމަލަށް ބެލިނަމަވެސް ކޮންމެ ކަމަކީވެސް ހަމަ ވަރަށް ފަސޭހައިން ކުރެވިދާނެކަންކަމެވެ. ކެރކުޅަދާނަވީވަރަކުން ސުންނަތް ރޯދަހިފުން ގިނަކުރުމާއި ޖަނާޒާތަކުގައި ބައިވެރިވުމާއި މީސްކީނަކަށް (ކޮންމެދުވަހަކު އެންމެ މިސްކީނަކަށް ނަމަވެސް) ކާންދިނުމާއި ބަލިމީހަކަށް ޒިޔާތްކުރުމަކީ ތާވަލުކޮށްގެން ކުރަން މަސައްކަތްކޮށްފިނަމަ ކޮންމެ މީހަކަށްވެސް ކޮންމެ ދުވަހަކުވެސް ނުހަނު ފަސޭހައިން ކުރެވިދާނެ ކަންކަމެވެ. 

ސުވަރުގެވަނުމުގެ މަގު އެންމެންނަށްވެސް އޮތީ ފަސޭހަކޮށެވެ. ބޭނުންވަނީ އެކަމަށް މަސައްކަތްކުރާނެ ހިތްވަރެވެ! ހަމައެއާއިއެކު ބުނެލަމެވެ. ސުވަރުގެ ލިބުންވަނީ ހީވާގިކަމާއިއެކު އެކަމަށް އެދިގެން މަސައްކަތްކުރި މީހަކަށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން