އަބަދުވެސް ބުނަމެވެ. އަތުގައި ހުރި މިންވަރުން ދީލަތިކަމާއިއެކު ޞަދަޤާތްކުރާށެވެ! މިރޭ ބަލައިލަން މިއުޅެނީ ޙާލަތުހުރި ގޮތުން އެއްޗެއް ދެވެން ނެތިވެސް ކޮށްދެވިދާނެ ބައެއް ކަންކަމަށެވެ. އެއީ އެންމެ ފައިޑާކުރާނެ ކަންތައްވެސްމެއެވެ.
އެކުވެރިއަކަށް ދަތި ޙާލަތެއް ނުވަތަ ހިތްދަތިކަމެއް ކުރިމަތިވުމުން އޭނާއަށް ކޮށްދޭންވީ ކަންކަން ގިނަބައަކަށް މިވަނީ އޮޅިފައެވެ. ނުވަތަ އެކަންކަމަށް މިވަނީ ޣާފިލުވެވިފައެވެ. ވީމާ ވިސްނައިދެވޭތޯ ބަލާނަމެވެ.
މިހާރަކަށް އައިސް އެކުވެރިއަކަށް ކިތަންމެ ބޮޑު މުޞީބާތެއް ޖެހުނު ނަމަވެސް ކިތަންމެ ބޮޑު ހިތްދަތިކަމެއް ލިބުނު ނަމަވެސް ގިނަ ބައަކު އަވަސްވެގަންނަނީ އޭނާ ގޮވައިގެން ކޮފީއަކަށް ދިއުމަށެވެ. ނުވަތަ ދުނިޔަވީ ކޮންމެވެސް މަޖާގަނޑެއްގެތެރެއަށް އޭނާ ވައްދައި ސިކުނޑި ތަޣައްޔަރުކޮށްލުމަށެވެ.
ޙަޤީޤަތަކީ މިފަދަ އެއްވެސް ކަމެއްގެ ސަބަބުން އޭނާގެ އަސްލު މައްސަލައަށް އެއްވެސް ޙައްލެއް ނުލިބޭނެކަމެވެ. އެވަގުތު އޭނާގެ ވިސްނުން ކަންބޮޑުވމާއި ތަންކޮޅެއް ދުރުވިނަމަވެސް މައްސަލަ ޙައްލުނުވާ ހިނދަކު އޭނާގެ ސިކުނޑިއަށް ލިބޭނެ އެއްވެސް ލުޔެއް ނުއޮންނާނެއެވެ.
ޙާލުގައި ޖެހިފައިވާ އެކުވެރިޔާއަށް ޙައްލެއް ހޯދައިދޭން ބޭނުންނަމަ އެކަމެއް ޙައްލުކުރަން ފޯރުކޮށްދެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދޭށެވެ! ކިތަންމެ ގިނައިން އެކުގައި ކޮފީބުއިނަމަވެސް ގޭމްކުޅުނު ނަމަވެސް އަދި ފިލްމުބެލުން ފަދަ ކަންކަން ކުރި ނަމަވެސް މައްސަލަ ޙައްލުނުވާހައި ހިނދަކު މައްސަލަ ހަމަ އޮތްގޮތަށް ދެމިއޮންނާނެއެވެ.
އެކުވެރިޔާގެ މައްސަލަ ޙައްލުކުރަން ކޮށްދެވޭނެ އެއްވެސް ކަމެއް ނެތްކަމަށް ނުބުނާށެވެ! އެހެނީ އެކުވެރިއަކަށް ކޮށްދެވޭނެ އެންމެ ބޮޑު ހެޔޮކަމަކީ އޭނާއަށް ކުރިމަތިވެފައިވާ ދަތިތައް ފިލުއްވަވައިދެއްވެވުމަށާއި އަދި އޭނާކުރާ ދުޢާ ޢިޖާބަކުރައްވަވައި ދެއްވެވުން އެދި ދުޢާކުރުމެވެ.
މިދެކަންތައް ކޮށްދޭން އަތުން އެއްވެސް ޚަރަދެއްކުރާކަށްވެސް ނުޖެހޭނެއެވެ. އަދި އެއްވެސް ތަކްލީފެއް އުފުލާކަށް ވެސް ނުޖެހޭނެއެވެ. އަދި މި 2 ކަންތައް ކޮށްދިނުމުން ތިބާއަށް މަލާއިކަތުންގެ ދުޢާ ލިބި ﷲ ތަޢާލާ ރަޙްމަތް ލައްވަވާނެތެވެ! އިން ޝާ ﷲ
އަދިވެސް ކޮށްދޭންވީ މުހިންމު ކަމެއް ފާހަގަކޮށްލާނަމެވެ. އެއީ ﷲ ތަޢާލާގެ ޙަޟްރަތުން އުންމީދުކަނޑާނުލުމަށް ހިތްވަރުދިނުމެވެ. އަޅުކަންކުރުން ގިނަކޮށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން އިތުރަށް މަސައްކަތްކުރުމަށް ބާރުއެޅުމެވެ. ހުރިހާ ކަމެއްގެ ޙައްލުވެސް ގުޅިފައިވަނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމާއި ކަމަށްވާތީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން