ލޯބިވުމެވެ ބުނެވޭއިރަށް ގިނަ ބައަކަށް މާނަކުރެވޭނީ ކައިވެނީގެ ކުރިން ލޯބިވެގެން އުޅޭއުޅުމަށެވެ. އެމައްސަލަ ބޮޑުވަމުން އައިސް ކައިވެނީގެ ފަހުން ލޯބިވުންވެސް މިހާރު މިއޮންނަނީ މާދަށު ދަރަޖައަކަށް ވައްޓައިލެވިފައެވެ. ވީމާ ޙަޤީޤީ ލޯބިވުމުގެ މާނަވެސް މިއޮތީ ވަރަށް ބޮޑަށް އޮޅިފައެވެ.
މީސްތަކުންނޭވެ! ސުވަރުގެ ލިބުމަށް އެދޭނަމަ އުޅުމަށް ހެޔޮބަދަލުގެންނާށެވެ! ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުމާ ރުހިވޮޑިގަތުން ލިބޭނެ މަގުން ހެޔޮ ބަދަލު ގެންނާށެވެ! އެކަން މާދަމާއަށް ލަސްނުކުރާށެވެ! މިއަދު އެކަންކުރާށެވެ! މާދަމާ އަކީ ތިބާ އާއި ބައްދަލުކުރާނެ ދުވަހެއް ކަމުގައިނުވެދާނެކަމަށް ވިސްނައިގެން ޢަމަލުކުރުމުން މެނުވީ އާޚިރަތް ކާމިޔާބެއް ނުކުރެވޭނެއެވެ.
ސުވަރުގެ ހާޞިލުކުރަން އެދޭ މީހާ ހަމައެކަނި ތިމާ ﷲ ތަޢާލާ ދެކެ ލޯބިވަމެވެ ބުނުމަކުން ނުފުދޭނެއެވެ. އަދި ނަމާދުކޮށް ރޯދަހިފައި ޒަކާތްދީ ޙައްޖުވެ ހުރިހާ އަޅުކަމެއް ކުރުމަކުންވެސް ނުފުދޭނެއެވެ.
ފުދޭނީ ތިމާގެ ފިރިންނާއި އަނބިންނާއި ދަރިންނާއި މައިންބަފައިންނާއި ޢާއިލާގެ އެންމެންނާއި އަދި އެމީހުންގެ އިތުރުން އެންމެހައި މީސްތަކުން ދެކެވެސް ލޯބިވެގެންނެވެ. ވެވުނުވަރަކުން އެހީތެރިވެގެންނެވެ. ރަޙުމްކޮށްގެންނެވެ. ހެޔޮ ބަސްބުނެގެންނެވެ. ހިނިތުންވެގެންނެވެ.
ﷲ ތަޢާލާ ދެކެ ލޯބިވުމުގެ މާނައިގައި ﷲ ތަޢާލާ އުފެއްދެވި މަޚްލޫޤުންދެކެ ލޯބިވުން ހިމެނިގެންވެއެވެ. ޚާއްޞަކޮށް އެމީހާ ލޯބިވާންޖެހޭ އެމީހާގެ ޢާއިލާގެ މީހުން، ރަޙިމުގެ ގުޅުންހުރި މީހުން ހިމެނިގެންވެއެވެ. އެއެންމެން ދެކެވެސް ލޯބިވެގެން ނޫނީ ފުރިހަމަ ގޮތުގައި ﷲ ތަޢާލާ ދެކެ ލޯބިވެވޭކަމަކަށް ނުވާނެއެވެ.
އަހުރެމެން ދުނިޔެއަށް ފޮނުއްވަވާފައި މިވަނީ ﷲ ތަޢާލާއަށް އަޅުކަން ކުރުމަށެވެ. ތިމާ އެބައަކު ދެކެ ލޯބިވާންޖެހޭ އެންމެންދެކެ ލޯބިވުމަކީވެސް ހަމަ އަޅުކަމެކެވެ. ﷲ ތަޢަލާ އެންމެ ބޮޑަށް ރުހިވޮޑިގަންނަވާ ޢަމަލުވެސް މެއެވެ. ވީމާ ހަމައެކަނި މިސްކިތުގައި ކުރާ އަޅުކަމަކީ އަޅުކަން ކަމަށް ބަލައިގެން ނުފުދޭނެއެވެ.
- މުފްތީ މެންކުގެ ދަރުސަކުން