ވާހަކަ ދައްކާލަން ފުރުޞަތުލިބޭ ގިނަމީހުންނާއި ވާހަކަދައްކައިލުމުން އެނގެނީ އެމީހުން ދިރިއުޅެނީ ދަތިޙާލުގައި ކަމެވެ. އަތްމަތި ދަތިކޮށް ކަމެވެ. ހަމައެއާއިއެކު އެމީހުންގެ ދިރިއުޅުމުގެ ކަންކަން އޮޅުންފިލުވައިލުމުން އެނގެނީ އެމީހުންނަށް ކަންކަން ކުރެވެނީ، ޚާއްޞަކޮށް ޚަރަދުތައް ކުރެވެނީ ޝައިޠޯނާ އެންމެ ރުހޭނެ ގޮތަށް ކަމެވެ. މިއީ ހިތާމަހުރި ކަމެކެވެ.
އެއްވެސް މުސްލިމަކީ ޝައިޠޯނާގެ އަޚަކަށްވާން ބޭނުންވާނެ މީހެއް ނޫނެވެ. އެހެންކަމާއިއެކުވެސް ގިނަ ބައަކު ދަނީ ޝައިޠޯނާގެ އަޚުންނަށްވަމުންނެވެ. ހިތާމައަކީ އެފަދަ ނުބައި ޢމަލުތައް ކުރެވޭއިރު މިކުރެވެނީ އެފަދަ ޢަމަލެއްކަން ނުވެސް ވިސްނޭ ކަމެވެ. ހީވަނީ ގިނަ ބައަކަށް މިކަންކަން ނުވެސް އެނގޭހެންނެވެ. އެނގޭނަމަ ސަމާލުކަން ދޭނެތީއެވެ.
ޝައިޠޯނާގެ އަޚުންނަށް ގިނަ ބައަކު ވަމުންދަނީ އެމީހުންނަށް ﷲ ތަޢާލާ ދެއްވެވި ތަނަވަސްކަން ހޭދަކުރާގޮތުންނެވެ. ތަނަވަސްކަން ދެއްވެވުމުން ﷲ ތަޢާލާގެ މަގުގައި ނޫން ގޮތްގޮތަށް ޚަރަދުކުރުމުންނެވެ.
ﷲ ތަޢާލާ ރުހިވޮޑިގަންނަވާ މަގީ މިސާލަކަށް ފުރަތަމަ ތިމާގެ އަނބިދަރިންނަށާއި މައިންބަފައިންނަށް އެންމެ މުހިންމު ބޭނުންތައް ފުއްދުމެވެ. އަމިއްލަ ބޭނުންތައް ފުއްދުންގެންނަންވާނީ އެއިގެ ފަހަތުންނެވެ. ދެން އޮތީ ޢާއިލީގޮތުން ތިމާގެ މީހުންނަށާއި ހާލުގައިޖެހިފައި ތިބި ނިކަމެތިންނަށް އެހީތެރިވުމެވެ. ޔަތީމުންނަށް ޚަރަދުކުރުމެވެ. ތިމާއަށާއި ތިމާގެ ޢާއިލާއަށް ޚަރަދުކުރުމަކީވެސް ހަމަ ﷲ ތަޢާލާގެ މަގުގައި ޚަރަދުކުރުމެވެ.
ތިމާއަށް ކޮންމެހެން ބޭނުން ނުވާ ތަކެތި ގަތުމަށާއި ކަންކަން ކުރަން ޚަރަދުކުރުމަކީ ﷲ ތަޢާލާ ހުއްދަކުރައްވަވާފައިވާ ކަމެއް ނޫނެވެ. އެކަންވަނީ ނަހީކުރައްވަވައިފައެވެ. ވީމާ ހަމަ އެއްޗެއް ގަތުމުގެ ބޭނުމުގައި ތިމާއަށް ބޭނުންނުވާތަކެތިގަތުމާއި ތިމާއަށް ނުވަތަ އެހެން ބައަކަށް އެކަމަކުން ފައިދާ ނުކުރާނެ ކަންކަމަށް ޚަރަދުކުރާނަމަ އެމީހަކަށް އެވެވެނީ ޝައިޠޯނާގެ އަޚަކަށެވެ!
ކުޑަކުޑަ މިސާލެއްވެސް ބުނެފާނަމެވެ. މީހަކު އޭނާ ހިތްހަމަޖައްސައިލުމަށްޓަކައި ގޭގައި ބަހައްޓަން މައުބޮޑިއެއް ގަނެލުމަކުން އަދި ޝައިޠޯނާގެ އަޚަކަށް ނުވާނެއެވެ. ނަމަވެސް އެންމެ އަގު ބޮޑު މައުތައް ގަނެ، އަދި އެކަމަކީ އަބަދުކުރާ ކަމެއް ކަމުގައި ހަދައިފިނަމަ އެވެވެނީ ޝައިޠޯނާގެ ބައިވެރިއަކަށެވެ. ވީމާ ހިތްހަމަޖައްސައިލަން ޚަރަދުކުރާއިރުވެސް ދެވި ހިފައި ހައްދުފަހަނައަޅައިނުދާށެވެ!
- އުސްތާޛް ނޫމާން ޢަލީ ޚާންގެ ދަރުސަކުން